ވާހަކަ: މަ ހާދަ ލޯބި ވެއޭ - ދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހުކުރު ދުވަހު ހަވީރު އަތިރިމައްޗަށް ދާން ބޭނުން ކަމަށް ނައުޝީން އޮތީ މާ ކުރިން ބުނެފައެވެ. އަސުރުން އިރު ތިރިވެ، ހިޔާޖެހުމުން އެންމެން އެކުގައި ހިނގާފައި ރަށުގެ ހުޅަނގު ފަރާތު ...

07 May 2017 | 05:12

ކުރީގެ އަދަދާއި ގުޅޭ...

ހުކުރު ދުވަހު ހަވީރު އަތިރިމައްޗަށް ދާން ބޭނުން ކަމަށް ނައުޝީން އޮތީ މާ ކުރިން ބުނެފައެވެ. އަސުރުން އިރު ތިރިވެ، ހިޔާޖެހުމުން އެންމެން އެކުގައި ހިނގާފައި ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ނުކުތެވެ.

"ޑެޑީ އަށް އެނގޭތަ މި ރަށު ބީޗް ވަރަށް ރީތި ވާނެ. މާލެ އަށް ވުރެ މާ ރީތި ވާނެ!" މުނާ އާއި ސަމީރުގެ އަތުގައި ހިފައިގެން ހުރެ ނައުޝީން ބުނެލިއެވެ.

އެއީ ތެދެކެވެ. މާ ދުރަށް ފެތުރިފައިވާ ހުދު ވެލިގަނޑު ފެނުމުން ނައުޝާދު ހުރީ ހައިރާންވެފައެވެ. މާހައުލުގެ ސާފުތާހިރުކަމަށް ވަނަ ދޭ ވަރުވެއެވެ. ހީވަނީ އަގު ބޮޑު ރިސޯޓެއްގެ ގޮނޑުދޮށް ހެންނެވެ. ފަޅުތެރެ ވެސް ހީވަނީ ސާފު ބިއްލޫރިކޮޅެއް ހެންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން މޫދާއި އެއްގަމުގައި ކުޅެ، މަޖާކުރަމުން ދިޔައެވެ.

"ދަރިފުޅު ބުނީ ތެދެއް! މި ބީޗް ވަރަށް ރީތި. ދޭބަލަ ވެލިގަނޑު މަތީގަ ދުވެލަން" ނައުޝީން އަރައިގެން ހުރި ކަޅު ބޫޓު ބާލައިދެމުން ނައުޝާދު ބުނެލިއެވެ.

އެއްވެސް ހިޔާލެއް ފިކުރެއް ނެތި، ނައުޝީން އުފަލުން ދެކޮޅަށް ދުވާތަން ދެކެން އެންމެން ތިބީ ހިނިތުންވެފައެވެ. އެ ވަގުތު ވަރަށް ކައިރިން އިތުރު މީހެއްގެ ހިލަން ވީހެން ހީވެގެން ނައުޝަދު ފަސްއެނބުރި ބަލައިލި އިރު ހުރީ ޒިޔާން އެވެ. ކުޑަދަރިފުޅު އުރައިގެން ހިނިތުންވެފައެވެ.

"އައްސަލާމް އަލައިކުމް" ނައުޝާދު ބަލައިލުމުން ޒިޔާން ސަލާމްކޮށްލިއެވެ.

ޒިޔާން ފެނުމުން ނައުޝާދަށް ފުރަތަމަ ވެސް ބަލައިލެވުނީ ނައުޝީން ކޮބާތޯ އެވެ. ނައުޝީން ހުރީ މުނާއާ އެކުގައި ތަންކޮޅެއް ދުރުގައެވެ. ނައުޝާދުގެ ހިތަށް އެރިއެވެ. ޒިޔާނަށް ނައުޝީން ފެނިއްޖެނަމަ އެއީ ޒިޔާންގެ ދަރިއެއްކަން އެނގޭނެބާއެވެ؟ މީހުން ބުނެ އުޅެ އެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދަރިން ވަކިކުރަން އެނގޭނެ އެވެ. އެކަމަކު އޭނާކަށް ނޭނގުނެވެ. ހަޤީޤަތް ހާމަވުމުގެ ކުރިން އޭނާއަށް ނައުޝީން ވައްތަރުވީ ވެސް ޚުދު އޭނާއާ އެވެ.

"މިހާރު ކިހިނެއް؟" ހިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ޒިޔާންގެ ދަރިފުޅުގެ ކޮލުގައި ކޮށްޓާލަމުން ނައުޝާދު އެހިއެވެ.

"ބޭސް ދޭން ފެށިފަހުން ކާންދޭން ތަންކޮޅެއް ފަސޭހަ. މިހާރު އެހެން މީހުން ކާތަން ފެނުނީމަ ކާން ކާން ވެސް ކިޔާ!" ޒިޔާން ހީނލަމުން ބުންޏެވެ.

އިރުކޮޅަކު ސަމީރާ ވާހަކަދައްކާލަން ހުރެފައި ޒިޔާން ދިޔައީ އެވެ. ނައުޝީންއާ ދިމާއަށް ބަލައިވެސް ނުލައެވެ.

"އެއީ ސްކޫލްގެ ޕްރިންސިޕަލް ތަ؟" އެ ދެމީހުން ދެއްކި ވާހަކަ އަހަން ހުރެފައި ނައުޝާދު އެހިއެވެ.

"ވަގުތީ ގޮތުން ސްކޫލް ހިންގުމާ ހަވާލުވެ ހުރީ!" ސަމީރު ބުންޏެވެ.

"ކުރިން ޓީޗަރެއްތަ؟" ޔަޤީން ކޮށްލުމުގެ ގޮތުން ނައުޝާދު އެހިއެވެ.

"އާނ. ކުރިން ޕްރައިމަރީ ޓީޗަރެއް! އެކަމަކު މިހާރު ކިޔަވައިދިނުމުގެ ފުރަތަމަ ޑިގްރީ އޮވޭ!" ސަމީރު އިތުރަށް އޮޅުންފިލުވައި ދިނެވެ.

"އޭނަގެ ދަރިފުޅު ދައްކަން ކުރިން ދުވަހެއްގަ އައި. ފެންނަ ފެނުމަށް ވަރަށް ހިތްހެޔޮ މީހެއް!" ޒިޔާނަކީ ކޮންކަހަލަ މީހެއްތޯ އަހަން ނުކެރިގެން ނައުޝާދު ބުންޏެވެ. ޒިޔާނާ މެދު އެހެން މީހުން ދެކޭގޮތާއި، ފަތިފުށް އެނގެން ނައުޝާދު ނުހަނު ބޭނުމެވެ. އަފްޝީން ކަހަލަ ސިއްރު ކިތައް ލޯބިވެރިން އޭނާ ގެންގުޅޭނެ ހެއްޔެވެ؟ ނައުޝީން ކަހަލަ ކިތައް ދަރިން އޭނާގެ ތިބޭނެ ހެއްޔެވެ؟ އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ވެސް ފުންމާލާނޭ ބުނޭ ނޫން ހެއްޔެވެ؟

"އެއީ ވަރަށް އަހުލާޤު ރަނގަޅު، ހިތްހެޔޮ ހަރުދަނާ މީހެއް! ބެލެނިވެރިންނާ ޓީޗަރުން ވެސް އޭނައާ މެދު ވަރަށް ހިތްހަމަ ޖެހޭ!"

ސަމީރު މުޅިން ވެސް ދެއްކީ ޒިޔާންގެ ރަނގަޅު ވާހަކަ އެވެ. އެއީ ލިއުޝާ އާއި މުނާ ވެސް އަފްޝީން ކައިރީގައި ޒިޔާންގެ ވާހަކަ ދެއްކި ގޮތެވެ. ޒިޔާނަކީ ކޮންމެ ވެސް ކަހަލަ ހާއްސަ ސިފަތަކެއް ހުރި މީހެކެވެ. އެހެން ނޫންނަމަ އަފްޝީންގެ ހިތުގައި އޭނާގެ މައްޗަށް ލޯތްބެއް ނުއުފެދޭނެއެވެ.

ޒިޔާނަށް ހަޤީޤަތް ކިޔައިދޭނެ ގޮތަކާ މެދު ނައުޝާދު ވިސްނަމުން ދިޔައެވެ. ނައުޝީން އަކީ ޒިޔާންގެ ދަރިއެއްކަން އެނގިއްޖެ ނަމަ ވާނީ ކިހިނެއް ބާއެވެ. އޭނާ އެކަން ގަބޫލު ކުރާނެ ބާއެވެ ނުވަތަ ކުރާނީ އިންކާރު ހެއްޔެވެ؟ ނައުޝާދު އެކި ގޮތްގޮތަށް ވިސްނިއެވެ. ޒިޔާނާ ބައްދަލުކުރާނެ ތަނަކާއި ވަގުތެއް ކަނޑައެޅިއެވެ. ވާހަކަ ދައްކާނެ ގޮތާއި ތަރުތީބު ހިތުގައި ރާވާލިއެވެ. ހޮސްޕިޓަލްގައި އުޅޭ މީހެއްގެ އަތުން ޒިޔާންގެ މޮބައިލް ނަމްބަރު ވެސް ހޯދިއެވެ. އެކަމަކު އެންމެ ފަހުވަގުތު ހިޔާލު ބަދަލުވެ، ޒިޔާނަށް ގުޅުން ފަސްކޮށްލިއެވެ. އަފްޝީން ލިޔެފައިވާ ފޮތް ހުދު ކަރުދާހުން ބަންދު ކުރުމަށްފަހު ސްކޫލުގެ މަސައްކަތު މީހަކާ ހަވާލު ކުރިއެވެ.

ޕާރުސަލް ލިބުނު އިރު ޒިޔާން އިނީ އޭނާ އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ.

"ޑރ. ނައުޝާދުގެ ފަރާތުން ޒިޔާނަށް." ޕާރުސަލްގެ ބޭރުގައި ނޫ ގަލަމަކުން ލިޔެފައި އޮތެވެ.

ހައިރާންކަމާއެކު ޒިޔާން ޕާރުސަލް ކަނޑާލިއެވެ. އޭގައި އޮތީ އާދައިގެ ނޯޓު ފޮތެކެވެ. ޒިޔާން އެ ފޮތް ހުޅުވާލިއެވެ.

"މަ ހާދަ ލޯބިވެއޭ!" ބޮޑު އަކުރުން ލިޔެފައިވާ ނަން ކިޔާލުމަށްފަހު ޒިޔާން ފުރަތަމަ ގަނޑު އެއްލިއެވެ.

"ޒިޔާން އެވެ. މަ ހާދަ ލޯބިވެއެވެ." ރަތް ދެލިން ލިޔެފައިވާ ފޮތުގެ ފުރަތަމަ ދެ ޖުމުލަ ކިޔާލެވުމާއެކު ޒިޔާންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ހީވީ މޭގެ ކަށިތައް ފަޅާލުމަށްފަހު ހިތް ބޭރަށް ނުކުމެދާނެ ހެންނެވެ. ނޭވާ އަވަސްވެ، ހާސްވާން ފެށިއެވެ.

"ޝީން" ޒިޔާނަށް މަޑުމަޑުން އަފްޝީންގެ ނަން ކިޔާލެވުނެވެ. އެއަށްފަހު އަމިއްލަ ނަސުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން އެ ފޮތް ކިޔަން ފެށިއެވެ.

ޒިޔާނަށް ނައުޝާދުގެ މޮބައިލް ނަމްބަރު ނޭނގޭނެ ކަން އެނގޭއިރު ވެސް ނައުޝާދަށް އިންތިޒާރު ކުރެވުނީ ޒިޔާންގެ ކޯލަކަށް ނުވަތަ މެސެޖަކަށެވެ. ބޭއިޚުތިޔާރުގައި އިރުއިރުކޮޅުން ފޯނަށް ބަލައިލެވެ އެވެ. ގަޑި އަށް ބެލެއެވެ. އެ ފޮތް އެއްކޮށް ކިޔާ ނިންމުމަށް ހޭދަވާނެ ވަގުތު އަންދާޒާ ކުރެވުނެވެ.

"ސަމީރު އަތުން އަހަރެންގެ ނަމްބަރު ހޯދައިގެން ވެސް ގުޅަން ވެއްޖެ އެއްނު؟" ހިތާހިތުން ނައުޝާދަށް ބުނެވުނެވެ. އޭރު ހަވީރު ފަހެއް ޖަހައިފިއެވެ.

ސްކޫލުގައި އިނދެފައި ޒިޔާން ގެއަށް ދިޔައީ ހަވީރު ވީފަހުންނެވެ. ދިޔައީ ދާހިތަކުން ނޫނެވެ. ދެފަހަރަކު ލަމްހާ ގުޅުމުންނެވެ. އޭނާގެ ހޭވިފައިވާ ބޮލާއި، ރަތް ވެފައިވާ ދެ ލޯ ފެންނަ ކޮންމެ މީހަކަށް ވެސް އޭނާގެ ހާލަތު ވަޒަން ކުރެވޭނެއެވެ. ހީވަނީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ތާޒާ ކަމެއް ނެތެވެ. ދެ ލޮލުން ފެންނަނީ ވަރުބަލިކަމެވެ.

ގޭ ދޮށުގައި ސައިކަލު ބެހެއްޓުމަށްފަހު މަޑު ހިނގުމެއްގައި ގޮސް ޒިޔާން ކޮޓަރިއަށް ވަނެވެ. އޭރު ލަމްހާ ލޯގަނޑު ކުރިމަތީގައި ހުރެގެން ފަރި ބަލަނީ އެވެ.

"ވަގުތު އައިސް ޖެހުނު އިރުވެސް ހެދުން ހެޔޮވަރެއް ނުވެ" ޖަރީކުރެވިފައިވާ މަޑު ނޫކުލައިގެ ހެދުމެއް ލައިގެން ގޮތްގޮތަށް އެނބުރެމުން ލަމްހާ ބުނެލިއެވެ.

ލަމްހާ އަށް ސަމާލުކަން ނުދީ ޒިޔާން ގޮސް އެނދުގައި ހުރަހަށް އޮށޯތެވެ. ދެ އަތްތިލަ ބޯ ދަށަށް ލައްވާލަމުން ދެ ލޯ މަރާލިއެވެ. ބޮލުގެ ރިހުން ގަދަވެގެން ގޮސް ހީވަނީ ބޯ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ އެއާ އެކު ހިތުގައި އަޅަމުންދިޔަ ވޭން ވެސް ކުޑައެއް ނޫނެވެ. ހިތް ރޯ ރުއިމާއި، އޮހޮރޭ ލޭ އެނގޭނީ ހިތް ފެންނަން އޮންނަނަމަ އެވެ.

"ޒިޔާންގެ ގަމީސް ހުންނާނެ އަލަމާރީގަ. ހެޔޮވަރު ކޮށްލާބަލަ!" ލޯގަނޑުން ޒިޔާނަށް ބަލައިލަމުން ލަމްހާ ބުންޏެވެ. "ހެޔޮވަރު ނޫނަސް ދެން ކުރެވޭނެ ކަމެއް ނޯންނާނެ. ވަގުތު އައިސް ޖެހިފަ މި އޮތީ!" ޒިޔާނާ ވާހަކަ ދައްކަމުން ލަމްހާ ހެދުން ބަދަލުކުރިއެވެ. އެކަމަކު ޒިޔާންގެ ފަރާތުން އެއްވެސް ޚަބަރެއް ނުވިއެވެ. އެނދުގައި އޮށޯވެ ނިދީ ކަމަށް ހީކޮށް ލަމްހާ އޭނާއާ ގާތް ވެލުމަށްފަހު މޫނަށް ބަލައިލިއެވެ. ޒިޔާން އޮތީ ދެ ލޯ ހުޅުވައިގެން އެނބުރެމުންދާ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ޒިޔާން. ކިހިނެއްވީ؟" ހައިރާންކަމާއެކު ލަމްހާ އެހިއެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ. ލަމްހާ މަޑުމަޑުން ޒިޔާންގެ މޫނުގައި އަތް ޖައްސާލިއެވެ. އޭނާ އޮތީ ހުން އައިސްފަ އެވެ.

"ޔާރައްބީ. . . ހުސް އައިސްފައެއްނު ތި އޮތީ. ތި ވަރުވެފަ އޮތްއިރު ވެސް ކީއްވެތަ މާ ލަހުން ތި އައީ؟" ލަމްހާ ޝަކުވާ ކުރިއެވެ.

"ބިޒީ ދުވަހެއް!" ޒިޔާން އެންމެ ފަސޭހަ ޖަވާބު ދިނެވެ.

"އަންނާނަން ބޭސް ގުޅައެއް ހިފައިގެން"

ލަމްހާ ތެދުވެގެން ގޮސް ކޮޓަރިން ނުކުތުމާއެކު އެއްވެސް ހިފެހެއްޓުމެއް ނެތި ޒިޔާންގެ ދެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނާގެ ހިތް އެދެނީ ރޯށެވެ. ހިތް ފުރެންދެން ރޯށެވެ. އެކަމަކު އަފްޝީން އާއި ދަރިފުޅުގެ މަޢާފު ނުލިބެނީސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާ އަކީ ވަރަށް ބޮޑު ކުށްވެރިއެކެވެ. އެއީ މަޢާފު ހައްޤުވާ ވަރަށް ވުރެ ވެސް ބޮޑު ކުށެކެވެ. އަފްޝީންގެ ކުރިމައްޗަށް ދާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ ނައުޝާދާ ހަތަރުކަޅި ހަމަކުރަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކި ވެސް އިންސާނެކެވެ. ގަމީހަކާއި ފަޓުލޫނެއް ލައިގެން އުޅެނީ ކަމަކު އެވެ. ނަމަވެސް ހަޤީޤަތަށް ފިލާކަށް ދެން ނުދުވެވޭނެއެވެ. ފަސް އަހަރު ކުރީގެ މާޒީ އެނބުރި އަތުވެއްޖެ އެވެ. ހުވަފެނެއް ކަމުގައި ހީކުރި ދުވަސްތައް ދިރިހުރި ހަޤީޤަތެއްގެ ގޮތުގައި މުޅި އުމުރަށް ފެންނަން ހުންނާނެހެން އޭނާގެ ކުރިމައްޗަށް އަތުވެއްޖެ އެވެ.

"ޒިޔާން! ރޮނީތަ؟"

ލަމްހާ އައި ކަމެއް ޒިޔާނަކަށް ނޭނގުނެވެ. އެނާ އަވަސް އަވަހަށް ދެ ލޯ ފުހެލިއެވެ.

"ވަރަށް ބޮޑަށް ބޮލުގަ ރިހެނީ" ބަލި އަޑަކުން ޒިޔާން ބުންޏެވެ.

"މެންދުރު ނުވެސް ކައި ތި އުޅެނީ" ލަމްހާ ޒިޔާނަށް ޕެނަޑޯލް ގުޅައެއް ކާންދިނެވެ. "އަންނާނަން ކާއެއްޗެއް ހިފައިގެން. ޕާޓީ އަށް ދާން ވާއިރަށް ރަނގަޅު ވާން ޖެހޭނެ އެއްނު؟"

ޕާޓީ ފެށެން ދެތިން ގަޑި އިރަށް ވެފައި ވަނިކޮށް ޒިޔާން ބަލިވުމުން ލަމްހާ ހުރީ ފިކުރު ބޮޑުވެފައެވެ. ލަމްހާގެ ހުރި ހަމަ އެކަނި އަންހެން ކޮއްކޮ ރަށުގެ ޤަދަރުވެރި، މުއްސަނދި އާއިލާއެއްގެ ފިރިހެން ކުއްޖަކާ ކައިވެނި ކުރަނީ އެވެ. ރަށު ފެންވަރުގައި ފާހަގަ ކޮށްލެވޭހާ ކުލަ ގަދަކޮށް ހަފުލާގެ ކަންކަން ވަނީ އިންތިޒާމު ކުރެވިފައެވެ.

އިޝާ ނަމާދުކޮށް ނިމިގެން ނައުޝާދު ފޯނަށް ބަލައިލީ ވަރަށް އުއްމީދާ އެކުގައެވެ. އެކަމަކު ޒިޔާންގެ ޚަބަރެއް ނުވިއެވެ. ނައުޝާދުގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ޒިޔާނަށް ގުޅަން ވެސް ހިތަށް އެރިއެވެ. އެކަމަކު އެންމެ ފަހުން ލިޔުނީ މެސެޖެކެވެ.

"މައި ނަމްބަރ -ޑރ. ނައުޝާދު-" ނައުޝާދު މެސެޖު ފޮނުވާލިއެވެ.

ޖީބުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުން ޒިޔާން ފޯނު ނަގައި ބަލައިލިއެވެ. އެއީ ނައުޝާދުގެ މެސެޖެއް ކަން އެނގުމުން ދެ އަތް ތުރުތުރު އަޅައިގަތެވެ. މޫނުމަތި ރަތްވެ، ލަދުވެތިކަމުގެ އިސްޖެހުނެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި އޭނާގެ ވިސްނުން ބަދަލު ކުރިއެވެ. އޭނާ އަށް ނައުޝާދަށް ފިލައިގެންނެއް ނޫޅެވޭނެ އެވެ. ކޮންމެ ވެސް ދުވަހަކުން ނައުޝާދާ ކުރިމަތިލާން ޖެހޭނެއެވެ. މިކަން އިންސާފުވެރި، ރަނގަޅު ގޮތަކަށް ނިންމޭނީ ވެސް ނައުޝާދަށެވެ. އެއީ އަފްޝީންގެ ފިރިމީހާ އެވެ. މިހާ ގިނަ ދުވަސް ކޮށްފައި އެމީހުން ޒިޔާނަށް މިކަން އެންގުމުގެ މަޤުޞަދެއް ވެސް އޮންނާނެއެވެ.

"ގުޅާނަން" ވަރަށް ހިތްވަރު ކޮށްފައި ޒިޔާން މެސެޖެއް ކުރިއެވެ.

*** ނުނިމޭ ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް