ހއ. އުލިގަމު ބޭރުގައި އޮތް ދޯންޏެއްގެ ކެޕްޓަން ހާލު ދެރަވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ށ. ފޯކައިދޫ، ރަންކޮކާގޭ މުހައްމަދު ޔޫސުފެވެ. އޭނާގެ ހަށިގަނޑު މިހާރު ފޯކައިދުއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާސިފް ކަށަވަރުކޮށްދެއްވިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ހއ. އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭލު ބޭރުގައި އޮތް "ނުޖޫމް2" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެއްސެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތެރިވި ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 1138 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އެހީގައި ކައްޕި ގެންދިޔައީ އއ. ދިއްދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަރުވީ އެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައިނުވާތީ އޭނާ މަރުވީ ކިހާ އިރަކުކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް