ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. ފުލުހުންގ...

13 Dec 2018 | 17:18

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. ފުލުހުންގެ އިދާރާއިން ފޮނުވި ޗިޓުގައި ބުނެފައިވަނީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެ އެވެ. އެކަމަކު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ މީޑިއާގައި ވިދާޅުވެފައިވަނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ މިދިޔަ ރިޔާސީ އިންތިހާބު ވަރަށް ގާތް ވެފައި ވަނިކޮށް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާވި މައްސަލަ އާއި ގުޅިގެން ކަމަށެވެ. މި މައްސަލައިގަ އިތުރު މީހަކަށްވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި އެވެ.

މި މައްސަލަ ފެންމަތި ކުރީ އިނގިރޭސި ނޫސް އެޖެންސީ، އަލްޖަޒީރާއިންނެވެ. އެ އެޖެންސީން އޭރު ބުނެފައިވަނީ އިންތިހާބާއި ވަރަށް ގާތްވެފައި ވަނިކޮށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ)  އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަލްޖަޒީރާއިން އެ މައުލޫމާތު ހޯދީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކަން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ ސަމާލު ކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދި ފޮނުވި ސިޓީ އަކުން ކަމަށް ބުނެފައިވެ އެވެ. އެ ސިޓީގައިވާގޮތުން އެ ފައިސާ އެކައުންޓުން ނަގާފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި އެވެ.

އެ މުއާމަލާތްތައް ބަލައިދިނުމަށް އެފްއައިޔޫން އެދުނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އޭރު އެ ތަހުގީގު ފަށާފައި ނުވިޔަސް، އިންތިހާބުގެ ފަހުން އެ ތަހުގީގަށް ފުލުހުންގެ ބައެއް އޮފިސަރުން ބާރު އަޅާފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކާއި ބައެއް މަރުގެ މައްސަލަތައް ބެލުމަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ކޮމިޝަނެއް އުފައްދަވާފައި އެވެ. އެކަމަކު އަދި ކޮމިޝަންގެ ރަސްމީ މަސައްކަތްތަކެއް ނުފެށެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް