ކައްސައިލުން، ވެއްޓުން، އަރިއަޅައިލުން ފަދަ ކަންކަމުން ލިބޭ ކުއްލި ތަދުތަކަށް އަހަރެމެންނަށް މާކަބޮޑު ސަމާލު ކަމެއް ނުދެވެ އެވެ. ގިނަ ފަހަރަށް ތަޅުވާލާފައި، OK ކަމަށް ނިންމައި ކުރިއަށް ވަޑައިގެންނެވެނީ އެވެ. ފަހުން އެކަން ހަނދައިންވެސް ނުވެ އެވެ.
ނަމަވެސް ހަގީގަތަކީ އެފަދަ ތަދުތަކުން ވާ ގެއްލުން ބޭރަށް ފެންނަން ނުހުންނަ ކަމެވެ. އަދި އަޅައިނުލާ ދޫކޮށްލައިފިނަމަ ލިބިދާނެ ގެއްލުމުގެ ބޮޑުކަން އަހަރެމެންނަށް އަންދާޒާވެސް ކޮށްނުލެވޭ ކަމެވެ.
މި އާޓިކަލްގައި ބަލައިލަން މިއުޅެނީ މިގޮތަށް ވާ ހަތަރު ތަދެއްގެ ވާހަކަ އެވެ. އަޅައިނުލާ ދޫކޮށްލައިގެން ނުވާނެ ހަތަރު ތަދެއްގެ ވާހަކަ އެވެ.
1 – ދުޅަ ވުމާއެކު ކަކުލު ހުޅަށް ވާ ތަދު
އޯތޯޕެޑިކް ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި، ކަކުލަށް ކުއްލިއަކަށް އަރާ ތަދާއި، އަޑެއް އިވިފައި އަރާ ތަދާއި، ދުޅަ ވުމާއެކު އަރާ ތަދަކީ ކަކުލު ހުޅަށް ނުރައްކާތެރިކަން ކުރިމަތި ކުރުވަފާނެ ތަދު ތަކެކެވެ. މިފަދަ ތަދުތަކަށް އަޅައިނުލެވި ދިރިއުޅުމައިގެން ކުރިއަށްދެވޭނަމަ ދުޅަ އިތުރަށް ގޯސްވެ ހުޅުގެ "ކާޓިލޭޖް" އެކީގައި ހަލާކުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މި ތަދަކީ އަޅައިނުލާ ދޫކޮށްލައިގެން ވާނެ ތަދެއް ނޫނެވެ.
މިފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ލަސް ނުކުރައްވައި އަވަހަށް ޑޮކްޓަރަކަށް ދައްކެވުން މުހިންމެވެ.
2 – އުނަގަނޑަށް ތަދުވުން
އެނގިލައްވާތޯ އެވެ. އުނަގަނޑަށް ތަދުވާކަމުގައިވަނީނަމަ އެކަމަކީ މައި ބަދައިގެ ބަދައެއް ގުޑިފައި އިނުމުން ވާ ތަދެއް ކަމުގައިވުންވެސް އެކަށީގެން ވެ އެވެ. މިފަދަ ހާލަތެއްނަމަ އެ ސަރަހައްދެއްގެ ނާރުތަކާއި ލޭގެ ހޮޅިތަކަށް ޕްރެޝަރު ކޮށް ތަދާއި އައްސިވުމުގެ އިހުސާސް ކުރުވަފާނެ އެވެ. އަދި އުނަގަނޑުގެ އެއް ފަޅިއަށް ނުވަތަ އަތާއި ފަޔަށްވެސް މިކަމުގެ ސަބަބުން ތަދު ވާސިލުވުން އެކަށީގެން ވެ އެވެ. ހާއްސަގޮތެއްގައި ތަދު ގަދަވާވަގުތަކީ ރޭގަނޑު ކަމުގައިވަނީ ނަމަ ލަސް ނުކުރައްވައި ޑޮކްޓަރެއްގެ އެހީ ހޯއްދަވާށެވެ. ނޫންނަމަ ދާއިމީ ގޮތެއްގައި ނާރުތަކަށް ގެއްލުންވުން އެކަށީގެންވެ އެވެ.
3 – ފައި ފުރޮޅާލުން
އާންމު ދިރިއުޅުމުގައި މި ކަމަކީ ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. މިކަން ދިމާވާ ވަގުތު ފައި އެގޮތް މިގޮތަށް ތަޅުވާލުމާއެކު ވަގުތީ ރާހަތެއް ލިބުމުން މިކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ހީވެދާނެ އެވެ. ނަމަވެސް އެނގިލައްވާތޯ އެވެ. ފައި ފުރޮޅާލުމުގެ ސަބަބުން ކުޑަހުޅުގެ ލިގަމެންޓްސް ދެމިގެން ދިއުން ނުވަތަ ލިގަމެންޓްސް އިރައިގެން ދިއުންވެސް އެކަށީގެން ވެ އެވެ. އަދި އެ ސަރަހައްދުގެ ލޭގެ ހޮޅިތަކަށް ގެއްލުންވުންވެސް ހަމަ އެކަށީގެން ވެ އެވެ.
ފައިފުރޮޅާލުމަށްފަހު ދުޅަވެއްޖެ ނަމަ، އަތް ޖައްސާލާވަގުތު ކެތް ނުކުރެވޭ ވަރަށް ތަދުވާނަމަ، ތަދާއި ނުލާ ފިޔަވަޅު ނޭޅޭ ނަމަހީ ހުޅުގެ ކާޓިލޭޖަށް ދާއިމީ ގެއްލުމެއް ލިބުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންކަމުން މި ތަދަށް އަޅައިނުލާ ދޫކޮށްލުމުގެ ބަދަލުގައި ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ.
4 – ކޮނޑުހުޅަށް ތަދުވުން
އެނގިލައްވާތޯ އެވެ. ކޮނޑު ހުޅަކީ ހަތަރު ބަޔަކަށް ބެހިގެންވާ މަސް މުނި އެކުލެވިގެންވާ ޖޮއިންޓެކެވެ. ކޮނޑުހުޅަށް ތަދުވާނަމަ މީގެން މަސްފޮއްޗަކަށް ގެއްލުމެއް ލިބިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްޗެއް އުފުލާ ވަގުތުގައި ކޮނޑުހުޅަށް ވާ ތަދު އިތުރުވާނަމަ ނުވަތަ އެފަދަ ވަގުތުތަކުގައި ކޮނޑުހުޅުން އަޑެއް ކިޔާނަމަ ޑޮކްޓަރުން ލަފާ ދެއްވަނީ ލަސް ނުކުރައްވައި ޑޮކްޓަރެއްގެ ލަފާ ހޯއްދެއްވުމަށެވެ.
މި ލިޔުމަށް މައުލޫމާތު ނަގާފައިވާ މަސްދަރުތައް:-
Ankle Sprain (n.d.). Retrieved October 11, 2017, from https://www.healthline.com/health/ankle-sprain
Slipped (Herniated) Disk (n.d.). Retrieved October 11, 2017, from https://www.healthline.com/health/herniated-disk
Treating Sprains and Strains: Are You Doing It Wrong? (n.d.). Retrieved October 11, 2017, from https://www.healthline.com/health-news/rice-method-for-sports-injuries-not-best-practice-040314#1
What are Knee Ligament Injuries? (n.d.). Retrieved October 11, 2017, from https://www.webmd.com/fitness-exercise/guide/knee-ligament-injuries#1
What is a Rotator Cuff Tear? (n.d.). Retrieved October 11, 2017, from https://www.webmd.com/fitness-exercise/guide/rotator-cuff-tear#1
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް