ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެޅި 14 ގެއެއް ނިންމާ އާއިލާތަކާއި ހަވާލުކޮށްފި

ސުނާމީގައި ހާލުގައި ޖެހުނު ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. މާމެންދޫގައި ސިފައިން މިހާރު ކުރަމުންދާ މަސައްކަތުގައި 14 ގެއެއް ނިންމާ މި...

13 Dec 2014 | 12:02

ސުނާމީގައި ހާލުގައި ޖެހުނު ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. މާމެންދޫގައި ސިފައިން މިހާރު ކުރަމުންދާ މަސައްކަތުގައި 14 ގެއެއް ނިންމާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާ ހަވާލުކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި 14 ގެ އަކީ މާމެންދޫގެ ވަގުތީ ހިޔާގައި ދިރިއުޅެމުން ދިޔަ 14 ޢާއިލާގެ 14 ގެ ކަމަށާއި އެހެންކަމުން ވަގުތީ ހިޔާގައި ދިރިއުޅެމުން އައި ހުރިހާ ފަރާތްތައް މިހާރު ވަނީ އަލަށް އިމާރާތްކުރި ގެތަކަށް ބަދަލުވެފައި ކަމަށެވެ. ސިފައިން މަސައްކަތް ފެށިތާ 10 ދުވަހުގެ ތެރޭގައި ނިންމި މި ގެތައް އެމްއެންޑީއެފްގެ ފަރާތުން އެ މިނިސްޓްރީ އާ ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. ގެތަކާއި ޙަވާލުވެވަޑައިގެންނެވީ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ޒިޔާދެވެ.

މާމެންދޫގައި ސިފައިން ނިންމި 14 ގެ މިހާރު ވަނީ އެގޭގެ ވެރިފަރާތްތަކާ ހަވާލު ކޮށްދެއްވާފައެވެ. މާމެންދޫގައި ޤާއިމު ކޮށްފައިވާ އެމްއެންޑީއެފް އޮޕަރޭޝަން ސެންޓަރުގައި މި މަހުގެ 10 ވަނަ ދުވަހު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެފަރާތްތަކާ ގޭގެ ތަޅުދަނޑި ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ.

އެމްއެންޑީއެފުން ބުނީ މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ޒިޔާދާއި، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އެރަށުގައި ސިފައިން މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށާއި 14 ގެ ނިންމާ ވަގުތީ ހިޔާގައި ތިބި ފަރާތްތަކާއި ހަވާލުކުރުމަށްފަހު އިތުރު 20 ގެ ނިންމުމުގެ މަސައްކަތްވެސް ސިފައިން ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

ގެ ތައް ނިންމުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސިފައިން ދަނީ ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ސިމެންތީގެ މަސައްކަތްތަކާއި ކޮންކްރީޓްގެ މަސައްކަތުން ފެށިގެން ސީލިންގ ކުރުމާއި ބޯޑަރު އެޅުމާއި، ތަށި މުށި ޖެހުމާއި، ދޮރުފަތާއި ފެންލައިޓް ހަރުކުރުން ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އަދި ބައެއް ގޭގެ ފާޚާނާތަކުގައި ތަށިމުށި ޖެހުމާއި، ހުރިހާ ގެއެއްގެ ފާޚާނާތަކުގެ ޖަންކްޝަނަށް ގުޅަން ޖެހޭ ހޮޅި އެޅުމާއި، ޖަންކްޝަން ވަޅު ގަނޑު ނުބަހައްޓާ ހުރި ގޭގޭގެ ޖަންކްޝަން ވަޅުގަނޑު ބެހެއްޓުމާއި، ހުރިހާ ގެއެއްގެ ފެން ނަގާ ވަޅު ބަހަށްޓައިދީ މި ހުރިހާ ގެއެއްގެ އެތެރެ އާއި ބޭރުގައި ކުލަ ލުމުގެ އިތުރުން، ދަވާދުގެ މަސައްކަތާއި ބަދިގެތަކުގައި ސިންކް ބެހެއްޓުމާއި ފެންވައިރު ކުރުމުގެ މަސައްކަތާއި ބޯން ބޭނުންކުރާ ފެން އަޅާ ތާނގީތައް ބެހެއްޓުމުގެ އިތުރުން ކަރަންޓުގެ ހުރިހާ މަސައްކަތެއްވެސް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް