ސަރުކާރު މުވައްޒަފުންނަށް، ހިލޭ ނުވަތަ ހާއްސަ އަގުތަކެއްގައި އިންޑިއާ އަށް ދަތުރު ކުރެވޭނެ ސްކީމެއް ތައާރަފްކުރަން އިންޑިއާ ސަރުކާރުން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނި ގޮތުގައި އިިންޑިއާގައި އަމަލު ކުރަމުން އަންނަ ލީވް ޓެރެވަލް ކޮންސެޝަން (އެލްޓީސީ) ސްކީމް ރާއްޖޭއާއި ސްރީ ލަންކާ އާއި ބޫޓާންގެ އިތުރުން ނޭޕާލް ސަރުކާރު މުވައްޒަފުންނަށް ތައާރަފްކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. މި ސްކީމް ސާކްގެ ބައެއް ގައުމުތަކަށް ތައާރަފްކުރަން ނިންމީ އެ ގައުމުތަކުން އިންޑިއާ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުގައިވެ އެވެ.
ލީވް ޓެރެވަލް ކޮންސެޝަން (އެލްޓީސީ) ސްކީމް އަކީ އިންޑީއާގެ އިރުއުތުރު ސްޓޭޓުތަކާއި ކަޝްމީރަށް ދަތުރު ކުރާ އިންޑިއާ ސަރުކާރު މުވައްޒަފުންނަށް ހުޅުވާލާފައިވާ ސްކީމެކެވެ. އެ ސްކީމް ތައާރަފް ކުރީ 2011 ވަނަ އަހަރު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިކަމަށް އެ ނޫހުގައި ބުނެފައިވަނީ 20 ލައްކަ ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެލްޓީސީ ސްކީމް ތައާރަފް ކުރުމުން ސާކު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ރަނަގޅުވާނެ އެވެ. ނަމަވެސް އިންޑީއާއިން އެ ސްކީމަށް އަމަލު ކުރަން ފަށާނީ މި ގައުމުތަކުގެ މެދުގައި އެއްބަސްވުންތަކެއް ގާއިމް ކުރެވިގެނަކަމަށް ބުނެފައި ވެއެވެ.
އެ ސްކީމަކީ ޝަރުތުތަކެއް ހިމެނޭ ސްކީމެކެވެ އޭގެ ތެރޭގައި އަހަރަކު ހިލޭ ކުރެވޭނެ ދަތުރުގެ އަދަދާއި ދަތުރު ކުރެވޭނެ އެއާލައިނާއި އެއާލައިންގެ ކްލާހާއި ދަތުރުގެ ބޭނުމާއި ޑިސްކައުންޓް ލިބޭނެ މިންވަރުތައް ހިމެނެ އެވެ. ނަމަވެސް ހުރުމާއި ކެއުމާއި އެ ނޫން ވެސް އެފަދަ ހަރަދުތައް މި ސްކީމުން ކަވަރެއް ނުކުރާނެ އެވެ.
ރާއްޖެ، ލަންކާ، ނޭޕާލް އަދި ބޫޓާންގެ ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށް އެލްޓީސީ ސްކީމެއް ތައާރަފްކުރަން އިންޑިއާ އިން ވިސްނަމުންދާ އިރު، މިދިޔަ އަހަރު އިންޑިއާ އަށް ދިޔަ ދިވެހިންގެ އަދަދު 10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް