އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާފަރާއި ރ. މަޑުއްވަރީގައި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، އިންޑި...

13 Nov 2019 | 14:39

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފަރާއި ރ. މަޑުއްވަރީގައި ޤާއިމްކުރުމަށް ނިންމާފައިވާ 25 ޓަނުގެ 2 އައިސްޕްލާންޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ބީލަމުގެ އުސޫލުން ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވުނު މިޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޢާއެވެ. ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

މިޕްރޮޖެކްޓް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ޖުމްލަ 7,992,529.30 ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މިއައިސްޕްލާންޓްތައް ޤާއިމްކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި މިމިނިސްޓްރީއިން ދެކޭކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް