ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާފައި ހުރި ކ.ގުރައިދޫ ދާއިރާގެ މެމްބަރޫ އިބްރާހިމް ރިޒާގެ އިތުބާރުނެތްކަމަށް އިއްޔެ މަޖިލީހުނަ ފާސްވުމާއި ގުޅިގެން ރިޒާ ޖޭއެސްސީން ވަކިކޮށް އެ މަގާމަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާއި ޕީޕީއެމުން ދެ މެމްބަރެއްގެ ނަން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަމެވެ. އަދި އެ ނަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމްވަނީ ތާއީދުކުރައްވާފައެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަންވެސް މިމަގާމަށް ހުށަހަޅުއްވާފައި ވެއެވެ. އަދި އެ ނަމަށް ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ތާއީދު ކުރެއްވިއެވެ. ދެ ނަމަށް ވޯޓަށް އެހުމަށް ހަމަޖެހި ވަނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.
ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ. ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް