ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ކަނޑައަޅާފައިވާ އައިޝަތު ވެލެޒިނީ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެއައީ މިއަދު ކޮން ވަގުތެއްގައި ކޮން ފްލޭޓަކުންކަން ކަށަވަރުނުވިނަމަވެސް ވެލެޒިނީ ރާއްޖެއައިސް އެއާޕޯޓުން ނިކުންނަ މަންޒަރާއި އެއާޕޯޓް ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ވެލެޒިނީ ރާއްޖެ އައިސްފައިވާއިރު ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.
"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު މީހަކު މިފަދަ ވާހަކަތަކެއް ދައްކައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިގޮތުން ބަލާއިރު ޢާއިޝަތު ވެލެޒިނީ މުޙައްމަދުގެ މިވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެ ބަޔާނާއެކު ވެލެޒިނީ ފުލުސް އޮފީހަށް ހާޒިރުވާންވެސް ފުލުހުން އަންގާފައިވެއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ ވެލެޒިނީ ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް