ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން ސަންގު ޓީވީއަށް ދެމުންއައި ސެޓަލައިޓް ޓްރާންސްޕޮންޑަރ އަޕްލިންކުގެ ޚިދުމަތް މެދުކަނޑާލަން ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ނިންމައިފިއެވެ.
ޕީއެސްއެމުން މިރޭ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ކުރީގެ ބެލެނިވެރި ކުންފުނި - އެމްބީސީއިން ސެޓަލައިޓް އަޕްލިންކް ވިއުގަ މެދުވެރިކޮށް ސެޓަލައިޓް ޓްރާންސްޕޮންޑަރ ހަމަޖައްސައި އަޕްލިންކް ކުރުމަށް ބޭނުންވާ ޓީވީ ޗެނަލްތަކަށް އެފުރުސަތު ދިނުމަށް ހުޅުވާލުމާއެކު ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ސަންގު ޓީވީއަށް ތިން އަހަރު ދުވަހުގެ މުއްދަތަށް މަހުކުލި ދައްކާ އުސޫލުން އެޚިދުމަތް ދެމުންދާ ކަމަށާއި އަދި ޕަބްލިކް ސާރވިސް މީޑިއާ އުފެއްދުމަށްފަހު، ޕީއެސްއެމްގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވާގޮތުގެ މަތިން އެމްބީސީގެ މުޢާމަލާތުތަކާއި އެގްރީމަންޓުތައް ދެމެހެއްޓުމަށް މަސައްކަތްކުރަމުން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސަންގު ޓީވީގެ ފަރާތުން، އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހޭ މަހުފީއާއި ސެޓަޕްފީ ބަރާބަރަށް ދައްކަމުން ގޮސްފައިނުވާކަން ޕީއެސްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެގްރީމަންޓުގައިވާ ގޮތަށް މިފައިސާ ދެއްކުމަށް އެކި ފަހަރު މަތިން ސަންގު ޓީވީއަށް ހަނދާންކޮށްދެވިފައިވުމާއެކުވެސް ސަންގު ޓީވީއިން އެގްރީމަންޓާއި އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށާއި ސަންގު ޓީވީން ދައްކަންޖެހޭ ދަރަނި އަދާކުރުމަށް އެފަރާތަށް ދެފަހަރެއްގެ މަތިން މުހުލަތު ދެވިފައިވާ ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސެޓަލައިޓް ޓްރާންސްޕޮންޑަރ އަޕްލިންކުގެ ޚިދުމަތް ސަންގު ޓީވީއަށް ދިނުން ހުއްޓާލަން ނިންމާފައިވަނީ، ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ 3 ވަނަ މާއްދާގެ 3.3 އަދި 6 ވަނަ މާއްދާގެ 1.1 އާއި 1.2 އަށް ރިޢާޔަތްކުރުމަށްފަހުކަމަށް ޕީއެސްއެމުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް