ދުންޔާގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ނަގާލާފައިވާ ކަމަށް ބުނެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މަޖިލީހުގައި އެދިއްޖެ އެވެ. މަޖިލީހު...

13 Nov 2014 | 10:31

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ނަގާލާފައިވާ ކަމަށް ބުނެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މަޖިލީހުގައި އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޗައިނާގެ ސިލްކް ރޫޓުގައި އިންޑިއާ އިން ބައިވެރިވުމާ މެދު ދެ ގައުމުގެ ވެރިން މަޝްވަރާކުރެއްވި ކަމަށް މިދިޔަ ހަފުތާގައި މަޖިލީހުގައި ދުންޔާ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށްވާތީ ދުންޔާ ވަނީ މަޖިލީހުގެ އިމްތިޔާޒު ގެއްލުވާލާފައި ކަމަށެވެ..

ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ރިޔާއަތްކޮށް ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ (98) ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 134 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު، އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ނުވަތަ އެ މީހެއްގެ އިހްތިސާސްގައިވާ އެންމެހައި ކަންކަމާ ގުޅިގެން ކުރާ ކޮންމެ ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ތެދުބަހުން ޖަވާބުދިނުމަށް ލާޒިމުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ (7) ގައި، ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވައިލުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެ ކުށްކުރި މީހެއްގެ އަދަބެއްގެ ގޮތުގައި އެ މާއްދާގެ (8) ވަނަ ނަންބަރުގައި ޖޫރިމަނާކުރުން ނުވަތަ ޖަލަށްލުން ކަނޑައަޅާފައިވާ ކަމަށެވެ.

ދުންޔާ އެދުވަހު ވިދާޅުވީ ޗައިނާގެ ސިލްކް ރޫޓުގައި ބައިވެރިވުމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާގައި އަވަށްޓެރި ގައުމުތަކުގެ ތެރެއިން ވެސް ފާހަގަކުރެވޭ ސްރީ ލަންކާ، އިންޑިއާ، އެހެން ގައުމުތައް ވެސްބައިވެރިވަމުންދާކަމަށެވެ.

ދުންޔާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާ އިރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށަހަޅާނެ ވަކި ދުވަހެއް އެޕާޓީން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް