ކުރިޔަށް އޮތް 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ނުސީދާކޮށް ކެމްޕެއިން ކުރަން ފަށައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ރީކޯ ވިދާޅުވީ 2019 ވަނަ ވަނަ އަހަރު އޭނާގެ ވެރިކަމުގައި ބަޖެޓު ފޮނުވާނީ ގައުމީ ބަޖެޓަކަށް ހަދާފައި ކަމަށެވެ. އަދި އެބަޖެޓަށް ދާއީދުކޮށްދެއްވުމަށް ރީކޯ މަޖިލީސް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"ބަޖެޓަކީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އެއްޗެއް ނޫން. ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާގެ އެއްޗެއް ވެސް ނޫން. އަދި ބަޖެޓަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ވެސް އެއްޗެއް ނޫން. ބަޖެޓަކީ ސީދާ ގޮތުގައި ރައްޔިތުންނާ ގުޅިފައިވާ އެއްޗެއް،" ރީކޯ ވިދާޅުވި އެވެ.
އިތުރަށް ބަހުސްކުރައްވަމުން މަޖިލީހުގެ ނައިބް ރައީސް ވިދާޅުވީ ބެޖެޓާ ބެހޭ ގޮތުން މަޝްވަރާކުރާ އިރު އެ މެންބަރަކު ނިސްބަތްވާ ދާއިރާއާ މެދު ވިސްނަން ޖެހޭ ކަމަށާއި ޕާޓީތަކުންވެސް އެކަމަށް ވިސްނަންޖެހޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ބަޖެޓަށް ވޯޓު ހޯދުމަށް މަޖިލީހުގައި އާދޭސްކުރަން ޖެހުނު ކަން ފާހގަ ކުރައްވާ ރީކޯ ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެ އެގޮތަށް ކަންތައް ނުކުރުމަޤ ގޮވާލައްވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިދިކޮޅު އެމްޑީޕީގައި ކަމަށްވީ ނަމަވެސް ރައީސް އަބްދުﷲ ޔާމިން ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކަންކަމަށް އެއްބާރުލުންދީ ޝުކުރު އަދާކުރައްވަންޖެހޭ ތަންތަނުގައި ޝުކުރުއަދާކުރައްވާ އަދި ފާޑު ވިދާޅުވާންޖެހޭ ތަންތަނުގައި ފާޑު ވިދާޅުވާނެ ކަމަށެވެ.
ރީކޯ ރައީސް ކަމަށް ކުރިމަތިލައްވާކަން ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ މަހު އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ކުއްލިއަކަށެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ނުރުން ފާޅުކޮށް އެއްޗެހި ކިޔާވައި އެވެ. ރީކޯ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށޤ ވެވަޑައިގެންނަވަން 2008 ގައިވެސް މަސައްކަތް ކުރެއްވި އެވެ. އެހން ނމަަވެސް އެފަހަރު ވަނީ ނާކާމިޔާބުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް