މާލެހުޅުމާލެ ފެރީތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ހުޅުލެއާއި މާލެއާ ދެމެދު ދުއްވާ ފެރީތަކުގެ ސަލާމަތީ ކަންތައްތައް ބެލުމަށްޓަކައި ޓުއަރިސްޓް ޕޮލިސް އިން މެރިން ޕޮލިސްގެ އެހީތެރިކަމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ މި އިއްޔެ ހެނދުނ...

13 Nov 2014 | 04:33

ހުޅުލެއާއި މާލެއާ ދެމެދު ދުއްވާ ފެރީތަކުގެ ސަލާމަތީ ކަންތައްތައް ބެލުމަށްޓަކައި ޓުއަރިސްޓް ޕޮލިސް އިން މެރިން ޕޮލިސްގެ އެހީތެރިކަމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި އިއްޔެ ހެނދުނު ފެށި މި އޮޕަރޭޝަނަކީ ހުޅުލެއާއި މާލެއާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ ފެރީތަކުގައި، ކަނޑު ދަތުރު ކުރުމުގެ ޤަވާއިދުގެ ދަށުންނާއި ކަނޑު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ހުރި މިންވަރު ބެލުމާއި ދަތުރުކުރާ ފަސިންޖަރުންނާއި އުފުލާ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ހުޅުލެއާއި މާލެއާ ދޭތެރޭ ދަތުރުކުރާ ހުރިހާ ފެރީއެއް ބަލައިފާސްކޮށް ފެރީތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް ހަމަޖެހިފައިވެއިވާކަމަށާއި ފެރީގައި ފަސިންޖަރުން އުފުލާއިރު އާއި ފަސިންޖަރުންގެ މުދާ އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ބެހޭގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން ހޭލުންތެރިކުރުވައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހުޅުލެއާއި މާލެއާ ދެމެދު ދުއްވާ ފެރީތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ފެށި މި އޮޕަރޭޝަނަކީ މެރިން ޕޮލިސްއާއި ޓުއަރިސްޓް ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށްފަހު ފެރީ އެސޯސިއޭޝަނާއި ބައްދަލުކުރުމަށްފަހު ހިންގަން ފެށި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ފެރީތައް ބަލައިފާސްކުރުމުގައި ފެރީ އެސޯސިއޭޝަންގެ އެހީތެރިކަން ފުލުހުން ލިބެމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް