އަލީ ހުސައިން -- ފޮޓޯ: މަޖިލީސް
ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމުގެ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިނެވެ. ރަޖިސްޓްރާ މައްސަލަ ބޭރުކޮށްލެއްވީ، ފުރަތަމަ މަރުޙަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލައަކަށް މިކަން ނުފެތޭ ކަމަށް ކަނޑައެޅުއްވުމަށް ފަހުގައެވެ.
ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ މަރުޙަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅެނީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ނުވަތަ ނިޒާމުން ބޭރުވެދާނެ ޙާލަތުތަކާ ގުޅޭ މައްސަލަތަކާއި، ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން ދައުލަތުގެ ދެ ބާރެއްގެ މެދުގައި އުފެދޭ ޚިލާފުތަކާއި، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް އެކަންޏެވެ.
މި ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުޞަތު ޢަލީ ޙުސައިނަށް އޮންނާނެއެވެ.
ޢަލީ ޙުސައިން ވިދާޅުވެފައިވާ ގޮތުގައި، އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދިވެހި ސަރުކާރުގެ ނަމުގައި އީގަލް ހިލްސްއާ ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމެންޓް" ގެ ދަށުން، ރަސްމާލެއިން ހިއްކި ބިމުގެ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް، އެކުއިޒިޝަން ޚަރަދެއް ނުވަތަ ކުއްޔެއް ނެގުމެއް ނެތި 99 އަހަރަށް އެ ކުންފުންޏަށް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ބިމުގައި ތަރައްޤީކުރާ ވަސީލަތްތައް ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ކުއްޔަށް ދެވޭ ގޮތަށް "ރޯލިންގް ލީސް އިންޓްރެސްޓް" ގެ ބާރުވެސް އެ ކުންފުންޏަށް ލިބިދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޢަލީ ޙުސައިންގެ މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާ ބުނާ ގޮތުން ދައުލަތުގެ މުދަލެއް ވިއްކައި ނުވަތަ ކުއްޔަށް ދޭންޖެހޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ. ނަމަވެސް ބޭރުގެ ފަރާތަކަށް 99 އަހަރަށް ދައުލަތުގެ ބިން ކުއްޔަށް ދިނުމުގެ ބާރު ސަރުކާރަށް ލިބިދޭ ޤާނޫނީ އޮނިގަނޑެއް ނެތް ކަމަށާއި، 251 ވަނަ މާއްދާގައި ބޭރު ފަރާތްތަކަށް ބިން ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ވީ ނަމަވެސް، ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ޙައްޤުތައް ދެވޭ ގޮތަށް އޮތުމުން ނިމޭ ތާރީޚެއް ނެތި ދާއިމީ ގޮތެއްގައި ބޭރު ބަޔަކަށް ބިމުގެ ޙައްޤު ލިބޭނެ މަގު ފަހިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މި އެއްބަސްވުމަކީ އުފެދުމުގައި ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައެޅުމާއި، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމެންދެން އެއްބަސްވުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. ވަގުތީ އަމުރަށް އެދިވަޑައިގެންނެވީ ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް އުފެދި، ދައުލަތަށް އިޢާދަނުކުރެވޭ ބޮޑެތި ގެއްލުން ލިބުން ހުއްޓުވުމުގެ މަޤުޞަދުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، އީގަލް ހިލްސް އެއްބަސްވުމުގެ ދަށުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5,000 ހައުސިން ޔުނިޓު — ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ — ދައުލަތަށް ލިބޭނެއެވެ. ޕްރޮޕަޓީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، މީގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބި ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އެ އެއްބަސްވުމުގައި އެސްއީޒެޑް ޤާނޫނާއި ޓޫރިޒަމް ޤާނޫނުގެ ދަށުން ދެވޭ ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، ޓީޖީއެސްޓީ އާއި އެ ނޫން ވެސް ޓެކްސްތައް ފުރިހަމައަށް ދައުލަތަށް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް