މިފްޒާލް، އައިލީން ކޮޓަރިން ނުކުމެގެން އޭނާ ލާފައިހުރި ކަކުލާ ހަމައަށް އަންނަ ބޮޑު ކޯޓުގެ ރަނގަޅު ކޮށްލުމަށްފަހު ކޯޓުގައި ބޮލަށް ވައްޓާލަން އޮތް ބައި ބޮލަށް ވައްޓާލައިގެން ހުރެ ހޮޓަލުން ނުކުތުމަށްޓަކައި ހިނގައިގަތެވެ. އެހޮޓަލުން ނުކުންނަށް ދިޔައިރު ހޮޓާ ތެރެއަށް ވަދެގެން އައި ރާއިފު ފެނުމާއެކު މިފްޒާލް ޙައިރާންވިއެވެ.
އައިލީން ފާހާނާއިން ނުކުމެ ކުޑަކޮށް ހަމަޖެހިލައިގެން ޑްރެސިންގ ޓޭބަލް ކައިރިއަށް އައިސް ބޮލުގައި ފުނާއަޅަން ހުއްޓާ ކޮޓަރީގެ ބެލް އަޅާލިއެވެ. އައިލީން ބިރުން ދިޔައީ ސިހިގެން ނެވެ. އަނެއްކާވެސް މިފްޒާލްގެ އުނދަގުލެއް ޖެހުނީބާއެވެ. އައިލީން ގަސްދުކުރީ މިފަހަރު ކޮޓަރީގެ ދޮރު ނުހުޅުވުމަށެވެ. އެހެން ނަމަވެސް ދެތިންފަހަރު ބެލް އެޅުމާއެކު ތެޅިތެޅި އޮތް ހިތަކައިގެން ގޮސް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި ރާއިފު ފެނިފައި އައިލީން ދިޔައީ ސިއްސައިގެންނެވެ.
"ސަޕްރައިޒް..! ސަޕްރައިޒް...!" އަތުގައި ފޮތިގަނޑަކުން ނިވާކޮށްލާފައި އޮތް ކުޑަކުޑަ ބޭބީއެއް އައިލީން އަށް ދައްކާލަމުން އުފާވެރިކަމާއެކު ރާއިފު ބުންޏެވެ.
"މި..ޔޯ..؟ މި ކޮން ބޭބީއެއް...؟" އައިލީން ބޭބީއާ ދިމާއަށް ބަލަންހުރެ ޙައިރާން ވެފައި ސުވާލު ކޮށްލިއެވެ.
"ސަޕްރައިޒް ވެއްޖެދޯ...؟ އެކަމަކު ހާދަ ހާސްވެފަ ތިހިރީ...؟ ބަލަ މިއީ ހަމަ އަހަންނޭ...! ހަމަ ރާއިފު އޭ...!" އައިލީން އަތުގައި އެއްއަތުން ހިފާލަމުން ދޮރުމަތީގައި ހުރި ރާއިފު ބުންޏެވެ.
"އާނ...! ވަރަށް ސަޕްރައިޒް ވެއްޖެ..! ހަމަ އެހާވަރަށް ބިރުވެސް ގަނެއްޖެ..! އެކަމަކު ބުނެބަލަ...! މިއީ ކޮންބޭބީއެއް..! ކާކުގެ ބޭބީ އެއް...!" އައިލީން އަދިވެސް ހުރީ ވާއެއް ނުވާއެއް ނޭނގި ޙައިރާން ވެފައެވެ.
"ސާބަސް..! ހިނގާބަލަ އެތެރެއަށް..! މިތާ ދޮރުމަތީ ތިބެގެންތަ ހުރިހާ ވާހަކައެއް ދައްކަންވީ...! އައިލީން އަށް ސަޕްރައިޒް އެއް ދޭންވެގެންނޭ ދޮރު ނުހުޅުވަ ބެލް މިޖެހެނީވެސް...! އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ވެއްޖެއެއްނު..!" ކޮޓަރިތެރެއަށް ވަންނަމުން ރާއިފު ބުންޏެވެ.
"އެކަމަކު ތީ ކޮން ބޭބީ އެއްތަ...؟ ހާދަލޯބި ބޭބީ އެކޭ..!" އެތެރެއަށް ވަންނަމުން އަނެއްކާވެސް އައިލީން ސުވާލު ކޮށްލިއެވެ.
"މިއީ މިއަދަށްފަހު އަހަރުމެން ދެމީހުންގެ ބޭބީއެއް..! އައިލީން ހެޕީތަ...؟" އަައިލީންގެ ކޮލުގައި އެއްއަތުން ޖަހާލަމުން ރާއިފު ބުންޏެވެ.
"އޭނ..! ކީކޭ...؟ ކޮންތާކުން ގެނައި ބޭބީއެއް... ހާދަ ލޯބި ބޭބީ އެކޭ...!" އައިލީންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.
"ބޭބީއެއް އެޑޮޕްޓް ކުރާ ވާހަކަ ބުނިދުވަހުން ފެށިގެން އަހަރެން އައީ އެކަމަށް މަސައްކަތް ކުރަމުންނޭ...! އައިލީން އަށް ސަޕްރައިޒް އެއް ދޭންވެގެން ނުބުނީ...! މިކޮޅުގައި އުޅޭ ރައްޓެއްސެއް ކައިރީގައި ބުނެގެން މިތާނގެ ނާސިންގ ހޯމް އަކުން ހޯދި ކުއްޖެއް މިއީ...! ދެން މި ބޭބީ ގެންގުޅޭނީ އަހަރުމެން..." އައިލީން އާ ދިމާއަށް ބޭބީ ދިއްކޮލަމުން ރާއިފު ބުންޏެވެ.
"އެކަމަކު ބޭބީ އާ ގުޅޭ ލިޔުންތައްވެސް ހޯދަން ޖެހޭނެއެއްނު...! އެހެން ނޫނީ ކިހިނެތް އަހަރުމެން މި ބޭބީ މާލެ ގެންދާނީ..!" ބޭބީ އުރާލުމަށްފަހު ބޭބީގެ ކޮލަށް ދޮނެއް ދެމުން އައިލީން ބުންޏެވެ.
"ތިކަންތައްވެސް އެބަ ހަމަޖައްސަމޭ...! ބޭބީއާ ގުޅޭ ހުރިހާ ލިޔުންތައް ނިންމާފައި މާދަން ޙަވާލު ކުރާނަމޭ އެ ނާސިންގ ހޯމް އިންބުނީ...! މާލެއަށް ދަތުރު ކުރަން ބޭނުންވާ ޑޮކިޔުމަންޓްތައްވެސް ދެ ދުވަހެއްގެ ތެރޭގައި ލިބޭނެޔޯ...!" ބޭބީ އާ ދިމާއަށް ބަލަހައްޓައިގެން އިނދެ ރާއިފު ވާހަކަ ދެއްކިއެވެ.
"މިއަދު އަހަރެން ވަރަށް އުފާވެއްޖެ...! މިއީ ކޮން ނަމެއް ކިޔާ ބޭބީއެއްތަ...؟ އަންހެން ކުއްޖެއްދޯ..؟ އަހަރެން އެންމެ ބޭނުމީވެސް ހަމަ އަންހެން ކުއްޖެއް..!" އުފާވެފައި އިނދެ އައިލީން ވާހަކަ ދެއްކިއެވެ.
"އެކަން އިނގޭތިއޭ އަންހެން ކުއްޖެއް މި ހޯދީވެސް..! މި ބޭބީއަށް އެމީހުން ކިޔަނީ ޒާރާ..! އެކަމަކު އަހަރުމެންނަށް ނަން ބަދަލުކޮށްފަ ބޭނުން ނަމެއް ކިޔިދާނެ...!" ބޭބީގެ ކޮލުގައި ހިފާލަމުން ރާއިފު ބުންޏެވެ.
"ޒާރާ...! ވަރަށް ރީތި..! އެނަން ބަދަލުކުރާނެ ކަމެއްނެތް...! ހާދަ ބަސްއަހައިގެން ބަލަހައްޓައިގެން އެބައޮތޭ...! ބަލާބަލަ އޮތްލެއް ލޯބިކަން...!" އައިލީން ބޭބީގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"އޯގާތެރި އަތެއްގެ ހިޔާވެހިކަން ލިބުނީމަ ބޭބީވެސް އެއޮތީ އުފާވެފައެއްނު...!" ރާއިފު، އައިލީންގެ ކޮނޑުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކިއެވެ.
"ބޭބީއަށް ބޭނުންވާ އެއްޗިހި ގަންނަން ނުކުންނަމާ...! ކާ އެއްޗިއްސާ، ލައްވާނެ ހެދުންކޮޅުތަކާ އެއްޗިހި..! ކިހާ ދުވަހެއްވީ ބޭބީއެއްތަ މިއީ...!" އައިލީން، ބޭބީ އާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ.
"ތިންމަސް ވަނީޔޯ ބުނީ..! ލިޔުންތައް ލިބުނީމަ އެނގޭނީ ސީދާ އުފަންވި ދުވަހެއް...! ނިދިއައިސްސަ ކަންނޭނގެ އެއޮތީ...! ނިންދަވާލާ...! ބުއްފުޅިއެއް ދީފަ ޙަވާލުކުރީ... އެހެންވީމަ އަދި އިރުކޮޅެއް ވިޔަސް ބަނޑުހައެއް ނުވާނެ ކަންނޭނގެ..!" ސޯފާއިން ތެދުވެގެން މޭޒާ ދިމާއަށް ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.
"މިއީ ކާކު ކުއްޖެއްކަން އެނގޭތަ...؟ ކޮންމެއަކަސް ވަރަށް ލޯބި ބޭބީއެއް...! އެއްގޮތަކަށްވެސް އިންޑިޔާ ސިފައެއް ނެތް..!" އައިލީން، ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ.
"ބޭބީގެ އެއްވެސް މައުލޫމާތެއް ނުހޯދަން..! ކީއްކުރަން ހޯދަންވީކީ...! ބޭބީއެއް ލިބުނީމަ އެނިމުނީނު..! ތިހާ ކުޑައިރު ސިފައެއް ނޭނގޭނެ..! އަހަރުމެން ގެންގުޅެން ފެށީމަ ވައްތަރުވާނީ ހަމަ އަހަރުމެންގެ ދަރިއަކާ...!" މޭޒު ދޮށަށްގޮސް އެތާނގައިހުރި ގޮނޑިގައި އިށީންނަމުން ރާއިފު ބުންޏެވެ.
"އާނ...! މިހާރުން މިހާރަށް ބޭނުންވާނެ ތަކެތީގެ ލިސްޓެއް ހަދައިގެން ޝޮޕިންގ އަށް ނިކުންނަންވީ..! އަނެއްކާ އަހަރުމެން އަތުން ބޭބީ އަތުލާނެ މީހަކު ނާންނާނެބާ...؟" ކުއްލިއަކަށް އައިލީންގެ ހިތުގައި އުފެދުނު ސުވާލެއް އައިލީން ކޮށްލިއެވެ.
"އާނ...! ޝަރުޢީގޮތުން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް މާދަން ނިމޭނެ..! ދެން ޒާރާ ވާނީ ހަމަ އަހަރުމެންގެ ދަރިއަކަށް..! ކޮފީވެސް ހަދާފަދޯ މިހިރީ..." މޭޒުމަތީގައި ހުރި ދެ ކޮފީތަށިން އެއް ކޮފީތަށި ނަގަމުން ރާއިފު ބުނެލިއެވެ.
"ތިދެން ބޯނެކަމެއްނެތް...! މިހާރު ހިހޫވެފަ ތި ހުންނާނީ...! ބޭބީ ބާއްވާފަ އެބަ ކޮފީއެއް ހަދާދެން...!" މިފްޒާލް ހަދާފައިހުރި ދެ ކޮފީތަށި ކަމުގައިވާތީ، އެ ކޮފީތަށި ބޯކަށް އައިލީން ހިތްހަމައެއް ނުޖެހުނެވެ.
ޖެހިގެން އައި ދުވަހު މިފްޒާލް ފުރައިގެން މާލެއަށް ދިޔައެވެ. އެހެން ނަމަވެސް ގެއަކަށް ނުދެއެވެ. އޭނަގޮސް ހުރީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގޭގައެވެ. ދެތިން ދުވަސްވަންދެން ގެއަށް ނައިސް ހުރުމަށްފަހު މިފްޒާލް ގެއަށްދިޔައެވެ. މިފްޒާލް ގޭތެރެއަށް ވަދެގެންދިޔައިރު މަންމަ އުޅެނީ ބަދިގޭގައެވެ. އަންޖަލް އުޅެނީ ކޮޓަރީގައެވެ.
"މަންމަ ނެތިން ދަރިފުޅު ގެއަށް ނައިސް ތިއުޅެނީ ކޮންތާކުތޯ އަހާކަށް...! އިނގޭ އެސުވާލު ކުރިޔަސް އެސުވާލުގެ ޖަވާބު ރަނގަޅަށް ނުދޭނެކަން...! އެކަމަކު ދަރިފުޅު މިހާރު ތިއުޅެނީ ދިރިއުޅުމެއް ފަށައިގެން...! ގޭގައި އަތްންބަކު އިންކަން ހަނދާން ކުރަންޖެހޭނެ...! މަންމަގެ ހާލު ބަލާނުލާތާނގައި އިނދެގެން އުޅޭ އަނބިމީހާ އިނީ ކައިގެންތޯ ނޫނީ އޭނަގެ ހާލަކީ ކޮބައިތޯ ބެލުމަކީ ފިރިމީހާގެ ވާޖިބެއް ނޫންތަ...؟ ގައިމު ތިއީ މަންމަ ތަރުބިއްޔަތު ކޮށްދިން ގޮތެއް ނޫން...! މަންމަ ހިތަށްއަރާ މަންމަގެ ތަރުބިއްޔަތުން އުނިވީ ކޮންކަމެއްބާއޭ...؟" މިފްޒާލް ގެއަށް އައިސްވަނުމާއެކު މަންމަ ޝަކުވާ ކުރަން ފެށިއެވެ.
"މަޞްލަޙަތަށްޓަކައި އަހަރެން މިގެއަށް ނައިސް މިހިރީ... އަޔަސް ރަނގަޅުވަނީކީނޫން..! ގެއަށް އައިއްސިއްޔާ ޒުވާބު..!" މަންމަ ދައްކަންއުޅުނު ވާހަކަ މެދުކަނޑާލީ މިފްޒާލް އެވެ.
"މަޞްލަޙަތޭ..؟ ކޮން މަޞްލަޙަތޭ ކިޔާކަށް..؟ މަންމަ ނުދެނަހުރިން މަޞްލަޙަތު އެއީ މިފްޒާލް ދަންނަ ބަހެއްކަމެއް..؟ މަޞްލަޙަތު އެއީ އޮންނަ އެއްޗެއްކަން މިފްޒާލްއަށް އެނގުނީ އަދިކިރިޔާތަ...؟ މާތްކަލާކޯ..! ކޮން ފަދަ ބޮޑު އަޖައިބެއް މިއީ...؟[ މަންމަ މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ގެއަށް އައިސް ވަދެއްޖިއްޔާ މަންމަވެސް އަބަދު ޝަކުވާ...! މަންމަ ޝަކުވާ ނުކުރަންޏާ އަންޖަލް ހުންނާނެ ޝަކުވާ ކުރަން ތައްޔާރަށް...! އެހެންވެ ހަމަ ގަސްތުގައި ގެއަށް ނާންނަނީ...!" މިފްޒާލް އައިސް މަންމަ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ދަރިފުޅު ތިގޮތަށް އުޅެންޏާ މަންމަވެސް ޝަކުވާ ކުރާނެ...! އަންޖަލްވެސް ޝަކުވާ ކުރާނެ...! ދަރިފުޅު އަންޖަލް އާ ދެވަނަ ފަހަރަށް ކައިވެނިކޮށްގެން މިގެއަށް ގެނައީ ދަރިފުޅުގެ އުޅުން ބަދަލުކުރާނަމޭ ކިޔާފައި..! އެކަމަކު ދަރިފުޅަކަށް އެގޮތަކަށް ކަންތައްތަކެއް ނުކުރެވެއެއްނު...!" މަންމަގެ ޝަކުވާތައް ހުއްޓުމަކަށް ނާދެއެވެ.
"އަހަރެން ކުރީން އުޅުނުގޮތަކަށް މިހާރަކު ނޫޅެމޭ...! ކިހާރަނގަޅަކަށް އަހަރެން މިއުޅެނީ މިހާރު..." މަންމަ އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުންޏެވެ.
"ވަރަށް ރަނގަޅަށް ތިއުޅެނީ...! އިންޑިއާ އަށް ފުރަނީޔޭ ކިޔާފަ ދިޔަގޮތަށް ކިހާދުވަހެއް...! ދަރިފުޅު މާލެ އައިކަން މަންމަ ދެނަހުރީމޭ..! އެކަމަކު ދަރިފުޅު ބުނެބަލަ މިގެއަށް ނިދާލަން ވަތްންދުވަހެއް...! އެންމެފަހުން އަންޖަލް އަށް ދަރިފުޅު ފެނުނު ދުވަހެއް...! މަންމައަށް ދަރިފުޅު ފެނުނު ދުވަހެއް...! މަންމައަށް ޔަޤީން ދަރިފުޅުވެސް ހަނދާނެއް ނުހުންނާނެކަން...! ތިއީ ދެން އުޅެންވާނެ ގޮތެއްނޫންހެން މަންމައަށް ހީވަނީ..!" މިފްޒާލްގެ އަތުގައި ހިފާލުމަށްފަހު މަންމަ ވާހަކަދައްކަމުން ގެންދިޔައެވެ.
"ޔަޤީނޭ އަންޖަލް އަހަންނޭ ކިޔައިގެން ކޮންމެސް ވާހަކައެއް މަންމަ ގާތުގައި ދައްކައިގެންކަން ތިއުޅެނީ...! ކިހިނެތްވެގެންތަ އޭނަ އުޅެނީ...! މަޑުމަޑުން ހުންނާކަށް އަންޖަލްއަކަށްވެސް ނޭނގުނު...!" މަންމަގެ ވާހަކަތަކުން މިފްޒާލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"އަންޖަލް އެއްޗެއް ކިޔައިގެނެއް ނޫން މިއުޅެނީ...! މިގެއަށް ދަރިފުޅު އަންނަންޏާ މަންމައަށްވެސް އެނގޭނެތާ...! މަންމައަށްވެސް ފެންނާނެތާ...! އެންމެފަހުން މިގެއަށް އައި ދުވަހެއް ބުނެބަލަ...!" މަންމަވެސް ހިތްހަމަ ނުޖެހިފައި އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
މަންމަގެ އެވާހަކަ ތަކަކީ އަންޖަލް މަންމަ ކައިރީގައި ދައްކައިގެން އުޅޭ ވާހަކަތަކެއް ކަމަށް ބެލުމަށްފަހު މިފްޒާލް ބާރަށް ހިނގާފައިދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ދިޔައިރު އަންޖަލް އުޅެނީ ފާހާނާގައެވެ. އޭރު މިފްޒާލް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިފްޒާލް އިންތިޒާރު ކުރަމުން ދިޔައީ އަންޖަލް ފާހާނާއިން ނުކުންނާނެ ވަގުތަކަށެވެ.
"ކީކޭ މަންމަ ކައިރީގައި ކިޔައިގެން ތިއުޅެނީ...؟" އަންޖަލް ފާހާނާގެ ދޮރު ހުޅުވާލުމާއެކު މިފްޒާލް ވަރަށް ބާރަށް ބުންޏެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 އޮކްޓޯބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް