އައިލީންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އެމީހަކު ސޯފާއިން ތެދުވެ ފަހަތަށް އެނބުރި އައިލީން އާ ދިމާއަށް ބަލާލިއެވެ. އައިލީން ސިއްސައިގެންގޮސް ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ބިރުން ތުރުތުރު އަޅަން ފެށިއެވެ. އައިލީންގެ ކުރިމަތީގައިހުރީ މިފްޒާލް އެވެ.
"މިފްޒާލް...! ކަލޭ...! ކަލޭ މިތާ..؟ ކީއްކުރަން މިތަނަށް އައީ...؟ ކިހިނެތް މިތަނަށްވަނީ....؟ ކޮން ބޭނުމަކު..؟ ކޮން އިރަކު...؟ އައިލީން ހައިރާންވެފައިހުރެ އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ.
"ކަލެއޭ...! މަށަށް ކަލެއޭވެސް މިހާރު ކިޔަން ފެށީތަ...؟ ކިހިނެތްހޭ މިތަނަށްވަނީ...؟ މަ މިތަނަށް ވެއްދީމަ މިވަނީ...!" ހީނލާފައި މިފްޒާލް ވާހަކަ ދެއްކިއެވެ.
"ވެއްދީމައޭ..! ކާކު ކަލޭ ވެއްދީ...! ހަމަ މިހާރު މިތަނުން ނުކުމޭ..! މިބުނީނު މިތަނުން ނުކުންނާށޭ...!" އައިލީން ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ.
"ކަލޭ މަ މިތަނަށް ވެއްދީ...! މަ ދެންމެ މި ކޮޓަރީގައި ޓަކި ޖެހީމަ މަ ވައްދަން ވެގެން ދޮރުހުޅުވާފަ ބޭރަށް ނުކުތީނު...! ކުރީ ރޭ ފަތިހުވެސް މިކޮޓަރީގައި ޓަކި ޖެހީމަ ނުހުޅުވީމަ އަނެއްކާ މިއަދު މިއައީ...! އަހަރެން ކިހާވަރަކަށް މިބުނަނީ އަހަންނަށް އައިލީން އާ ވަކިން, ދުރުގައެއް ނުހުރެވޭނެއޭ...! އައިލީން މިހާދުރަށްއައިމަ ވެސް އެތައް ރުފިޔާއެއް ޚަރަދުކޮށްގެން އަހަރެން މިހިރީ މިތަނަށް އައިސް...! ދެންވެސް އަހަރެން އައިލީން ދެކެ މިވާ ލޯބި ޤަބޫލު ކުރަން ވެއްޖެއެއްނު...!" އަތުގައި އޮތް މާބޮނޑި ސޯފާ މަތީގައި ބޭއްވުމަށްފަހު އައިލީން އާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
"ކަލޭ މޮޔަވީތަ...؟ މިކޮޅަށް ނާންނާތި..! ކަލޭދޯ ފާޑެއްގެ މާބޮނޑިއެއްވެސް ކައުންޓަރާ ހަވާލުކޮށްފަ ތިއޮތީ...! މިކޮޅަށް ނައިސް ހަމަ މިހާރު މިތަނުން ނުކުމޭ...!" އައިލީން، މިފްޒާލް އާ ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު ބުންޏެވެ.
"އާނ...! މަ ވަރަށް ބޮޑަށް މޮޔަވެފަ މިހިރީ...! ލޯބީގަ ދީވާނާވެފަ މިހިރީ ...! އެކަމަކު އަހަރެން މޮޔަކުރީ އައިލީން...!" އައިލީން އާ ދިމާއަށް ދަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
"މިކޮޅަށް ނާންނާތި...! ސެކިޔުރިޓީއަށް ގޮވައިގެން މިތަނުން ނެރޭނަން...!" އައިލީން ފަހަތަށް ޖެހެމުން ވާހަކަ ދެއްކިއެވެ.
މިފްޒާލް އައިލީން އާ ދިމާއަށް އަންނަން ފެށުމާއެކު އައިލީން ކޮޓަރިން ނުކުތުމަށްޓަކައި ދުއްވައި ގަތެވެ. އެވަގުތު ކޮޓަރީގައި ހުރި މޭޒުގެ ކަނެއްގައި އަޅައިގެންފައި އަނގަވަތައް އައިލީން ވެއްޓުނެވެ. އެހެން ނަމަވެސް ހަމަ ވެއްޓުމާއި އަނެއްކާވެސް އައިލީން ތެދުވެގެން ބޭރަށް ނުކުތުމަށްޓަކައި ދުއްވައިގަތެވެ. އޭރު މިފްޒާލްހުރީ އައިލީން ކޮޓަރިން ބޭރަށް ނުކުމެދާނެ ކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެއެވެ. އައިލީން ދޮރާ ހަމައަށް ދިޔުމުގެ ކުރިން މިފްޒާލް ގޮސް ދޮރުލައްޕާ ތަޅުލުމަށްފަހު ތަޅުދަނޑި ނަގާ ޖީބަށްލިއެވެ.
"އައިލީން...! މައި ލައިވް...! މައި ޑާރލިންގ..! އަހަރެން ކިހިނެތް އައިލީން އާ ވަކިން ދިރިއުޅޭނީ...! ކިހާ ދުވަހެއް މިވީ އަހަރެންނާ ވަކިން އައިލީން އުޅޭތާ...! އަހަރެން މިހިރީ ތިލޯބީގައި ދީވާނާ ވެފައޭ...! އާދޭ ދެމީހުން އެކީގައި ކޮފީއެއް ބޯލަން..!" މޭޒުމަތީގައި ބަހައްޓާފައިހުރި ދެކޮފީ ތަށްޓާ ދިމާއަށް ބަލާލުމަށްފަހު އައިލީން އާ ދިމާއަށް އަތް ދިއްކޮށްލަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
އެއީ، މިފްޒާލް އެކޮޓަރިއަށް ވަނުމަށްފަހު އައިލީން ފާހާނާގައިވީ ވަގުތު ހަދާފައި މޭޒުމަތީގައި ބެހެއްޓި ދެކޮފީ ތައްޓެވެ. އައިލީން ހުރީ ބިރުން ހަލާކުވެފައެވެ. އައިލީންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.
"އައިލީން އިންޑިއާއަށް އައިންސުރެ އަހަރެން މިގެންދަނީ އައިލީން އަށް ފާރަލަމުން...! ރާއިފު ދަރިޔަކު ބޭނުންވާތީ ދަރިޔަކު ހޯދަން ބޭސްކުރަންދޯ އިންޑިއާ އަށް ތިއައީ...! އައިލީންއަށް ދަރިޔަކު ނުލިބޭތީ އައިލީން ދެކެ ރާއިފު ފޫހިވިޔަސް އަހަރެން ދުވަހަކުވެސް އައިލީން ދެކެ ފޫއްސެއް ނުވާނެއޭ...! އަހަރެން ބޭނުންވަނީ ދަރިއެއް ނޫނޭ...! އަހަންނަށް އައިލީން ލިބެނިކޮށް އެ ނިމުނީ އޭ...!" މޭޒު ދޮށުގައި އިށީންނަމުން މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ކަލޭ ކީއްކުރަންތަ އަބަދު އަހަންނަށް ފާރަލަމުން ތިދުވަނީ...؟ އަހަރެން ވަރަށް ރީތިކޮށް މިބުނަނީ ކަލެއަކަށް އަހަރެން ދުވަހަކުވެސް ނުލިބޭނެއޭ...! ދެން މިއީ ކިހާބޮޑު ކަމެއް...! ކަލޭ ދޯ އަހަރުމެން ކާރުގައި ދިޔައިރުވެސް އަހަރުމެންނަށް ފާރަލަމުން ދިޔައީ...!" އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"ކީކޭ...؟ ދުވަހަކުވެސް ނުލިބޭނެއޭ...! ރަނގަޅަށް އަޑުއަހާ...! ކަލޭވާނީ އަހަރެންގެ އަތްންބަކަށް...! ކަލޭ ދިރިހުންނާނީ އަހަންނަށްޓަކައި...! ކަލޭގެ ފިރިމީހާގެ ނިމުން އޮތީ މިފަސްގަނޑުގައި...! މި އިންޑިޔާގެ ފަސްގަނޑުގައި...! އައިލީންއަށްޓަކައި ކޮންމެ މީހެއްގެ ފުރާނައާ ކުޅެލަންވެސް އަހަރެން މިހިރީ ތައްޔާރަށް...! ހަނދާންވޭތަ ކުޅުދުއްފުށްޓަށް ދިޔަ ދަތުރުގައި ގެއްލިގެން އުޅުނު އިބްރާހީމް...! ކައުންސިލުން އޭނާ ހޯދަންކުރި މަސައްކަތުން އޭނަ އެއްވެސް މީހަކަށް ފެނުނުތަ...؟ ނުފެނުނެއްނު...! އޭނަ ނުވެސް ފެންނާނެ...! ހަމަ ރާއިފުވެސް އެހެން ގެއްލުވާލުމަކީ އަހަންނަށް މާ އުނދަގޫ ކަމެއް ނުނޭ...! އަދި މިއީ ކުޅުދުއްފުއްޓަށްވުރެ މާބޮޑު ޤައުމެއް...! މިޤައުމުގައި އެހެން ގެއްލެނީ ކިތައް މީހުން...! އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާނެ..." މަލާމާތުގެ ހިނިތުންވުމަކާއެކު މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"މަށަށް ބިރުދައްކަންތަ ތިއުޅެނީ..! ތިޔައީ ހާދަ ރަޙުމް ކުޑަ އިންސާނެކޭދޯ...! ރާއިފު އަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ...!" އައިލީން ރޮމުން ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އާނ...! މަށަކީ ވަރަށް ރަޙުމް ކުޑަމީހެއް...! އެކަމަކު އެހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކީ ތިއީ...! ކަލެއަށް އެނގޭތަ، ކަލޭ ދުނިޔެއަށް އައީ އަހަންނަށްޓަކައިކަން..! ދުނިޔޭން ނިމިގެންދާނީވެސް އަހަންނަށްޓަކައި...." މިފްޒާލް އޭނާގެ ފަޓުލޫނުގެ ޖީބުން ވަޅިއެއް ނެގުމަށްފަހު ބުންޏެވެ.
"ހެޔޮނުވާނެ..! ތިހެން ނަހަދާ..! ޕްލީސް އަހަރެން ދޫކޮށްލާފައި މިތަނުން ނުކުމޭ...! އަހަރެން ދެފައިގައި ހިފާފަ އާދޭސްކޮށްފަ މިބުނަނީ އަހަރެން ދޫކޮށްލާފައި މިތަނުން ދޭ...!" އައިލީން އަޑުން އަޑުނަގާ ރޯން ފެށިއެވެ.
"ކަލޭ ކީއްވެ އަހަންނަށް އެހެން ހެދީ...! އަހަރެން ދޫކޮށްލީ...! ބުނޭ...؟ މިބުނީނު ބުނާށޭ..! ކީއްވެ އަހަރެން ދޫކޮށްލާފައި އަހަންނާ ފިލަން ތި މަސައްކަތް ކުރަނީ...! ބުނޭ ހަމަ މިހާރު... ބުނޭ... އަހަންނަށް ކަލޭ ނުލިބެންޏާ އެހެން އެއްވެސް މީހަކަށް ކަލޭ ލިބުނަކަ ނުދޭނަން...!" މިފްޒާލް އައިލީން އާ ދިމާއަށް ވަޅި ހޫރާލަމުން ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ.
މިފްޒާލް ހޫރާލި ވަޅިން ރެކުމަށްޓަކައި އައިލީން އެއްފަރާތަށް ޖެހިލިއެވެ. އެހެން ނޫންނަމަ އެވަޅި ގޮސް ހެރޭނީ އައިލީންގެ އަރިކައްޓަށެވެ. އައިލީން ދުވެފައި ދިޔައީ ދޮރާދިމާއަށެވެ. ގޮސް ދޮރުގެ ތަޅުގައިހިފާ ދޮރު ހުޅުވުމަށްޓަކައި ތަޅުވަން ފެށިއެވެ. އެހެން ނަމަވެސް އެދޮރު ހުޅުވޭގޮތެއް ނުވެއެވެ. އެވަގުތު އަނެއްކާވެސް މިފްޒާލް އައިލީން އާ ދިމާއަށް ދިޔައެވެ.
"ހެޔޮނުވާނެ މިފްޒާލް...! ތިހެން ނަހަދާ...! އަހަރެން ދެކެ ލޯބިވާ މީހަކު ތިހެން އަހަންނަކަށް އަނިޔާއެއް ނުކުރާނެ...! ތިއުޅެނީ އަހަރެން ދެކެ ލޯތްބަކުންނޫން...! ކޮންމެވެސް އެހެން ބޭނުމަކު...! އަހަރެން ދެކެ ތިބުނާ ވަރަށް ލޯބިވާއިރު އަހަރެންގެ ދުވަސް ދުއްވާލަން ތިއުޅެނީ ކީއްކުރަން...! އޭރުން މިފްޒާލްއަށް އޮތީ ކޮން އުފަލެއް..! ހެޔޮނުވާނެ...! ޕްލީސް މިފްޒާލް ވިސްނާލަބަލަ...!" އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެން ނޫން އެހެން މީހެއް ޙައްޤެއްގެ ގޮތުގައި އައިލީން ހުންނަތަން ދެކޭކަށް...! އެހެންވެ އަހަރެން މިއަދު ކޮންމެސް އެއްގޮތަށް މިކަން ނިންމަން ބޭނުން..." އައިލީން ކަރުގައި ހިފުމަށް މަސައްކަތް ކުރަމުން މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ހެޔޮނުވާނެ މިފްޒާލް...! މިހާއަވަހަށް ތިކަމަށް ގޮތެއް ނުނިންމާ...! އަހަރެން މިފްޒާލްގެ ދެފައިގައި ހިފާ އާދޭސްކޮށްފައި މިބުނަނީ...! ޕްލީސް..!" އައިލީން ގުދުވެ މިފްޒާލްގެ ދެފައިގައި ހިފަމުން ބުންޏެވެ.
"ތީގެ މާނައެއް އަހަނަކަށް ނުވިސްނުނު..." އައިލީންގެ ކަރުން ދޫކޮށްލަމުން މިފްޒާލް ބުންޏެވެ.
"މިފްޒާލް..! ޕްލީސް އިހަށް މިތަނުންދޭ...! އަހަރެން ތިކަމާ ވިސްނަށް ވަގުތުކޮޅެއްދީ...! އަހަރެން އާދޭސްކޮށްފައި މިބުނަނީ...! ހެޔޮނުވާނެ..." އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"އައިލީން އަކީ މިދުނިޔޭގައިހުރި އަހަރެން އެންމެ ލޯބިވާ މީހާ...! އެހެންވީމަ އަހަރެން މިއަދު އައިލީން އަށް އެއް ފުރުސަތު ދޭނަން...! އެކަމަކު ހަމަ އެންމެ ފުރުސަތެއް...! އަހަރެން މިއަދު މިކޮޓަރިން ހިނގައިދާނަން...! އެކަމަކު އެއީ މުޅި އުމުރަށް އައިލީން އަހަރެން ކައިރިއަށް އަންނާނެ ކަމަށް ވައުދުވެއްޖިއްޔާ...! އައިލީން އަށް އެކަމަށް ވައުދުވާން ކެރޭނެތަ...؟" އައިލީންގެ ދަތްދޮޅީގައި ހިފަހައްޓާލުމަށްފަހު އައިލީންގެ އިސްއުފުލާލަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
"އަހަރެން... އަހަރެން... ތި ކަމާ.. ތިމާ ވިސްނަން ވަގުތުކޮޅެއްދީ...!" ރޮމުން ރޮމުން އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އެންމެ ރަނގަޅު...! އަހަރެން މާދަމާ ފުރައިގެން މާލެ ދާނަން...! އައިލީން ވިސްނަން އެއްމަސްދުވަސް އަހަރެން ދޭނަން...! އޭގެ ފަހުން އައިލީން ކަންތައް ކުރާގޮތަކުން ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް އަހަރެން ނޫފުލާނަން...! މިބުނި އެއްޗެއް އައިލީންއަށް ވިސްނިއްޖެކަމަށް އަހަރެން ހީކުރަން..." މިފްޒާލް އެހުރިގޮތަށްހުރެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އެންމެ ރަނގަޅު...! އެކަމަކު އަހަރެން ދޫކޮށްލާފައި މިހާރު މިތަނުން ނުކުމޭ...! އަހަރެންގެ ފިރިމީހާ އައިސްގެން ދެމީހުންގެ ބޮޑު ހަނގުރާމައެއް މިތަނުގައި ހިންގާކަށް އަހަރެން ބޭނުމެއް ނޫން...! ހެޔޮނުވާނެ..! އަވަހަށް މިތަނުން ދޭ..." އާދޭސްކުރާ ރާގަކަށް އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަރެން މިއަދު މިތަނުންދާނީ އަހަރެން ކައިރިއަށް އަންނާނެ ކަމަށް ވަޢުދުވީމަ، އޭގެ ފަހުން...!" އަނެއްކާވެސް މިފްޒާލް ބުންޏެވެ.
"އަހަރެން މިބުނީމު އަހަންނަށް ވިސްނާލަން ވަގުތުކޮޅެއް ދޭށޭ...! އޭގެ ފަހުން އަހަރެން މިފްޒާލް އަށް ޖަވާބެއް ދޭނަން..!" އައިލީން މިފްޒާލް އާ ދިމާއަށް ބަލަންހުރެ ބުންޏެވެ.
"ޖަވާބެއް ނޫން ބޭނުމީކީ...! އަހަރެން ބޭނުންވާ ޖަވާބު ބޭނުމީ...! އެއީ ކޮން ޖަވާބެއްކަށް އައިލީން އަށް އެނގޭނެ ކަމަށް އުއްމީދު ކުރަން...! މިފަހަރު އަހަރެން ދިޔަޔަސް ދެން މިގޮތަކަށް އަހަރެން ކަންތަކެއް ނުކުރާނަން...! ދެން އޮންނާނީ ދޭތިން އެކަތި...! އެއްމަސް ދުވަސް ވަންދެން އަހަރެން އިންތިޒާރު ކުރާނަން..." މިފްޒާލް ކޮޓަރީގެ ދޮރުގެ ތަޅު ހުޅުވާލުމަށްފަހު ކޮޓަރިން ނުކުންނަމުން ބުންޏެވެ.
މިފްޒާލް ކޮޓަރިން ނުކުތުމާއެކު އައިލީން އަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. އިރުކޮޅެއް ވަންދެން ދޮރުފަތުގައި ލެނގިލައިގެން ހަދާނެގޮތް ހުސްވެފައި ރޯން ހުއްޓެވެ. އެއަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު ކޮޓަރި ތެރޭގައި ހުރި އެކި ސަމާނުތައްހުރީ އެތަން މިތަނަކަށް ވިއްސި ވިހާލިވެގެން ގޮއްސައެވެ. އައިލީން އެ އެއްޗިހިތައް ނަގާ އެ އެއްޗެއް ހުންނަންޖެހޭ ތަނުގައި ބަހައްޓާ މުޅި ކޮޓަރިތެރެ ތަރުތީބު ކޮށްލިއެވެ. އެއަށްފަހު ކުޑަކޮށް ހަމަޖެހިލުމަށްޓަކައި މޫނު ދޮވެލުމަށްޓަކައި ވަނީ ފާހާނާއަށެވެ.
މިފްޒާލް، އައިލީން ކޮޓަރިން ނުކުމެގެން އޭނާ ލާފައިހުރި ކަކުލާ ހަމައަށް އަންނަ ބޮޑު ކޯޓު ރަނގަޅު ކޮށްލުމަށްފަހު ކޯޓުގައި ބޮލަށް ވައްޓާލަން އޮތް ބައި ބޮލަށް ވައްޓާލައިގެން ހުރެ ބާރު ހިނގުމެއްގައި ހިނގާފައި ހޮޓަލުން ނުކުތުމަށްޓަކައި ހިނގައިގަތެވެ. އެހޮޓަލުން ނުކުންނަށް ދިޔައިރު ހޮޓާ ތެރެއަށް ވަދެގެން އައި ރާއިފު ފެނުމާއެކު މިފްޒާލް ވަރަށް ބޮޑަށް ޙައިރާންވިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 08 އޮކްޓޯބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް