އެއީ ތެދެއް.. އިޒީ ގެއަށް ލާން ދާންވެގެން އުޅެނިކޮށް ތިއައީ.. ” އައިދަން ބުންޏެވެ. ކާރާ ދިމާލަށް ކުރިން ހިނގައިގަތީ އައިދަން އެވެ. ޝިވަންއަށް ބަލާވެސް ނުލާ އިޒްވާ އައިދަންގެ ފަހަތުން ހިނގައިގަންނަން އުޅުނެވެ. އެވަގުތު ޝިވަން ކޮއްލި ކަމަކުން އިޒްވާ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. ރުޅިވެރިކަން މީހާ ވަށާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަލާކަށް ނުހުރެ އެނބުރިލާފައި ޝިވަންގެ ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހައިފިއެވެ. އެއަޑަށް ކުރިއަށް ގޮސް ގޮސް ހުރި އައިދަންވެސް އެނބުރި ބަލައިލިއެވެ.
” ހަބަރުދާރު.. އަދި އަހަރެންގެ ފިރިމީހާ ނިޔާވިތާ ބާރަ ގަޑިއިރުވެސް ނުވޭ ކަލޭ ތިއުޅެނީ އެކަމުގެ ފައިދާ ނަގަންދޯ.. އަހަންނަށް މާކުރިންވެސް އެނގޭ ކަލޭގެ ހިތް ނިޔަތް ހުރިގޮތް.. ” އިޒްވާ ޝިވަންއާއި ދިމާއަށް ހަޅޭލަވައިގަތީ މަގުމަތިންދާ މީހުންގެ ބެލުމަށް ފަރުވާލެއް ނުބަހައްޓައެވެ. ޝިވަން ގަތް ލަދުން ދެކޮޅު ހޯދާ ބަލައިލީ މީހަކު ބަލަހައްޓައިގެން ހުރިތޯއެވެ. އައިދަން ހުރީ ސިހުނުވަރުން ކިޔާނެ ބަހެއް ނޭނގިފައެވެ. އިޒްވާއަށް އެވަރުކަމެއް ކުރަން ކެރުނު ކަމާމެދު ހައިރާންވިއެވެ. ޝިވަންއަކީ މާލޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރީގައި ހިމެނިފައިވާ މީހެއްގެ އިތުރުން މީހުންގެ އިއްޒަތާއި ގަދަރުވެސް ލިބިފައިވާ މީހެކެވެ. ޝިވަންގެ މުޅިއާއިލާއަކީވެސް ގަދަރުވެރި އާއިލާއެކެވެ. ޝިވަންއާއި އެއްހަމައެއްގައި ހިނގާން ނުކެރިފައި މީހުން ތިބިއިރު އިޒްވާގެ ފަރާތުން މިފެނުނު ކަމަކީ ވަރަށްވެސް ދަށު ދަރަޖައިގެ ކަމެއް ކަމަށް އައިދަންއަށް ޤަބޫލުކުރެވުނެވެ.
” މާފުކުރޭ.. އަހަންނަކީ ތިހީކުރާކަހަލަ މީހެއް ނޫން.. އިޒްވާއަށް އަށް ދިމާވި ދެރަ ގޮތް ހިތަށް އަރާފަ ދެރަވިވަރުން ކޮނޑުމަތީގައި އަތް އަޅާލެވުނީ ހިތްވަރުގެ ބަސްކޮޅެއް ބުނެވޭތޯ.. " ކޯމަތީގައި އަތުން ފިރުމަމުން ޝިވަން ވާހަކަ ދެއްކިއެވެ.
" ހިތްވަރުގެ ބަސްކޮޅެއް ބުނަން އެނގެނީ ދާން އެނބުރުނީމަތަ؟ ގައިގަ ނާތްލާވެސް ތިބުނަން އުޅޭ އެއްޗެއް ބުނެވުނީހެއްނު.. އަހަރެން ހުވަފަތްވީމަ ހީކުރީތަ ބޭނުންގޮތަކަށް އަހަރެންނާމެދު ކަންތައް ކުރެވޭނޭ.. ދުނިޔޭގައި ފިރިއެއް ނެތަސް އެއްވެސް ފިރިހެނެއް އަހަރެން ގައިގާ އިނގިލީ ކުރި ޖައްސާލުމަކީވެސް އަހަރެން އެހާ ހިތްހަމަޖެހޭކަމެއް ނޫން.. އެހެޔޮ ކިތަންމެ ހިތްވަރުގެ ބަހެއް ބުނެލަން ބޭނުންވިޔަސް.. "
" އިޒްވާ............. " އައިދަންއަށް ގޮވައިލެވުނެވެ.
" ސޮރީ.......... " އިސްޖަހައިލަމުން ޒިވަން ބުންޏެވެ.
“ބުނާތީ އަޑުއަހަން ތިބޭފުޅާގެ އާއިލާ އަކީ ވަރަށް ދީންވެރި އާއިލާއެކޭ.. އަދި ހުދު ތިބޭފުޅާއަކީވެސް ވަރަށް ދީނަށް ލޯބިކުރާ މީހެކޭ ބުނާއަޑުއަހަން.. ހުދު ކައި ވެސް ދައްކާނެ ތިބޭފުޅާގެ ދީންވެރި ވާހަކަ.. އެކަމަކު އަހަންނަކަށް ނުފެނޭ އެކަހަލަ އެއްވެސް ކަމެއް.. އެހެންނޫނަމަ ހިލޭ އަންހެނެއް ގައިގާ އަތްލުމުގެ ކުރިން ވިސްނާނެ.. ރައްރިތުންނަށް ދެއްކެވެން ވެގެން ދޯ ދީންވެރިކަމަށް ހެދިގެން އުޅެނީ.. ހަހް..” މިހެން ބުނެ އިޒްވާ މަޑުނުކޮށް އައިދަންގެ ކާރާ ދިމާއަށް ހިނގައިގަތެވެ.
****************
” އިޒްވާ ޝިވަން ސަރ އާއި މެދު ތިކަންތައް ކުރީ ރަނގަޅަކަށް ނޫން.. އަހަރެން ބުނާ ބަހެއް އަހަންޏާ ޝިވަން ކައިރިން މައާފަށް އެދޭ.. ޝިވަން އަކީ ވަރަށް ރަނގަޅު އިންސާނެއް.. ވަރަށް މާތް އިންސާނެއް.. ވަރަށް ދެރަވެއްޖެ ޝިވަން އާ ދޭތެރެ ކަންތައް ކުރީ ގޮތުން.. ޝިވަން ސަރ އަކީ ކައިސަންވެސް ވަރަށް އިހްތިރާމް ކުރާ މީހެއް.. މިއަދު ކައިސަން ހުރި ނަމަ އޭނަ ކިހާ ދެރަވާނެ” ކާރު ދުއްވަމުން ދިޔައިރު އައިދަން ދައްކަމުން ދިޔަ ވާހަކައިން އިޒްވާއަށް ލިބެމުން ދިޔައީ އިތުރު ނުތަނަވަސް ކަމެކެވެ.
" އައިދަން އަށް ހަޤީޤަތް ނޭނގޭތީ ތިހެން ތިބުނަނީ.. " އިޒްވާ ބުނެލިއެވެ.
" އިޒީ! ޝިވަން ސަރ............." އައިދަން ބުނަން އުޅުނެވެ.
" ޕްލީޒް.. ދެން އެވާހަކަ ނުދައްކަފާނަންތަ؟ " އިޒްވާ އެދުނެވެ. ހާލަތަށް ބަލާފައި އައިދަންވެސް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ.
**************
އިޒްވާއަށް ގެއަށް އާދެވުމާއެކު އެންމެ ފުރަތަމަވެސް ބަލާލީ މަރިޔަމް ކޮބާތޯއެވެ. މިއަދުގެ ފަހުން މާމަގެ ހުރިހާ ޒިންމާއެއް ނަގަން އިޒްވާ ހުރީ ހިތުއަޅައިގެންނެވެ. ކައިސަން މާމައަށް ދިން ލޯބި ނުދެވުނަސް ހަމަ އެފަދަ ލޯތްބެއް މާމައަށް ދޭން އިޒްވާ ބޭނުންވިއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަރިޔަމް ގާތުގައި އޭނާ ހުންނާނެއެވެ.
އެނދުގައި މަރިޔަމް ނިދާލާފައި އޮތްއިރު ކައިރީގައި އަވައްޓެރި ނަދީމާ އިށީނދެލައިގެން އިނެވެ. މަރިޔަމް ކައިސަން ބަލާބޮޑުކުރަމުން ދިޔައިރު އެންމެ ބޮޑު އެހީއެއް ލިބުނީ ނަދީމާގެ ފަރާތުންނެވެ. ނަދީމާއާއި އިޒްވާގެ އާއިލީ ގުޅުމެއް ނެތަސް އެދެމެދުގައި ވަނީ މަންމައާއި ދަރިއެއް ފަދަ ގުޅުމެކެވެ.
” އެކޮއެ ދާންވީނު މޭޒުމަތީގަ ހުރި ތަށިތައް ނަގަން… އޭގެން މިހާރު ނުބައި ވަސްދުވަން ފަށައިފި.. ނަދިއްތަ މަޑުކޮށްލާނަން މާމަ ކައިރީ.. ރޮއެ ރޮއެފަ ވަރަށް އުނދަގުލުން ނިދިފަ އެއޮތީ” ނަދީމާ މިހެން ބުނުމުން އިޒްވާވެސް މަޑުނުކޮށް ހިނގައިގަތީ އެދިމާއަށެވެ. ކާމޭޒުމަތި ފެނުމާއެކު އިޒްވާއަށް ހުއްޓެވުނެވެ. އެއީ މީގެ ގަޑިއިރުތަކެއް ކުރިން އިޒްވާ ފޮނި އުއްމީދުތަކަކާއެކު ކައިސަންއަށް ޓަކާ ތައްޔާރު ކުރި ކާއެއްޗިއްސެވެ. އެތާނގަ އިދެގެން ކައިސަންއަށް އިންތިޒާރުކުރި ތަނެވެ. ހަނދާނަށް އަންނަމުން ދިޔައީ މިއަދު ހެނދުނު ގެއިން ނުކުންނަމުން ބުނެލި ބަސްތަކެވެ.
” މިއަދު ކައި އެންމެ ބޭނުންވަނީ އިޒީ އަތުން ހަދާފަ ހުރި ކަނޑު ކުކުޅާއި ބަތާ ކާން.. ” މިހެން ބުނެ ކައިސަން އިޒްވާގެ ދެއަތްތިލައަށް ބޮސްދިނެވެ. އަދި ނޭފަތް އެތެރެއަށް ދާމާލިއެވެ.
” އެއްވެސް އެއްޗެއް ނުހާކާ އިންނައިރުވެސް ހާދަ މީރުވަހެކޭ މިއަރަނީ.. އިޒީގެ އަތުން މީރު ތިކި ތިކި ޖަހާ ކަންނޭނގެ.. އެހެންވެގެން ކަންނޭނގެ އިޒީ ކައްކާ އެއްޗެހި އެހާ މީރީ..” ކައިސަން ބުނެލި ވާހަކައިން އިޒްވާ އަށް ހެވުނެވެ. ކައިސަންގެ ބޮލުގައި މަޑުމަޑުން ޖަހާލީ މޮޔަގަނޑޭ ބުނެލަމުންނެވެ. އޭނާ ގެއިން ނިކުތީ އިޒްވާގެ ކޮލަށް ބޮސްދިނުމަށްފަހު އައިދަން ގޮވައިގެން މެންދުރު ކާން އަންނާނަން ކަމަށް ބުނަމުންނެވެ.
*******************
ކާމޭޒު ކައިރީއިން އިޒްވާއަށް ބޭއިޙްތިޔާރުގައި އޭނާގެ ކޮލުގައި ފިރުމާލެވުނެވެ. މަޑު އާހަކާއި އެކު ދެލޯމަރާލިވަގުތު ލޮލަށް ޖަމާވެފައި ހުރިހާ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ރޮނގަކަށް ފައިބާންފެށިއެވެ. ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ އިޒްވާގެ މަޑުމަޑު ގިސްލުމުގެ އަޑުންނެވެ. އިޒްވާއަށް ކައިސަންއެއް ދެން ދުވަހަކުވެސް ނުފެންނާނެއެވެ. ކައިސަންގެ ބީހުންތަކެއް ވެސް އިހްސާސެއް ނުކެރެވޭނެއެވެ. އަދި އިޒްވާއަށް އެންމެ ރީތި ފިރިހެންވަންތަ އެ އަޑުވެސް ނީވޭނެއެވެ. ނަމަވެސް އިޒްވާގެ ހިތާއި ސިކުނޑީގައި ކައިސަން އަބަދުވެސް ދިރި ހުންނާނެއެވެ. ކައިސަން މަތިން ހަނދާން ނައްތާލުމަކީ ދިރިހުރިހާ ދުވަހަކު ނުކުރެވޭނެ ކަމެކެވެ. އަނދިރިވެފައިވާ އިޒްވާގެ ހަޔާތަށް އަލިކަމެއް ގެނެސްދިން ފަރާތް އަނެއްކާވެސް އަނދިރިކޮށްލުމަށްފަހު ދުނިޔޭންވަކިވުމަކީ އިޒްވާއަށް ލިބުނު އެންމެ ބޮޑު އެއް ހިތާމައެވެ.
މޭޒުމަތި ސާފުކޮށްލުމަށްފަހު އިޒްވާ ކޮޓަރިއަށް ދިޔައީ ފެންވަރާ ނަމާދުކޮށްލުމަށެވެ. ނަމާދަށް ހުރިއިރުވެސް އިޒްވާއަށް އިރުކޮޅުކޮޅުން ރޮވެމުން ދިޔައެވެ. ކެތްތެރިކަމާއި ހިތްވަރުދެއްވުމަށް އެދި މާތްﷲގެ ހަޒްރަތަށް ދުއާ ދެންނެވީ ވެސް ރޮވޭހާލުގައެވެ. ކައިސަންއަށް ކުރެވިފައިވާ ކުދިބޮޑު އެންމެހާ ފާފަތައް ފުއްސަވާ ސުވަރުގެ ގޭގެ އެންމެ މަތީ ދަރަޖަ ދެއްވާތޯއެވެ. ޖަންނަތުގައި ކައިސަންއާ އެކު ލައްވަވާތޯއެވެ. އެތައް އިރެއް ވަންދެން މުސައްލަ މަތީގައި ރޯލަ ރޯލާ އިޒްވާ އިނެވެ.
****************
އޭގެ ފަހުން ހަމަސް ފާއިތުވެގެން ދިޔައީއެވެ. އިޒްވާ ހަމައަކަށް އެޅުނު ނަމަވެސް މަރިޔަމްގެ ހާލު ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ދެރަވަމުންނެވެ. އެއްގޮތަކަށްވެސް ތެދުވެވޭވަރު ނުވާތާ ދެމަސް ވެދާނެއެވެ. މަރިޔަމްގެ ފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން ދިޔައީ އާރްވާން ކުންފުނީގެ ފަރާތުންނެވެ. ނަމަވެސް ގޭގެ ބިލުތަކާއި ކުލި ދައްކަން ޖެހިފައިވުމުން އިޒްވާ ވަޒީފާއަކަށް ނިކުންނަން މަޖުބޫރުވިއެވެ. އާދައިގެ ފިހާރައެއްގައި މަސައްކަތްކުރާ އިޒްވާ އަށް ލިބޭ މަދު މުސާރައިން ދެކޮޅުޖެހެނީ ހަމަކިރިޔާއެވެ. ގިނަ ދުވަސް ދުވަހު ގޭގައި ކާނެ އެއްޗެއް ނުވެސް ހުރެއެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ނަދީމާއާއި އައިދަންގެ ފަރާތުންނެވެ. ކޮންމެ މަހަކުވެސް އައިދަން އެގެއަށް ކެއުމަށް ބޭނުންވާ ތަކެތި ގެނެސްދޭނެއެވެ. އައިދަންގެ މިއެހީތެރިކަމަށްޓަކައި އިޒްވާ ހުންނަނީ ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ. ކައިސަންގެ އެވަރުގެ ރަހުމަތްތެރިއަކު ހުރީތީ މާތްﷲއަށް ހަމްދުކުރާ ހާލުގައެވެ.
*************************
އިޒްވާއަށް ފިހާރަ ނިންމާފައި ގެއަށް އާދެވުނުއިރު ވަރަށް ލަސްވެއްޖެއެވެ. މަރިޔަމްއަށް ކާންދީ ބޭސްދިނުމަށްފަހު އިޒްވާ ކޮޓަރިއަށް ދިޔައީ އަރާމުކޮށްލުމަށެވެ. މުޅި ދުވަހު އުޅެވުނުލެއް ބުރަކަމުން އިޒްވާ ހުރީ ފާޑަކަށް ލޮޑުވެފައެވެ. އެނދުގައި ޖައްސާލުމަށްފަހު ލޯމަރާލީ ނިދޭތޯއެވެ. ލޯމަރާލުމާއެކު ސިފަވެގެން ދިޔައީ ކައިސަންގެ ހިނިތުންވެފައިވާ މޫނެވެ. އިޒްވާއަށް ހިނިތުންވެވުނީ ބޭއިހްތިރާރުގައެވެ. އެހެނީ އިޒްވާއަށް ހިތްހަމަޖެހުން ލިބެނީ މިފަދަ ހިޔާލުތަކުންނެވެ. ފުން ނިންޖެއްގެ ތެރެއަށް ގެބިގެން ދިޔައީވެސް މިފަދަ ހިޔާލުތަކެއްގައި ވަނިކޮށެވެ.
ނިދުނުތާ އިރުކޮޅެއްވެސް ނުވަނީސް އިޒްވާއަށް ހޭލެވުނީ މީހަކު ދޮރު ހުޅުވާލި އަޑު އިވިގެންނެވެ. ކޮޓަރިތެރެއަށް އަނދިރިކަން ވެރިވެފައި އޮތުމުން މީހެއްގެ މޫނެއް ނުފެނެއެވެ. އެމީހާ އިޒްވާއާއި ދިމާއަށް އަންނަހެން ހީވުމުން އިޒްވާ ކުއްލިއަކަށް ތެދުވިއެވެ. އެނދުން ތެދުވެގެން ލައިޓް ދިއްލަން ދުއްވައިގަތެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު އިޒްވާގެ ގައިގާ ހިފައިގަތެވެ. އިޒްވާ ހަޅޭއްލަވަން އަނގަ ހުޅުވާލުމާއެކު އަނގަމަތީގައި ބާރަށް އަތްއެޅިއެވެ. ބާރުގަދަ އެދެއަތުގެ ތެރެއިން އިޒްވާ ސަލާމާތްވާން ކުރި މަސައްކަތް ވީ ބޭކާރެވެ. ލުއި ފަތްކޮޅެއްހެން އެމީހާ އިޒްވާ އެނދުމައްޗަށް އެއްލާލިއެވެ. ޖެހުނު ގޮތަކުން ތަދުވީ އިޒްވާގެ އުނަގަނޑަށެވެ. އާހެއް ބޭރުވެގެން ދިޔުމާއެކުވެސް އިޒްވާ ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އުނަގަނޑަށް އަރާފައި ހުރި ތަދުން ގުޑިވެސް ނުލެވުނެވެ. ހިޔަންޏެއް ހެން ހުރި އެމީހާ ކައިރިއަށް އަންނަކަށް އެނގުނު ހިނދު އިޒްވާއަށް ރޯންފެށުނެވެ. ރޯމަހެއް ހެން ހިތްތެޅެމުން ދިޔައެވެ. އުނދަގުލާއެކު އިޒްވާ ފޯނު ހޯދަން މަސައްކަތް ކުރިއެވެ. ފޯނުގައި އަތް ޖެހުމާއެކު އެނަގަން އަވަސްވެގަތެވެ. ނަމަވެސް އޭގެ ކުރިން އެމީހާ އައިސް އިޒްވާގެ ދެއަތުގައި ހިފެހެއްޓިއެވެ. އިޒްވާ ހިތްވަރު އެލުވައެއް ނުލައެވެ. އެމީހާގެ ކިބައިން ސަލާމަތް ވުމަށް ކުރެވެން އޮތް ހާ މަސައްކަތެއް ކުރިއެވެ. ރޮމުން ހަޅޭއްލަވަމުންނެވެ. ނަމަވެސް ދަންވަރުގެ އެވަގުތުގައި އިޒްވާގެ އަޑު އަހާނެ އެއްވެސް ފަރާތެއް ނެތެވެ. އެމީހާގެ އަތްދަށުން ސަލާމަތްވުމަށް ތެޅިފޮޅެމުން ދިޔައީ ރޮއެ އާދޭސްކުރަމުންނެވެ. އެމީހާގެ އަތުގެ ހޫނު އެތިފަހަރެއް އިޒްވާގެ ކޯތާފަތަށް އަރައިގެން ދިއުމާއެކު އޭނާގެ އަޑު ކެނޑިއްޖެއެވެ. ބޮލަށް އެނބުރުން އެރީއެވެ. އިތުރަށް ހަޅޭއްލަވާނެ ހިތްވަރު ނެތުނީއެވެ. އެމީހާގެ އަތުގެ ބީހުންތައް އިހުސާސްވާން ފެށުމާއެކު އިޒްވާގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. ކުރެވޭނެ އިތުރުކަމެއް ދައްކާނެ އިތުރު ހިތްވަރެއް ނެތުމުންނެވެ. ދެލޮލުން ކަރުނަ އޮހެންފެށީ އިޙްތިޔާރަކާނުލައެވެ. ކުރެވުނު ހަމައެކަނި ކަމަކީ ސަލާމަތްކޮށްދިނުމަށް އެދި ހިތާހިތުން ﷲގެ ހަޟްރަތަށް ދުއާ ދެންނެވުމެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 16 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް