ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ފުރަތަމަ ބައި

ފޯނު ހިފައިގެން އިޒްވާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އިޒްވާ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަ...

10 Oct 2022 | 14:19

ފޯނު ހިފައިގެން އިޒްވާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އިޒްވާ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަށް ކައްކާލާފައެވެ. ކައިސަންއަށް އެންމެ މީރު ކަނޑުކުކުޅުގެ މީރުވަސް ވަނީ މުޅިތަނުގައި ހިފާލާފައެވެ. އޭގެ އިތުރުން ބަނބުކޭލީ ބަތާއި ރިހާކުރާއި ތެލުލި ފަތުގެ އިތުރުން ލޮނުމިރުސް ތައްޓެއްވެސް ހުއްޓެވެ. މީގެ އިތުރުންވެސް މޭޒުމަތީގައި ކައިސަންއަށް މިރުވާނެހެން ހީވާ އެއްޗެއް ހުއްޓެވެ.

އިޒްވާ ލައިގެންވެސް ހުރީ ކައިސަންއަށް އެންމެ ކަމުދާ ކަހަލަ ހެދުމެކެވެ.ކަޅު ނޫކުލައިގެ ބޮޑު ކޮކާ ހެދުމަކާއި ތަންކޮޅެއް އަލި ނޫކަލެއްގެ ބޮޑު ޝޯލްއެއް އަޅައިގެން ހުރިއިރު އެދޮންމޫނު ފެންނަލެއް ވަރަށް ރީއްޗެވެ. އެއީ ގުދުރަތީ ރިތިކަމެކެވެ. އެއްވެސް މޭކަޕަކާ ނުލާވެސް މޫނުގައި އެންމެ ބިއްސެއްވެސް ލަކުނެއްވެސް ނެތެޗެ. ނަމަވެސް މިވަގުތު އެމޫނު ވަނީ މިލާލާފައެވެ. ކައިސަންއަށް އެތަކެއް ފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ފޯނުއޮތީ ނިއްވާލާފައެވެ. މިވަގުތަކީ އެހެންޏާ ކައިސަން އޮފީހުން ބްރޭކަށް އަންނަ ވަގުތެވެ. ނާދެވޭ ކަމެއް ވިޔަސް ނުވަތަ ފޯނު ނިވިފަ އޮތަސް އޮފީސް ފޯނުން ނަމަވެސް ގުޅާފައި ބުނާނެއެވެ.

އިޒްވާގެ ކަންބޮޑުވުން އިތުރަށް ބޮޑުވީ އޮފީހަށް ގުޅުމުން އެމީހުން ބުނި ވާހަކައަކުންނެވެ. ކައިސަން އޮފީހުން ނިކުތްތާ އެތައް އިރެއް ވެދާނެ ކަމަށް ބުނުމުން އިޒްވާގެ ހިތަށް ވަނީ ބިރުވެރިކަމެއް ވެރިވެފައެވެ. އޮފީހުން ނިކުމެފައި އެހާ ގިނައިރު ހަބަރެއް ނުވެ ހުރުމަކީ ކައިސަން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ހާސްކަމުގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރުން ނޫންކަމެއް އިޒްވާއަކަށް ނުކުރެވުނެވެ. އޭގެ ފަހުން އެއްގަޑިއިރު ވެގެން ދިޔައިރުވެސް ކައިސަންގެ ހަބަރެއް ނުވުމުން އިޒްވާއަށް ރޮވެން ފެށުނެވެ. ކައިސަން ހޯދަން ގުޅާނެ އިތުރު މީހަކުވެސް ނެތެވެ. ރަހުމަތެރިއެއްގެ ނަމްބަރެއް އެނގެނީ އެއް ނޫނެވެ. އާއިލާ ހުންނަނީ މާމައެއް އެކަންޏެވެ. ހިނގަނީ ދަނޑިގަނޑެއްގެ އެހީގައެވެ. ތަންކޮޅެއް ކުރިން ސްޓްރޯކެއް ޖެހިފައި ހުރުމުގެ ސަބަބުން އެއްފަޅީގައި އެހާ ބޮޑަށް ވާތްގެއް ނުހުރެއެވެ.

އިޒްވާވެސް އުޅެ ބޮޑުވީ ކުޑަކުދިންގެ ހިޔާގެއެވެ. މަންމައާއި ބައްޕަ ދުނިޔޭގަ ތިބިކަމެއްވެސް ނުވަތަ ނެތްކަމެއް ވެސް އިޒްވާއަކަށް ނޭނގެއެވެ. އާއިލާއެއްގެ ލޯބި ފުރަތަމަ ފަހަރަށް އިހުސާސް ކޮށްދިނީ ކައިސަން އާއި އޭނާގެ މާމައެވެ.

“އިޒީ.. ކޮބާ ކައިސަން އަދިވެސް ނާދޭތަ” ކޮޓަރިތެރޭން މާމަ މަރިޔަމް ގޮވާލިއަޑު އިވުނެވެ. އިޒްވާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކައިސަން އަކީ މާމަގެ ފުރާނައެވެ. މަރިޔަމްގެ ފިރހެން ދަރި ކާމިލްއާއި ގުރައިޝާ ޅައުމުރުގައި މިދުނިޔެއިން ވަކިވެގެން ދިޔައީ އެންމެ ފުރިހަމަ ގޮތުގައި ކައިސަން ބަލައި ބޮޑުކުރުމަށް ވަސިއްޔަތްކޮށްފައެވެ. މަރިޔަމް ކައިސަން ބަލާ ބޮޑުކުރީ އިންތިހާއަށް ލޯބިދީގެންނެވެ. ކައިސަންގެ ހަބަރެއް ނުވެގެން އުޅޭ ވާހަކަ ބުނުމުން މަރިޔަމް ކަންބޮޑުވާނެކަން ޔަގީންވާތީ އިޒްވާ އެކަން ސިއްރު ކުރިއެވެ. ކައިސަން ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނަމުން އިޒްވާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. ދަނޑީގެ އެހީގައި ހިނގަމުން އައިސް މަރިޔަމް މޭޒުމަތި ބަލައިލިއެވެ.

" ވާހް ވާހް.. މިހުރިހާ އެއްޗެއް ކެއްކިއިރު ކީއްވެ މާމައަށް ގޮވާނުލީ.. ކަމެއް ކޮށް ނުދެވުނަސް އަނގަތަޅަން އިނދެވުނީހެއްނު.. " މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން މަރިޔަމް ބުންޏެވެ. އިޒްވާއަށް ވާހަކައެއް ނުދެއްކުނެވެ. ހިތަށް ފާޑެއްގެ ބިރުވެރިކަމެއް އިހުސާސް ވަނީއެވެ.

ނުދަންނަ ނަމްބަރަކުން ފޯނެއް އައީ އޭގެ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް ފޯނު ނެގީ ކައިސަންއަށް ވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް ފޯނު ނެގުމާއެކު ލިބުނު ހަބަރުން އިޒްވާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އަތުން ފޯނު ދޫވެގެން ވެއްޓި ތަށިމުށިތައްމަތީގައި ޖެހުމާއެކު އޭގެ އެތިކޮޅުއްތައް އެކިތަންތަނަށް ބުރައިގެން ދިޔައެވެ. އެއަޑަށް ގޮނޑީގައި އިން މަރިޔަމް ސިހިފައި ބަލައިލިއެވެ. ކިހިނެއްވީތޯ މަރިޔަމް އަހާލަން އުޅުނު ހިނދު ދުވެފައި ގެއިން ނިކުތް އިޒްވާ ފެނުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމަށް ހިތް ބުނަމުން ދިޔައެވެ. އަވަހަށް ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށީ ހުރިހާ ކަމެއް ރަނގަޅުކޮށްދެވުމަށް އެދި ހިތާ ހިތުން ދުއާކުރަމުންނެވެ.

ދުވަމުން ގޮސް ހޮސްޕިޓަލަށް ވަންއިރުވެސް އިޒްވާއަށް ރޮވެނީއެވެ. މީހުންގެ ބެލުންތަކަށް ފަރުވާލެއް ނެތެވެ. އެއަށް ވުރެ ބޮޑަށް ހިތަށް ކުރަމުންދާ އަސަރު މާބޮޑެވެ. އެމަރޖެންސީ ބަޔަށް ވަނީވެސް ފުލުހުންގެ އަތް ފޮޅުވާލާފައެވެ. ކައިސަން އޮތް އެނދާ ދިމާއަށް ދެވުނުއިރު ޑޮކްޓަރ ކައިސަންގެ ބޮލާ އެއްކޮށް ފޮތިގަނޑު އަޅާލަނީއެވެ. ކައިރީގައި ހުރި ކައިސަންގެ އެންމެ ގާތް އެކުވެރިޔާ އައިދަން ދެލޯފޮހެލިތަން ފެނުނެވެ. ދެކަންފަތް މަތީގައި އަތް އަޅާފައި ނޫނެކޭ ކިޔާ އިޒްވާ ހަޅޭލަވައި ގަތެވެ. އައިދަން އާއި ޑޮކްޓަރުންނަށްވެސް ބަލާލެވުނީ ސިހިގެން ގޮހެވެ. އިޒްވާ ބާރަށް ހިނގާފައި އައިސް ކައިސަންގެ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ދުރަށް އެއްލާލިއެވެ. އަދި ކައިސަންގެ ދެކޮނޑުގައި ހިފާ ތަޅުވަމުން ގޮވަން ފެށިއެވެ. ކައިސަން އަށް ލިބިފައިވާ ޒަހަމްތައް ފެނުމުން އިޒްވާއަށް ކެތްވަނީކީ ނޫނެވެ. އެންމެ ބޮޑަށް އަސަރު ކުރީ މޭމަތިން ފަޅައިގެން ގޮސްފައިވާ ތަން ފެނުމުންނެވެ. މޭމަތީގައި ބޯއަޅާއިގެން އޮވެ ރޮމުން ދިޔައީ ކައިސަން ދެން ނާންނެކަން އެނގުމުންނެވެ.

އެކްސިޑެންޓްގެ ތަފްސީލް އިޒްވާއަށް ލިބުނީ އައިދަންގެ ފަރާތުންނެވެ. އެވާހަކަތައް އަހަން ފަސޭހަނުވިނަމަވެސް އެއީ ކޮންމެހެން އިޒްވާއަށް އެނގެންޖެހޭ ވާހަކަތަކަށްވާތީ އައިދަން ކިޔައިދިނީއެވެ.

" ދެން މޭމަތިން އެފަންނަނީ ކޮން ޒަޙަމެއް..؟ " ރުއިމުގެ ތެރެއިން އިޒްވާ އެހިއެވެ.

" ޑޮކްޓަރުން ވަރަށް ތަފުސީލުކޮށް ކިޔައިދިން.. އެކަމަކު އެހާ ރަނގަޅަށް ކިޔައިދޭން އަހަރެންނަކަށް ނޭނގޭ.. އިޒީ ބޭނުންތަ ޑޮކްޓަރުންނާ ވާހަކަ ދައްކާލަން.. " އައިދަން ބުންޏެވެ.

" ނޫން.. މިގަޑިއަކު ނޫން.. " އިޒްވާ ބުނެލިއެވެ. މިވަގުތު އޭނާ އެހުރީ އެއްވެސް މީހަކާ ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައި ނޫނެވެ. އެންމެ ބޮޑަށް ވިސްނެމުން ދިޔައީ މަރިޔަމްއަށް ޙަބަރު ދޭނެ ގޮތަކާ މެދުގައެވެ.

ކައިސަން ގެ ހަށިގަނޑު އާސަހަރާއަށް ގެންދެވުނީ އޭގެ ގަޑިއިރެއްހާ އިރު ފަހުންނެވެ. ރޮއެ ރޮއެ އިޒްވާގެ ހާލު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. މަރިޔަމް ގެ ރުއިމުގެ އަޑުވެސް މުޅި ސަހަރާގައި ގުގުމާލާފައިވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކުޑައިރުއްސުރެ ކައިސަން ބަލާބޮޑުކުރީ މަޔަކާ ބަފައެއް ލޯބިދީގެނެވެ. ކައިސަން ބަލާބޮޑުކުރީ ނިކަމެތި ހާލެއްގައެވެ. ކައިސަންވެސް މާމަދެކެ އެހާ ލޯބިވާނެއެވެ. އަބަދުވެސް ސަކަ މިޒާޖެއްގެ ވެރި ކައިސަން މިއަދު ހަމަހިމޭންވެފަ އޮތްތަން ފެނުމުން މަރިޔަމްގެ ހިތަށް ކެތްވަނީކީ ނޫނެވެ. މަރިޔަމް ދުނިޔޭގައި މިފަދަ މަންޒަރެއް ފެނުމަކީ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް މަރަކީ މިފަދަ އެއްޗެކެވެ. މަރުވާކަށް ވަކި ވަގުތެއް ވަކި ތަނެއް ވަކި އުމުރެއް ނޯވެއެވެ.

ކައިސަންގެ ބޯކޮޅުގައި އެމޫނަށް އިޒްވާ ބަލަހައްޓައިގެން ހުރީ އެސްފިޔަ ޖަހާލަންވެސް ބޭނުން ނުވެފައެވެ. ދެން ދުވަހަކުވެސް ނުފެންނާނެ ހިތަށް އަރާ ވަގުތު ހޯސްލާފައި ކަރުނަތައް ފައިބާގަނެއެވެ. މޫނު ބަލާފައި ދާ ކޮންމެ މީހަކުވެސް އިޒްވާއަށް ހިތްވަރުގެ ބަސްތައް ބުނަމުންދެއެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކަ އިޒްވާއަށް އަޑު ނީވޭކަހަލައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދުނިޔެ ބަދަލުވެގެން ދިޔަގޮތުން އިޒްވާއަށް ވަނީ ޝޮކެއް ލިބިފައެވެ. މިހާ ޅައުމުރުގައި ހުވަފަތްވުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ.

ކައިސަންގެ މޫނު އެޅިވަގުތުވީ މަރިޔަމާއި އިޒްވާއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބުނު ވަގުތަކަށެވެ. މަރިޔަމް މޭކުދި ކުދި ވާހެން ހީވިއިރު އިޒްވާ ރޮއެ ރޮއެ ހަލާކުވަނީއެވެ. ކަށުނަމާދު ކުރި ވަގުތު ވެސް އިޒްވާއަށް ރޮވެނީއެވެ. ވަޅުލާ ނިމިގެން އެންމެން ގެއަށް ދިޔައިރުވެސް އިޒްވާ ހުރީ އެތަނުން ދާން ބޭނުން ނުވެފައެވެ.

“އިޒީ، ކައިގެ އޮފީސް ވެރިމީހާ ބައްދަލުކުރާން އައިސް އެބަހުރި” އިޒްވާ ސިހުނީ އައިދަންގެ އަޑުންނެވެ.

އިޒްވާ އައިދަން އަށް ބަލާލުމެއް ނެތި ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ސަހަރާއިން ނިކުންނަން ހިނގައިގަތެވެ.

ކަޅުކުލައިގެ ފޯރޑް ކާރުގެ ތެރެއިން ދޮރު ހުޅުވާލާފައި ނިކުތީ މާލޭގެ މަޝްހޫރު ނެޓްވަރކިން ކޮމްޕެނީ ‘އާރްވާން’ ކުންފުނީގެ އެމް ޑީ ޝިވަންއެވެ. ކައިސަންގެ ކުއްލި މަރުގެ ހަބަރު ލިބުމާއެކު ޝިވަން އަންނަން ބޭނުންވި ނަމަވެސް ނާދެވުނީ ކޮއްކޮ އަރްހާންގެ ހިތުގެ އޮޕަރޭޝަނެއް ކުރާތީއެވެ. އިޒްވާ ނިކުތްތަން ފެނުމުން ހިނދުކޮޅަކަށް ނަމަވެސް ޝިވަންގެ ހިނގުން މަޑުވިއެވެ. މީ ޝިވަންއަށް އިޒްވާ ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ކައިސަންއާއި އެކު ދެތިން ފަހަރު ޝިވަންއަށް ވަނީ އިޒްވާ ފެނިފައެވެ.

” ވަރަށް ބޮޑަށް މައާފަށް އެދެން ކައިސަން ގެ މޫނުބަލާލަންވެސް ނާދެވުނީމަ.. ކައިސަންގެ ކުއްލި މަރަކީ އަޅުގަނޑުގެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް.. ކައިސަން އަކީ އެތާ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެކަކު.. މިއޮތީ އަޅުގަނޑުގެ ކާޑު.. ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އިޒްވާއަށް އެހީވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް.. ” ކާޑު ދިއްކޮލަމުން އެހެން ބުނިއިރުވެސް ޝިވަންގެ އަޑުގައި ފޮނިކަމެއްވާހެން އިޒްވާއަށް ހީވިއެވެ. ވީ ފޫހިން އިޒްވާ ބަލާވެސް ނުލާ އެކާޑުގައި ހިފައިފިއެވެ. ހަމައެކަނި މަރިޔަމްއަށްޓަކައެވެ. މިވަގުތު ކޮންމެ މީހަކު ދިނަސް އެހީތެރިކަމަށް އެމީހުން ވަނީ ބޭނުންވެފައެވެ. ކައިސަން ފިޔަވާ އެމީހުންނަށް މާލީ ގޮތުން އެހީތެރިވާނެ އިތުރު ބަޔަކު ނެތުމުންނެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޝިވަންގެ ކިބައިގައި އިޒްވާ ފޫހިވާ ސިފައެއް ހުރެއެވެ. އިޒްވާއަށް ބުޅާ މަސްގަނޑަށް ބަލާގޮތަށް ބެލުމެވެ. އެބެލުމުގެ ސަބަބުން އުނދަގޫވެގެން ކައިސަން ކައިރީގައިވެސް އެވާހަކަ ދެއްކިއެވެ. ނަމަވެސް ކައިސަން ނަސޭހަތްތެރިވީ ޝިވަންއާ މެދު އެގޮތަށް ނުދެކުމެވެ. ޝިވަން އަކީ އަހުލާޤު ރަނގަޅު ދީންވެރި މީހެއް ކަމުގައި ބުނަމުންނެވެ.

" އަދިވެސް އެއްފަހަރު މާފަށް އެދެން ޖަނާޒާގައި ބައިވެރިނުވެވުނީތީ.. ކައިސަން ނިޔާވެއްޖޭ ބުނީމަ ޤަބޫލެއްވެސް ނުކުރެވުނު.. އެހާ ޅައުމުރުގައި ވަކިވެދިޔައީތީ ހިތާމަކުރަން.. " ޝިވަން ބުންޏެވެ. އިޒްވާ ޝިވަންއަށް ބަލައިލިއެވެ. އެބަލާލުމުގައި ވަނީ ކޮންކަހަލަ އަސަރެއްކަން ދެނެގަންނާކަށް ޝިވަންއަކަށް ނޭނގުނެވެ.

" ޖަނާޒާއަށް ނާދެވުނު ސަބަބު ބުނެދީފީމެއްނު.. ކައިސަންއަށް ކަމެއް ކޮށްދެންޏާ އޭނާއަށް ހެޔޮ ދުއާ ކޮށްދީ.. މިވަގުތު އޭނާއަށް އެންމެ ބޭނުންވާ އެއްޗަކީ އެއީ.. " އިޒްވާ ބުންޏެވެ. " ދަނީ.. މިވަގުތު މާމައަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނެ.. "

” ގެއަށް ގެންގޮސްދެންތަ” ނާހާން ހުރެފައިވެސް ޝިވަން އަހާލިއެވެ.

” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އިޒްވާ ބުނެލިއެވެ.

" އެއީ ތެދެއް.. އިޒީ ގެއަށް ލާން ދާންވެގެން އުޅެނިކޮށް ތިއައީ.. " އައިދަން ބުންޏެވެ. ކާރާ ދިމާލަށް ކުރިން ހިނގައިގަތީ އައިދަން އެވެ. ޝިވަންއަށް ބަލާވެސް ނުލާ އިޒްވާ އައިދަންގެ ފަހަތުން ހިނގައިގަންނަން އުޅުނެވެ. އެވަގުތު ޝިވަން ކޮއްލި ކަމަކުން އިޒްވާ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. ރުޅިވެރިކަން މީހާ ވަށާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަލާކަށް ނުހުރެ އެނބުރިލާފައި ޝިވަންގެ ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހައިފިއެވެ. އެއަޑަށް ކުރިއަށް ގޮސް ގޮސް ހުރި އައިދަންވެސް އެނބުރި ބަލައިލިއެވެ.


ނުނިމޭ. ވާހަކައިގެ އާ ބައެއް އިންޝާﷲ، 12 އޮކްޓޯބަރު ވާ، ބުދަ ދުވަހު ގެނެސް ދެވޭނެ. އިންތިޒާރުކޮށްލައްވާ....

***

އެޑިޓަރުގެ ނޯޓު:

މިވާހަކައަކީ ވާހަކަ ލިޔުންތެރިޔާ އަޒްކީ، ކުރިން އެހެން ވާހަކަ ސައިޓެއްގައި ގެނެސްދީފައިވާނެ ވާހަކައެކެވެ. ނަމަވެސް މި ނޫހުގައި މިޝާއިއު ކުރަނީ ވަރަށް ގިނަ، ބޮޑެތި ބަދަލުތަކަކާ އެކީގައެވެ. ބަދަލުތަކުގެ ތެރޭގައި ވާހަކައިގެ ނަމާއި އަދި ބައެއް ކަތަކަތުންގެ ނަންތަކުގެ އިތުރުން ބައެއް ހާދިސާތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާނެކަމުގައި އަޒްކީ ބުނެއެވެ. އުންމީދަކީ އަޒްކީގެ އެހެން ވާހަކަތައް ފަދައިން މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް