ޕްރިންސެސް ޑަޔާނާ ރިވޭންޖް ހެދުމުގައި --
ޕްރިންސެސް ޑަޔާނާ 1994 ވަނަ އަހަރު ލީ މަޝްހޫރު ކަޅު ފެޝަން ހެދުންކޮޅު ނުވަތަ "ރިވޭންޖް ޑްރެސް" އަންނަ ޑިސެމްބަރު ނުވައެއްގައި އެމެރިކާގެ ނިއުޔޯކުގައި ނީލަމެއްގައި ވިއްކުމަށް ސޮތެބީޒް އޮކްޝަން ހައުސް އިން ނިންމައިފިއެވެ.
ގްރީކް ޑިޒައިނަރު ކްރިސްޓީނާ ސްޓެމްބޯލިއަން ފަރުމާކުރި މި ސިލްކު ހެދުމުގެ އަގު 150,000 ޑޮލަރާއި 300,000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ހެދުން ފާހަގަވެފައި ވަނީ ފެޝަނުގެ ދާއިރާ ފަހަނައަޅައި ޘަޤާފީ ހަނދާނެއްގެ ގޮތުގައި ދެމިއޮތް މަދު ހެދުންތަކުގެ ތެރެއިން އެއް ހެދުމުގެ ގޮތުގައެވެ.
1994 ވަނަ އަހަރުގެ ޖޫން 29 ގައި ލަންޑަނުގެ ސާޕެންޓައިން ގެލެރީގައި ވެނިޓީ ފެއާގެ ފަންޑްރެއިޒިން ޑީނާއަކަށް ދާން ޑަޔާނާ ލީ ކޮނޑުމަތިން ކެނޑި ހަށިގަނޑުގައި ބާރުވާ ގޮތަށް ފެހި ޝިފޯން ޓްރެއިނެއް ހިމެނޭ މި ކަޅު ހެދުންކޮޅުގައެވެ. އެ ރެޔަކީ ޕްރިންސް ޗާލްސް ޓީވީގައި ޑަޔާނާއަށް ބޭވަފާތެރިވި ކަމަށް ޢާންމުންގެ ކުރިމަތީ އެއްބަސްވާން ރޭވިފައި އޮތް ރެޔެވެ.
އެރޭގެ ހާދިސާ އާއި ގުޅޭގޮތުން ރިޕޯޓުތައް ބުނާގޮތުގައި ކެމެރާތައް ތައްޔާރަށް ތިބޭނެކަން ޑަޔާނާއަށް އެނގުމުން ފަހު ވަގުތު ވެލެންޓީނޯ ހެދުމެއް ލާން ހަމަޖެހިފައި އޮއްވަ އެ ހެދުމުގެ ބަދަލުގައި މި ކަޅު ހެދުން އިހްތިޔާރު ކުރީ ކަމަށްވެ އެވެ. ސޮތެބީޒް އިން ހާމަކުރި ގޮތުގައި މި ހެދުން ތިން އަހަރު ވަންދެން ޑަޔާނާގެ އަލަމާރީގައި ބޭނުންނުކޮށް އޮތީ މާ ބޮޑު ހެދުމެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.
ޑަޔާނާގެ ސްޓައިލިސްޓް އެނާ ހާވީ ފަހުން މީޑިއާގައި ބުނީ އެރޭ ޑަޔާނާ ބޭނުންވީ "މިލިއަން ޑޮލަރެއްހެން ފެންނަން" ކަމަށެވެ. އެ ރޭ ޑަޔާނާ ލީ ކަޅު ބޫޓަކާއި ކްލަޗް ދަބަހަކާއި ރާނީގެ މަންމާފުޅު ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދެއްވި ޖަވާހިރާއި ނީލައިގެ ބްރޫޗަކުން ހެއްދެވި ޗޯކާ ފަށްޓަރެއް ކަމަށެވެ.

ސޮތެބީޒްގެ ހޭންޑްބެގް އެންޑް ފެޝަން ޑިޕާޓްމެންޓުގެ ގްލޯބަލް ހެޑް މޯގޭން ހަލީމީ ނެރުނު ބަޔާނެއްގައި ބުނީ ޕްރިންސެސް ޑަޔާނާ މި ހެދުންލީ އަންހެނުންނަށް ފެޝަނަކީ ޒީނަތެއްގެ އިތުރުން ހިތްދަތިކަން ފޮރުވާ ހަތިޔާރެއްކަން ދައްކައިދިނުމަށް ކަމަށެވެ.
މި ހެދުން އަލަމާރިން ނަގައި ޑަޔާނާ 1997 ވަނަ އަހަރު ވިއްކާލީ ކެންސަރާއި އެއިޑްސް ޖަމިއްޔާތަކަށް ފައިސާ ހޯދެއްވުމުގެ ގޮތުންނެވެ. އެފަހަރު ޑަޔާނާގެ 79 ހެދުން ވިއްކި ކަމަށްވެ އެވެ.
މި ފަހަރުގެ ވިޔަފާރީގެ ފައިދާގެ ބައެއް އެންއެޗްއެސް ލޯތިއަން ޗެރިޓީ މެދުވެރިކޮށް ރޯޔަލް ހޮސްޕިޓަލް އޮފް އެޑިންބަރާއަށް ހަދިޔާކުރެވޭނެއެވެ. ނޮވެމްބަރުގެ 90 ގެ ފަހުކޮޅު ޕޮޒްލީ މިއުޒިއަމްގައި ބެހެއްޓި ފަހުން ގާތްގަނޑަކަށް 30 އަހަރު ވަންދެން ޢާންމުންނަށް ނުފެނި އޮތް މި ހެދުން ނީލަމުގެ ކުރިން އަލުން ޢާންމުންނަށް ދައްކައިލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް