އުމުރުން ދުވަސްވީ މެލޭޝިއާގެ ފުޓުބޯޅަ ލެޖެންޑް އަބްދާ އަލީފްގެ ދަމަފިރިން --
މެލޭޝިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުމުރުން 72 އަހަރުގެ އަބްދާ އަލީފް 20 އަހަރުގެ ޒުވާން އަންހެނަކާ ކައިވެނިކޮށްފިއެވެ.
މެލޭޝިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައިވެއެވެ. އެ ފޮޓޯތަކުން ފެންނަނީ ކުރީގެ ޤައުމީ ކުޅުންތެރިޔާ މެލޭ ސަގާފީ ކައިވެނީގެ ހެދުމުގައި އޭނާއަށް ވުރެ އެތައް ގުނައެއް ޒުވާން އަނބިމީހާއާ އެކު ހުރި މަންޒަރެވެ.
އަބްދާގެ ކޮއްކޮ ކުރީގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަދި ކޯޗު ޔޫނުސް ބުނީ މި ކައިވެނި ކުރީ އޮގަސްޓް 27 ގައި މެލޭޝިއާގެ ޓެރެންގާނޫގައި ކަމަށެވެ. ދެ ޢާއިލާގެ ރުހުމާ އެކު ކުރެވުނު މި ކައިވެންޏާއިމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޔޫނުސް ބުނީ އަބްދާގެ ދެމަފިރިން ކައިވެންޏަށް ފަހު ހަނީމޫނަށް ގޮސްފައިވާ ކަމަށެވެ.
ކުޅުން ހުއްޓައިލި ފަހުން މީޑިއާއާ ދުރުގައި ދިރިއުޅެމުން އައި އަބްދާ އަކީ 1970 އާއި 80 ގެ އަހަރުތަކުގައި ޓެރެންގާނޫ އަދި ޕަހާންގް ޓީމުތަކަށް މެލޭޝިއާ ކަޕްގައި ކުޅުނު މިޑްފީލްޑަރެކެވެ. މެލޭޝިއާ ފުޓުބޯޅައިގެ ރަން ޒަމާނުގެ މުހިންމު ތަނބެއް ކަމުގައި ބެލެވޭ އަބްދާ ހިމެނެނީ 1980 ވަނަ އަހަރުގެ މޮސްކޯ އޮލިމްޕިކްސްއަށް ކޮލިފައިވި ސްކޮޑުގައެވެ.
ނަމަވެސް ސޯވިއެޓް ޔޫނިއަނުން އަފްޣާނިސްތާނަށް އެރުމާ ދެކޮޅަށް މެލޭޝިއާ އެ މުބާރާތް ބޮއިކޮޓް ކުރުމުން އޮލިމްޕިކްސްގައި އޭނާއަށް ކުޅުމުގެ ފުރުޞަތެއް ނުލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް