ރައީސް ޔާމީންގެ ޝަރީޢަތް މާދަމާ ހެނދުނަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް ސްޕްރީމް ކޯޓުގައި މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ)ގެ ...

13 Sep 2020 | 15:31

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް ސްޕްރީމް ކޯޓުގައި މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް، މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ޝަރީއަތެއްގައި ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލުކުރުމުންނެވެ.

ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ ނަމުގައި ބީއެމްއެލް އަދި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓް  ފްރީޒުކުރުމަށެވެ. އަދި އިސްލާމިކް ބޭންކްގައި ހުޅުވާފައުވާ 8 އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް ޕީޖީގެ ފަރާތުން ވަނީ އެދިފައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ ހަތްވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅުމަށްފަހުއެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ދެމެދު މޮނީޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާ އިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް