"ހެޔޮނުވާނެ ހިނގާ މެރީކުރަން... އެހެން ނޫނީ އަހަރެން....!" މިފްޒާލްގެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.
"ކޮންވައްތަރަކަށްތަ ތިއުޅެނީ....؟ މޮޔަވަގެން ނޫޅެބަލަ....! ދެން ވާހަކަ ދައްކާނީ ފަހުން.... މިހާރު އަހަރެން ލަސްވެގެން އެހޯދަނީ.....! ކިހިނެތް ވެގެންތަ ތިއުޅެނީ....! ދެން ކިހާބޮޑު ކަމެއް، އަހަރެން މިތަނުން ނުކުންނަން ތަންދައްކާ....!" ރުޅި އައިސްފައި އައިލީން ވާހަކަ ދެއްކިއެވެ.
"މިރޭ ޖަވާބެއް ދީފަ ދެވޭނީ....! އެހެންނޫނީ ކިތަންމެ އިރެއްވިޔަސް މިތަނުން ދުރަކަށް ނުދާނަން....!" މިފްޒާލް ފާހާނާގެ ދޮރުމައްޗަށް އަރަމުން ބުނެލިއެވެ.
"މީހުން އެބުނަނީ ތެދެއް....! ޖިންނިއެއް އަވަލެވުމަށްވުރެ އިންސިއެއް އަވަލެވުމަކީ މާ ނުރައްކާ ކަމެއް....." މިފްޒާލް ކޮށްޕާލަމުން އައިލީން ބުނެލިއެވެ.
އައިލީން، މިފްޒާލް ކޮށްޕާލި ވަގުތު ގޮސްޖެހުނީ އަނެއްފަރާތު ފާރުގައެވެ. ލިބުނު ދަނޑިވަޅު ބެލުމަށްފަހު އައިލީން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. ނަޞީބަކުން އައިލީން ބޭރަށް ނުކުތްއިރު، ފެންނަ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އައިލީން ބާރަށް ހިނގާފައިގޮސް މާލަމްގެ ތެރެއަށް ވަތްއިރު ރާއިފު މާލަމުން ބޭރަށް ނުކުންނަނީއެވެ.
"ހާދަ ލަސްވީ....! ހަމަ ފާހާނާއިންތަ ތިޔައީ....؟" ހިތްހަމަ ނުޖެހިފައިހުރެ ރާއިފު ސުވާލު ކުރިއެވެ.
ފާހާނާއިން ނިކުންތަނާ އޮފީސް ކުއްޖަކާ ދިމާވީ....! އެހެންވެ ކުޑަކޮން ލަސްވީ.....!" ޖެހިލުންވެ ހުރެ އައިލީން ވާހަކަ ދެއްކިއެވެ.
"ކުޑަކޮންތަ ތިލަސްވީ.....! ގަޑިން ވީއިރު ބަލާބަލަ... ހިނގާ ގެއަށް ދާން....! މިރެޔަކީ ހުކުރުވިލޭރޭ....! ހަނދާން ނެތުނީތަ...؟" ހިނގައިގަންނަމުން ރާއިފު ރުޅިވެރި ރާގަކަށް ބުނެލިއެވެ.
ރެޔަކީ ހަނދުވަރު ރީތި ރެޔެކެވެ. ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ލަކުޑި ޖެޓީގައި މިފްޒާލް އާއި ހުމެއިދު ތިބީ މަސްބާނާށެވެ. މިފްޒާލް އަކީ މަސްވެރިކަމަށް ވަރަށް ލޯބިކުރާ މީހެކެވެ.
"މަ ބުނަންތަ ވާހަކައެއް....! އޭނަ މީހަކާ އިނދެގެން އުޅޭއިރު މިފްޒާލް އާ ތިގޮތަށް ގުޅުން ބާއްވަންޏާ އެއީ ރަނގަޅު ކުއްޖަކަށް ވެދާނެއެކޭ އަހަރެންގެ ހިތެއް ނުބުނެ....!" އެންކޮޅެއް ބުޅީގައި ލުމަށްފަހު ކަންވާރު މޫދަށް އެއްލަމުން ހުމައިދު ވާހަކަ ދެއްކިއެވެ.
"ކީއްވެ ތިހެން ތިބުނީ.....؟" ހުމައިދު އާއި ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ސުވާލު ކުރިއެވެ.
"މިހާރުވެސް މީހެއްގެ ފިރިއެއް....! އެކަމަކު ބަރާބަރަށް މިފްޒާލް އާއެކު ގުޅުން އެބަ ބާއްވާ....! ތިބުނީ އެރޭވެސް ދެމީހުން ތިބީ ފަހާނާ ތެރޭގައޭ.....! އެހެންވީމަ ތިވަރުގެ ކުއްޖެއް މިފްޒާލާ ކައިވެނިކޮށްފައި އެހެން މީހަކާވެސް ގުޅުން ބާއްވަން ފަހަކަށް ނުޖެހޭނެ ކަންނޭނގެ....!" މިފްޒާލް އާ ދިމާއަށް ބަލާލަމުން ހުމައިދުވެސް ވާހަކަ ދެއްކިއެވެ.
"މިހާރު އޭނަ އަހަރެން ކައިރިއަށް އަންނަނީ އޭނަގެ ފިރިމީހާގެ ފަރާތުން އޭނަ ބޭނުންވާ ވަރަށް ލޯބި ނުލިބޭތީއޭ....! އެހެން ހުރިހާ ކަމެއް ހަނދާން ނެތޭވަރަށް އަހަރެން އޭނައަށް ލޯބިދޭނަމޭ....! އެހެންވީމާ އޭނަ ދެން ލޯތްބެއް ހޯދަން އެހެން މީހެއް ކައިރިއަކަށް ދާކަށް ނުޖެހޭނެއެއްނު....! ލިބޭ އެއްޗެއް ހޯދާކަށް ކޮންމެހެން އެހެން މީހެއް ކައިރިއަށް ދާކަށް ނުޖެހޭނެ....! އޭނައަށް އެވަރަށް އަހަރެން ލޯބި ދޭނަން...!" މިފްޒާލް ވަރަށް ޔަޤީން ކަމާއެކު ހީނލާފައި ބުނެލިއެވެ.
"ތީގެ މާނައަކީ ދެން އަންޖަލް ދޫކޮށްލަނީއޭތަ....؟" ހުމެއިދު އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.
"ތީގަ ދެގޮތް އޮތީ.... އަންޖަލް ބޭނުމިއްޔާ ދެވަނަ އަންބެއްގެ ގޮތުގައި އިނުން....! ނޫނީ ވަރިވުން....! އެތަނުން ކޮންމެސް އެއްގޮތެއްތާ މީގައި އޮންނާނީ.... އެކަމަކު އައިލީން ބޭނުމެއް ނުވޭ ދެއަންބަށް އަދި އިންނާކަށްވެސް...." އަނެއްކާވެސް މިފްޒާލް ބުނެލިއެވެ.
"އަހަރެންމީ މިފްޒާލް ނަމަ އަންޖަލް ދުލެއް ނުކުރާނަން....! އޭނަގެ ކުށެއް ދައްކަބަލަ.... އެއީ މިފްޒާލް އަށް ލިބިފަހުރި ހަމަ ޖަވާހިރެއް....! އަހަރެން ބުނާނީ ވިސްނާނުލާ ކުރެވޭ ކަމެއްގެ ސަބަބުން ފަހުން ހިތާމަ ކުރަން ޖެހިދާނެޔޭ...! މިކަމާ ވިސްނާލައްޗޭ...!" ހުމެއިދު ބުނެލިއެވެ.
"ކުށެއް ދައްކާށޭ ބުނީމަ ހަމަ ބުނެލާ އެއްޗެއް މިއީ....! އަންޖަލް ބައެއް ފަހަރު ފަރުވާ ކުޑަހެންވެސް މިހާރު މަށަށް ހީވޭ....! ވެދާނެ މާބޮޑަށް އައިލީން ދެކެ ލޯބިވެވޭތީ ހީވާ ގޮތެއް ކަމަށްހެން....! އަންޖަލްއަކީ މީރުކޮށް ކައްކާ ކުއްޖެއް....! އަކަމަކު މިހާރަކަށް އައިސް ކައްކާ އެއްޗިހީގައި ލޮނު ރަހައެއް ނުލާނެ...! ގިނަ ފަހަރަށް އިސްތިރިކޮށްފައި ހުންނަ އެއްޗިއްސަކުން ރުލެއް ނުފިލާނެ....! ދެން ނޭނގެ އެކަހަލަ ބައިވަރު ކަންކަން އެބަހުރި...." މިފްޒާލް ނަނަށް ލުއްކިއެއް ޖަހަމުން އަމިއްލަ ދިފާޢުގައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ސަބަބުތަކަކަށްވުރެ ބޮޑަށް އަހަންނަށް ހީވަނީ ތިއީ ބަހަނާތަކެއް ހެން.....! އަންޖަލްގެ ކުށެއް ހޯދަންވެގެން ދައްކާ ބޭކާރު ވާހަކަތަކެއްހެން...!" ހީނލާފައި ހުމެއިދު ބުނެލިއެވެ.
"ނޫނެކޭ.... ބައެއް ފަހަރު ލޮނު ގަދަވާނެ، އަނެއްބައި ފަހަރު ލޮނު މަޑުވާނެ....! ދެން ނޭނގެ....!" ފޫހި ރާގަކަށް މިފްޒާލް ބުނެލިއެވެ.
"ހާލަކުން ފަހަރަކު ބަތުގެ ލޮނުގަދަވުމަކީ އާދައިގެ ކަމެކޭ....! ބުނަން މި އުޅޭ ވާހަކައަކީ ވަރިވާން ބޭނުންވެގެން ކޮންމެހެން ބަތުގައި ލޮނު ރަހަ ނުދޭ ވާހަކަ ދެއްކުމަކީ ޤަބޫލު ކުރެވޭ ޢުޒުރެއް ނޫނޭ....! ކައިވެންޏަކީ އެއަށްވުރެ މާ މާތް ގުޅުމެއް...! އެކަކު އަނެކާގެ ކުށް ދައްކަން ބޭނުންވެއްޖިއްޔާ އެ ވަރެއް ނޯންނާނެ..." ހުމެއިދު ކަންވާރު ދަމަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
މިފަހަރު މިފްޒާލް އެއަކަށް ޖަވާބެއް ނުދެއެވެ. އެކަމާ ކުޑައިރުކޮޅަކަށް ވިސްނާލަން މަޑުކޮށްލިއެވެ. މިފްޒާލް އަށް އައިލީން ހާސިލު ކުރެވެން އަންނަނީ ޝަރުތުތަކެއް ހަމަވެގެންނެވެ. އެއީ، ކުށަކަށް ވާ ކަހަލަ ކުށެއް އަންޖަލްގެ ފަރާތުން ދައްކާފައި ވަރިކުރުމާއި، އަދި ހަމަ އެ ފެންވަރުގެ ކުށެއް ރާއިފުގެ ފަރާތުން ވެސް ފެނިގެންނެވެ.
އެހެން ނަމަވެސް އަންޖަލް ލައްވާ ކުށެއް ކުރުވާކަށް މިފްޒާލްއަށް އެއީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ފުރަތަމަ މިފްޒާލް މަސައްކަތްފެށީ އުނދަގޫ މައްސަލަ ޙައްލު ކުރާށެވެ. އެއީ މިފްޒާލްގެ މަގަށް ހުރަސްއަޅަންހުރި ރާއިފު އެއްފަރާތްކޮށް، އެ މަގު ސާފުކުރުމެވެ. އެކަމަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް މިފްޒާލް ހުރީ ތައްޔާރަށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މިފްޒާލްއާއި އައިލީންގެ ލޯބި ބަދަހިވަމުން ދިޔައެވެ. އާދައިގެ މަތިން ހެނދުނު މިޒްފާލް ގޮސް އޮފީހަށް ވަނުމާއެކު ބޮސް އޭނާގެ ކެބިން އަށް މިފްޒާލް އައުމަށް އެދުމެވެ. މިފްޒާލް ގޮސް ބޮސްގެ ކެބިންއަށް ވަދެ އިށީންތަނާ މޭޒުމަތީގައި އޮތް ގަނޑެއް ނަގާ ބޮސް މިފްޒާލްއަށް ދިއްކޮލިއެވެ.
"މިއީ ކޯޗެއްތޯ.....؟" ބޮސް ދިއްކޮއްލި ގަނޑުގައި ހިފަމުން މިޒްފާލް ސުވާލުކޮށްލިއެވެ.
"ބަލާބަލަ....! ބަލާލީމަތާ އެނގޭ....؟" ހިތުންވެލުމަށްފަހު ބޮސް ޖަވާބުދިނެވެ.
މިފްޒާލް އެގަނޑު ކިޔާލިއެވެ. އެއީ އޮސްޓްރޭލިއާގެ ނެޝެނަލް ޔުނިވަރސިޓީއިން ލިބިފައިވާ ސިޓީއެކެވެ. އެ ސިޓީގައި އޮތީ އެ ޔުނިވަރސިޓީއިން ހިންގާ ފަސް މަސްދުވަހުގެ ޓްރޭނިންގ އެއްގައި ބައިވެރިވުމަށް މިފްޒާލް ހޮވިފައިވާ ވާހަކައެވެ.
"މިއީ ކިހިނެތް ވީ ކަމެއްތޯ....؟ އަޅުގަނޑު ޓްރޭނިންގ އަކަށް އެޕްލައިއެއްވެސް ނުކުރަން....!" ޙައިރާންވެފައި އިނދެ މިފްޒާލް ސުވާލު ކޮށްލިއެވެ.
"ޔޭސް.....! މިކޮޅަށް ލިބުނު އެއްފުރުޞަތު.....! މިކޮޅުން މިފްޒާލްގެ ނަން ފޮނުވީ....! މިއީ މިހާރު މިފްޒާލް ކުރަމުންދާ މަސައްކަތާގުޅޭ ޓްރޭނިންގ އެއްވީމަ ނަންފޮނުވީ....!" މިފްޒާލް އާއި ދިމާއަށް ބަލަން އިނދެ ބޮސް ވާހަކަ ދެއްކިއެވެ.
އެ ޓްރޭނިންގ ލިބުނީތީ މިފްޒާލް އުފަލެއް ނުވެއެވެ. ފަސްމަސްދުވަހުގެ މުއްދަތަށް އަންޖަލް އާއި ވަކިވާން ޖެހުމަށްވުރެ އައިލީން އާ ވަކިވާންޖެހޭތީ މިފްޒާލްއަށް އުނދަގޫ ތަކެއް އިޙްސާސްވިއެވެ. ދެރަވިއެވެ.
ފުރުމުގެ ކުރިން މިފްޒާލް އައިލީން އާ ބައްދަލު ކުރިއެވެ.
"އަހަރެން ފަސްމަސްދުވަހަށް ފުރަން މިޖެހެނީ....! މި ފަސްމަސް ދުވަސް އަހަރެން އުޅެންޖެހޭނީ އައިލީން އާ ވަކިން...! އެހެންވީމާ، މި ފަސްމަސް ދުވަހުގެ ތެރޭގައި އައިލީން އަށް ރާއިފު ކައިރިން ވަރިވެވޭވަރުގެ މިސްޓޭކެއް ހޯދޭނެތަ....؟ އުއްމީދު ކުރަން އައިލީން އެކަންތައް ކުރާނެ ކަމަށް....! މިސްޓޭކެއް ހޯދާނެ ކަމަށް....!" އައިލީން އަތުގައި ހިފަހައްޓާލައިގެން އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.
މިރޭ މިފްޒާލް އައިލީން އާއި ބައްދަލުކުރީ ރޫމެއް ކުއްޔަށް ހިފައިގެންނެވެ. އޭސީ އިން ފިނިކޮށްފައިވާ އެރޫމްގެ މާޙައުލު ކިތަންމެ ފިނިކަމުގައިވިޔަސް، ލޯބީގެ ހޫނު ޖަޒުބާތު ދެމީހުންގެ އެތެރެހަށީގައިވެސް އަނދަމުން ދިޔައެވެ. މިފްޒާލް މިރެޔަށް ރޫމެއް ކުއްޔަށް ހިފުމުގެ މަޤްޞަދަކީ ހަމައެކަނި ވާހަކަ ދައްކާލުމެއްވެސް ނޫނެވެ. ފަސްމަސް ދުވަހަށް އައިލީން އާ ވަކިވެގެން ދާއިރު އައިލިންގެ ގާތުން އުފާހޯދާ ހިތްހަމަ ޖައްސާލުންވެސް ހިމެނެއެވެ.
"ދެން ބުނެބަލަ....! ފަސް މަސްދުވަސް ތެރޭގައި ރާއިފުގެ ކުށެއް ހޯދޭނެތަ...؟" އެނދުމަތީގައި އިސް ޖަހައިގެން އިން އައިލީންގެ ދަތްދޮޅީގައި ހިފާލަމުން މިފްޒާލް ބުނެލިއެވެ.
"އަހަރެން ރާއިފު އާ ކައިވެނިކުރީ ކުށްހޯދާކަށް ނޫން....! ލައިފެއް ހޯދަން ވެގެން....! އަހަރެން މިހާރުވެސް މިބުނަނީ ހަމަ ކުރީންވެސް ބުނިވާހަކަ....! ޤަބޫލު ކުރެވޭވަރުގެ ކުށެއް ފެނިއްޖިއްޔާ އަހަރެން ރާއިފު ކައިރިން ވަރިވާނަން....!" މިފްޒާލް އާ ދިމާއަށް ބަލާލަމުން އައިލީން ބުނެލިއެވެ.
އެޖަވާބާމެދު މިފްޒާލް ހިތްހަމައެއް ނުޖެހުނެވެ.
"ތިނޫން ޖަވާބެއް މިރޭ އަހަރެން ބޭނުން...." އައިލީންގެ މޫނަށް ބަލަން އިނދެ މިފްޒާލް ބުނެލިއެވެ.
ރެއަކީ ކޮންމެވެސް ވަރަކަށް ވައި ބާރު ރެއެކެވެ. ގޯތި ތެރޭގައި ހުރި ކުންނާރު ގަހުގެ އޮފިތައް އިރުއިރުކޮޅާ ކުޑަދޮރުގެ ލޫވަ ތަކުގައި ހޭކެމުންދިޔައިރު ލޫވަ ކައިރިން ބޭރުން މީހެއްގެ ހިޔަނި ފެންނަން ހުރިހެން މިފްޒާލް އަށް ހީވިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 ޖޫން، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް