ވާހަކަ: ޑައިރީ – ސަތާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެވަގުތު ކުއްލިއަކަށް މިފްޒާލް، އައިލީންގެ އަތުގައި ހިފިއެވެ. އައިލީންގެ މެޔަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. އައިލީން އަތްފޮޅުވާލިއެވެ. "ކިހިނެތް ވެގެންތަ ތިއުޅެނީ....

11 Jun 2024 | 06:18

ކުރީގެ އަދަދާއި ގުޅޭ...

އެވަގުތު ކުއްލިއަކަށް މިފްޒާލް، އައިލީންގެ އަތުގައި ހިފިއެވެ. އައިލީންގެ މެޔަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. އައިލީން އަތްފޮޅުވާލިއެވެ.

"ކިހިނެތް ވެގެންތަ ތިއުޅެނީ....؟ ކިހާބޮޑު ކަމެއްތަ...!" ދަތްކުނޑި ވިކާލާފައި މަޑުމަޑުން އައިލީން ބުނެލިއެވެ.

"ހިނގާބަލަ! ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެންނޭ....! އެންމެ ދެމިނިޓު ވާނީ...! ދެން ހިނގާބަލަ، ޕްލީސް....!" އާދޭސްކުރާ ރާގެއްގައި މިފްޒާލް ބުނެލިއެވެ.

"މަ މިތަނުން ދުރަށް ގޮއްސިއްޔާ ރާއިފު މަ ހޯދަނެއޭ...! ނޭނގޭތަ އެކަމެއް....؟ ކީކޭ މަ ބުނާނީ؟[ އައިލީން ރުޅިއައިސްފައި އެހެން މީހުންނަށް ނީވޭ ވަރަށް މަޑުމަޑުން ބުންޏެވެ.

"ގޮސް އޭނަ ކައިރީ ބުނެބަލަ ފާހާނާއަށް ގޮއްސަ އެބަ އަންނަމޭ....! މަ ހުންނާނަން މި މާލަމުން ބޭރުގަ...! ލަސްނުކޮށް އަވަހަށް އަންނާތި....! އަހަރެން މީ ކަންކަމުގައި ވަރަށް ކެތްމަދު މީހެއްކަން އިނގެއެއްނު....!" އައިލީން އެކަމަށް އިންކާރު ކުރަން އަނގަހުޅުވާލުމުގެ ކުރިން މިފްޒާލް ހިނގައިގަތެވެ.

އައިލީން ނުގޮއްސިއްޔާ ދެން މިފްޒާލް ކަންތައް ކުރާނެ ގޮތެއްވެސް ނޭނގޭތީ އައިލީން ގަސްދުކުރީ ފާހާނާއަށޭ ކިޔާފައި ބޭރަށް ނުކުތުމަށެވެ.

"އެބައަންނަން ޓޮއިލެޓަށް ވަދެފަ...!" އައިލީންގޮސް ރާއިފު ގާތު ބުނެލިއެވެ.

"ފާހާނާ ހުންނަތަން އިނގޭތަ....؟ ހިނގާ އަހަރެންވެސް ދާނަން...." އައިލީން އާއެކު ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.

އެވަގުތު އަންހެން ކުއްޖަކު އައިސް އައިލީން ކައިރިއަށް ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.

"ހިނގާ ފާހާނާ ދައްކާނަން....! އެދިމާލުގައި ހުންނާނީ....! އާދޭ....!" އެކުއްޖާ އައިސް އައިލީންގެ އަތުގައި ހިފާލަމުން ވަރަށް ރައްޓެހިގޮތަކަށް ބުނެލިއެވެ.

ރާއިފު ހީކުރީ އެއީ އައިލީންގެ ރައްޓެއްސެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އައިލިން ދަންނަ ކުއްޖެއް ނޫނެވެ.

"އޯކޭ...! އޭނައާއެކު ދޭ....! އަވަހަށް އަންނާތި، އަހަރެން މަޑުކުރާނަން....!" ރާއިފު އެކުއްޖާއާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"އެހެރީ ފާހާނާ....!" ބޭރަށް ނުކުތުމަށްފަހު ކަނާތްފަރާތުން ތަންކޮޅެއް ދުރަށް އިޝާރާތް ކުރުމަށްފަހު އެކުއްޖާ ބުނެލިއެވެ.

"ތިއީ ކޮންކުއްޖެއް....؟ ނޭނގުނު ކޮންކުއްޖެއް ކަމެއް....!" އައިލީން ކުޑަކޮށް ހިނިތުން ވެލުމަށްފަހު ސުވާލު ކޮށްލިއެވެ.

އެވަގުތު ފަހަތުން އައި މިފްޒާލް އެކުއްޖާއަށް ބަލާލުމަށްފަހު ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނުމުން އެކުއްޖާ ދިޔުމަށް ހިނގައިގަތެވެ. އަދި އެ ކަންތައް ވީގޮތުން މިވީ ކިހިނެތްކަން އައިލީންއަށް އިޙްސާސް ކުރެވުނެވެ. އެއީ މިފްޒާލްގެ ރޭވުމެއްކަން އައިލީންއަށް އެނގުނެވެ. އެވަގުތަކީ ކޮރިޑޯގައި އައިލީން އާއި މިފްޒާލް ފިޔަވައި އިތުރު އެއްވެސް މީހަކު ނެތް ވަގުތެކެވެ. ކުއްލިއަކަށް މިފްޒާލް އައިލީންގެ އަތުގައި ހިފައިގެންގޮސް ޖެހިގެން ހުރި ފާޚާނާއަށް ވަދެ ފާޚާނާ ތަޅުލިއެވެ.

"ބަލަ ކީއްވެގެންތަ ތިއުޅެނީ...؟ މޮޔަވީތަ....؟ މިއީ ފިރިހެނުންގެ ފާޚާނައޭ....! ދޫކޮށްލާ އަހަރެންގެ އަތުން...." އައިލީން ވައިއަޑުން ބުނެލިއެވެ.

އެހެން ނަމަވެސް މިފްޒާލް، އައިލީންގެ ގައިގައި ބައްދާލިއެވެ. ތެޅިގެންފައި އައިލީން ފޮޅުވާލަން މަސައްކަތް ކުރިއެވެ. މިފްޒާލް ހިފަހައްޓާފައިހުރިލެއް ބާރުކަމުން ހިރިވެސް ނުލެވުނެވެ. އައިލީން ގަދަހަދަހދާ ހުއްޓާ މިފްޒާލް އައިލީންގެ ކޮލުގައި ކިސްވެސް ކޮށްލިއެވެ. އައިލީން ހުރީ ބިރުން ފިނިވެފައެވެ. ހަމަ އެހާމެ ރުޅިވެސް އައިސްފައެވެ. އެހެން ނަމަވެސް ދެމީހުން އެކަނި ފާޚާނާގައި ތިއްބާ މީހަކު އަތުވެދާނެތީ ހަޅޭއްލަވައި ގަންނާކަށްވެސް ނުކެރުނެވެ. އެތައް މަސައްކަތެއްކޮށްގެން މިފްޒާލްގެ އަތުތެރެއިން އައިލީންއަށް މިނިވަން ވެވުނުއިރު އައިލީން ހުރީ މާނޭވާލެވި ބިރުންގޮސް ދާހިއްލާ ފޯވެފައެވެ.

"ކީހާބޮޑު ކަމެއްތަ....؟ މޮޔަވެފަ ތިހިރީ....." އައިލީން މިފްޒާލްގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖަހަމުން ބުނެލިއެވެ.

އެވަގުތު ބޭއިޚްތިޔާރުގައިވެސް މިފްޒާލް އަށް އެކުރެވުނީ ވަރަށް ގޯސް ކަމެއްކަން އިޙްސާސްވިއެވެ.

"އައިއޭމް ސޮރީ....!" މިފްޒާލް އައިލީން އަށް ބަލަންހުރެ ބުނެލިއެވެ.

"ވަރަށް ފޫހިވޭ....! އައި ހޭޓް ޔޫ...! އައި.......ހޭޓް..... ޔޫ....! ކޮން ސޮރީއެއް ކިޔާކަށް..." އައިލީންގެ ލޮލުން ފެންކަޅިވެގެން ދިޔައެވެ.

"އައިއޭމް ސޮރީ.... ސޮރީއޭ....!" އާދޭސްކުރާ ރާގަކަށް މިފްޒާލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ހީކުރީ މިފްޒާލްއަކީ އަހަރެން ދެކެ ޙަޤީޤީ ލޯބިވާ މީހެއްކަމަށް.....! އަހަރެންގެ ފިރިމީހާއަށްވުރެވެސް މިފްޒާލްގެ ފިރުމުންތައް ލުއިވާނެކަމަށް....! ނާޒުކު ވާނެކަށް...! އޮމާން ވާނެކަމަށް....! އެކަމަކު ޙަޤީޤަތުގައި މިފްޒާލް ވެގެންދިޔައީ އަހަރެން އެންމެ ހީނުކުރާ ކަހަލަ މީހަކަށް...!" މީހަކަށް އަޑު އިވިދާނެތީ މަޑުންމަޑުން އައިލީން ވާހަކަ ދެއްކިއެވެ.

"އަހަންނަށް މާފުކުރޭ....! ޕްލީސް.... އެއީ އަހަރެން ގަސްދުގައިކުރި ކަމެއް ނޫނޭ....! އައިލީން ދެކެ ލޯބިވާ ވަރުން އަހަންނަށް ބޭއިޚްތިޔާރުގައި ކުރެވުނު ކަމެއް.... ޕްލީސް....!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

"ތީތަ ލޯތްބަކީ....؟ ތިއީ ލޯބިކަމަކަށް އަހަރެން ނުދެކެން....! ތިއީ އަމިއްލަ އެދުން ފުއްދުން....! އައިލީން ރޮވިފައި ވާހަކަ ދެއްކިއެވެ.

"ސޮރީއޭ....! ވަރަށް ބޮޑަށް ސޮރީ...! ތިހެދުމުގައި އައިލީން ފެނުނީމަ ހަމަ ދުރުގައި ނުހުރެވުނީ....! އަހަންނަކީ ތިހީކުރާ ކަހަލަ ގޯސްމީހޭއްނޫން....! މިއަތުން އަހަރެން އައިލީންގެ ގައިގައި ހިފެހެއްޓީތީ މިއަތަށް މިފަހަރު އަބަދުދޭނަން....!" މިފްޒާލް އަތުން ގޮށްމުށް ކަވާފައި ފާރުގައި ދެތިންފަހަރު ޖަހަމުން ބުނެލިއެވެ.

ހިތާ ދެކޮޅަށް ނަމަވެސް އައިލީން އެވަގުތު އެކަން ހުއްޓުވިއެވެ. އަތަށް އަނިޔާވާނެކަން އެނގޭތީއެވެ. އައިލިން ބެލީ އެއީ ލޯބީގެ އިންތިހާ ކަމުގައެވެ. މިފްޒާލް އަކީ ނަފުސާނީ ގޮތުން އުނިކަމެއް ހުރި މީހެއް ކަމެއް އައިލީންއަކަށް އޭރު ވެސް ނޭނގެއެވެ. އައިލީން ހުރީ މިފްޒާލްގެ އަތުގައި ހިފަހައްޓައިގެންނެވެ. އޭރު މިފްޒާލްގެ އަތުން ހިސާބަކަށް ލޭ އަންނަމުން ދިޔައެވެ. މިފްޒާލް ދެލޯ ބޮޑުކޮށްގެން ދަހިވެތި ކަމާއެކު ބަލަހައްޓައިގެންހުރީ ކޮންތާކަށް ކަމެއް އައިލީން އަކަށް ފާހަގައެއް ނުކުރެވުނެވެ.

"އަހަރެން އައިލީން ދެކެ ވަރަށް ލޯބިވޭ....! ހިނގާ ދެމީހުން މެރީ ކުރަމާ....." މިފްޒާލް އެހެން ހުރުމަށްފަހު ބުނެލިއެވެ.

"ތީގެ ޖަވާބުގައި އަހަރެން ބުނާނީ މިފްޒާލްގެ ވައިފުގެ ކުށެއް އޮވެގެން އޭނަ ވަރިކޮށްފައި، ރާއިފުގެ ކުށެއް އޮވެގެން އަހަރެން ރާއިފު ކައިރިން ވަރިވަންދެން މަޑުކުރާށޭ....! އެކަމަކު ކުށެއް އޮވެގެން އިނގޭ...! އައިލީން ސީދާ ޖަވާބު ދިނެވެ.

"މިހާރުވެސް ރާއިފުގެ ކުށް އެބައޮތޭ....! އަހަންނަށް ފެނުނުރޭ ހަމައެކަނި، އެރޭ ރާއިފު އައިލީން އާ ދޭތެރޭ ކަންތައް ކުރިގޮތް އަހަރެން ދުށީމޭ....! އެއީވެސް ކުށެކޭ...! އަނިޔާއެކޭ....! އެއީ ލޯތްބެއް ނޫން....! އޭނަ ކައިރިން ވަރިވޭ.... އޭގަ މައްސަލައެއް ނެތޭ...! އަހަންނަކީ ހަމައެކަނި އައިލީންއަށްޓަކައި ހުރި މީހެއް....! އައިލީން އަކީ ހަމައެކަނި އަހަންނަށްޓަކައި ހުރި މީހެއް....! އަހަންނަށް ހީވަނީ އަހަރުމެން ދެމީހުންނަށްވެސް ކައިވެނި މިކުރެވުނީ ކުރަންވާ މީހުންނަކާ ނޫންހެން...!" މިފްޒާލް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެއީ އެކަން ހަމަޖެހިފައޮތްގޮތް....! މިކަމުގައި ކުރާނެ ކަމެއް ނޯންނާނެ....! ތަޤްދީރުގައި ކަންކަން ލިޔެވިފައި އޮތް ގޮތަކަށް ކަންކަންދާނީ.....!" އައިލީން، މިފްޒާލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ތަޤްދީރޭ ކިޔާފަ މަޑަކުރީމާ މިކަމުގައި ދެމީހުންނަށްވާނީ އަނިޔާ....! މީހުން ބުނެއެއްނު، ލޯބި ވެވޭނީ އެކަކުދެކެ އެންމެ ފަހަރަކުއޭ...! ތި ބުނަނީ އެއީ ދޮގެކޭތަ....؟ މިފްޒާލް އަނެއްކާވެސް ސުވާލެއް ކުރިއެވެ.

"ނޫނޭ އެއީ ހަމަތެދެއް....! ކައިވެނިކޮށްގެން ކިތަންމެ ގިނަ ކުދީން ލިބިފަ ތިއްބަސް އެދެމީހުންގެ މެދުގައި ޙަޤީޤީ ލޯބި ނޯވެދާނެ....! އެކަމަކު ދެންޖެހޭނީ ކެތްކުރަން....! ލިބިފައި ތިބި ދަރިންނަށްޓަކައިވެސް ކެއްކުރަން ޖެހޭނެތާ....!" އައިލީން ބުނެލިއެވެ.

"އެކަމަކު ތި އުސޫލަކަށް އަހަރެން ތާއީދެއް ނުކުރަން....! ކައިވެނީގެ ބިންގަލަކީ ހަމައެކަނި ދަރިއެއް ނޫނޭ....! އޭގެ އެންމެ މުހިންމު އެއްޗަކީ ލޯބި...! ދަރިން ލިބޭނީ އެއަށްފަހު....! މިފްޒާލް ބުނެލިއެވެ.

އައިލީން ފާޚާނާއަށް ގޮސް ލަސްވެގެން ރާއިފު އައިލީން ހޯދަން ފެށިއެވެ. އެވަގުތު ރާއިފުގެ ލޮލުގައި އަޅައިގަތީ އައިލީން ގޮވައިގެން ދިޔަ ކުއްޖާއެވެ. އެވަގުތު ރާއިފު ހިނގައިގަތީ އެކުއްޖާ އާ ދިމާއަށެވެ.

"ތިއީދޯ އައިލީން އާއެކުދިޔަ ކުއްޖާ....! އައިލީން ކޮބާ....؟ އަދިވެސް ފާޚާނާގައިތަ.....؟" ރާއިފު ގޮސް އެކުއްޖާ އާއި ސުވާލުކޮށްލިއެވެ.

"ނޭނގެ...! ނާދޭތަ....؟ ފާޚާނާއަށް ވަނީމަ އަޅުގަނޑު އައީ....!" އެކުއްޖާ ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ޖަވާބު ދިނެވެ.

އައިލީން އާއި މިފްޒާލް ފާހާނާ ތެރޭ ވާހަކަ ދައްކަން ތިއްބާ އައިލީންގެ ފޯނަށް މިފްޒާލް ގުޅިއެވެ.

"ޔާރައްބީ....! ލަސްވެގެން ރާއިފު އެގުޅަނީ....! ހިނގާ އަވަށް މިތަނުން ނުކުންނަމާ....! މިފްޒާލް ފުރަތަމަ ނުކުމޭ....! ނުކުމެފަ ފެންނަ ހިސާބުގައި މީހަކު ނެތްކަން ޔަޤީންކޮށްފަ ބުނޭ....! އަވަހަށް ނުކުމޭ....!" އައިލީން ދިގުހެދުމުގެ ބޯވަޅު ފޮތިގަނޑު ރީކޮށްލަމުން ބުނެލިއެވެ.

"އަދި މަޑުކޮށްބަލަ....! ޕްލީސް....! އަދި ވާހަކަދައްކާވެސް ނުނިމެއެއްނު....! ހިނގާބަލަ މެރީ ކުރަމާ....! މިހާރު އަންޖަލް ދެކެވެސް އަހަންނަކަށް ލޯތްބެއް ނުވެވޭ... އަންޖަލް ގާތުގައި ހުންނައިރުވެސް ވިސްނެނީ އައިލީން އާމެދު....! އަހަރެން ބޭނުމީ އައިލީން...! ހެޔޮނުވާނެ ހިނގާ މެރީކުރަން... އެހެން ނޫނީ އަހަރެން....!" މިފްޒާލްގެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 13 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް