މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށް، އެ ކަމަށް ބޭނުންވާ ޢަދަދަށް ސޮއި ހަމަކޮށްފިއެވެ. ޕީއެންސީގ...

13 May 2026 | 11:48
ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބުރައީސް އަހްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބުރައީސް އަހްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށް، އެ ކަމަށް ބޭނުންވާ ޢަދަދަށް ސޮއި ހަމަކޮށްފިއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ފާސްކޮށްފައި ވަނީ، ނައިބު ރައީސް ކަމުގެ މަޤާމުން ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފެށުމަށެވެ. އޭގެ ފަހުން މިހާރު ވަނީ އެ ކަމަށް ބޭނުންވާ ސޮއި ހަމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާ އިރު، ޕީއެންސީގެ މެންބަރުންގެ ޢަދަދަކީ 76 އެވެ. މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާ ޚިލާފަށް ނައިބު ރައީސް ވަކިކުރުމަށް މަދުވެގެން ހަތަރުބައި ކުޅަ އެއް ބަޔަށް ވުރެ މަދު ނޫން ޢަދަދެއްގެ ސޮއި ބޭނުމެއް ނުވެއެވެ.

މިއީ ޕީއެންސީގެ ތެރޭގައި ނާޒިމްގެ ހައިސިއްޔަތު ދަށްވަމުންދާ ކަން ދައްކައިދޭ އެންމެ ފަހުގެ ކަންތަކެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން ވެސް ނާޒިމް މިއަދު ހެނދުނު ވަނީ ބޭރުކޮށްފައެވެ. އޭގެ ކުރިން، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް ނާޒިމް ވަކިކޮށް، އެންވަޔަރްމެންޓް ކޮމިޓީ އަށް ވަނީ ބަދަލުކޮށްފައެވެ.

ނާޒިމާއި ޕީއެންސީގެ އިސް ފަރާތްތަކާ ގުޅުން ގޯސްވި ސީދާ ސަބަބުތައް އަދި ތިލައެއް ނުވެއެވެ. ނަމަވެސް ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން "ނުސީދާކޮށް" އޭނާ އަށް އަންގާފައި ވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ކޮމިޓީތަކުން ވަކިކުރުމާ ބެހޭ ގޮތުން ނާޒިމް ކުރިން ވިދާޅުވެފައި ވަނީ، މަސައްކަތް މިހާރު ހުރި ގޮތުން ދެ ކޮމިޓީ އަށް ވަގުތު ނުދެވޭތީ، އެ ނިންމުމަށް އެއްބަސްވެވަޑައިގަތުމުން އެ ބަދަލު ގެނައީ ކަމަށެވެ.

މިހާރު ހިނގަމުން އަންނަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ނައިބު ރައީސް ކަމަށް ނާޒިމް އިންތިޚާބު ކުރީ 28 މެއި 2024 ގައެވެ. ނާޒިމަށް ނައިބު ރައީސް ކަން ލިބިވަޑައިގަތީ 80 ވޯޓުންނެވެ. ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. ނާޒިމް ވަނީ 17 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސް ކަން ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް