N/A
ކްލިކް ކޮލެޖުގެ ފަރާތުން އިންތިޒާމު ކުރާ "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ފޯރަމުގެ ތިން ވަނަ އެޑިޝަން، މި މަހުގެ 15 އާއި 16 ވަނަ ދުވަހު "މީރުމާ" އިވެންޓް ހޯލުގައި ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށް އެބަ ދެއެވެ.
މި ފޯރަމަކީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާފައި ވާ ދަރިވަރުންނާއި، ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް މުސްތަޤްބަލު ބިނާކޮށް، ކެރިއަރު ބައްޓަން ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް މެދުވެރިކޮށް، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން، އެ ބޭފުޅުންގެ ތަޖުރިބާ އާއި ދާއިރާގެ މަޢުލޫމާތު ޕެނަލް ޑިސްކަޝަންގެ ޒަރީޢާ އިން ފޯރުކޮށްދޭނެ އެވެ. އަދި މިހާރު މާކެޓުގައި އެންމެ ޑިމާންޑް ބޮޑު ދާއިރާތަކާއި އަލަށް ތަޢާރަފުވަމުންދާ ސިނާޢަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރާނެ އެވެ. ސާނަވީ އިމްތިޙާނުގެ ނަތީޖާ ނުކުންނަ ދުވަސްކޮޅާ ދިމާކޮށް މިފަދަ ހަރަކާތެއް ބާއްވަނީ މަތީ ތަޢުލީމު ޙާޞިލު ކުރުމާއި ކެރިއަރ އިޚްތިޔާރު ކުރުމުގައި ޒުވާނުންނަށް އެހީތެރިވެ ދިނުމުގެ ގޮތުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި، ޕެނަލް ޑިސްކަޝަން، ގޭމިން ހަރަކާތުގެ އިތުރުން ޚާއްޞަ ބޫތްތައް މެދުވެރިކޮށް ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. މިގޮތުން ފުރަތަމަ ދުވަހު ފަތުރުވެރިކަމާއި އެކައުންޓިން ގެ ދާއިރާ އަދި މާކެޓިން އާއި ބިޒްނަސް ދާއިރާ އަށް ޚާއްޞަ ޕެނަލް މަޝްވަރާ އެއް ކުރިއަށް ދާނެ އެވެ. ދެ ވަނަ ދުވަހު ސްޕެޝަލައިޒްޑް ސްޓަޑީޒް — ކްރިމިނޮލޮޖީ، ކުޅިވަރު، ޕައިލޮޓްކަން އަދި އިންޖިނިއަރިން އަށް ޚާއްޞަ ޕެނަލް ޑިސްކަޝަން އެއް އަދި މެޑިސިން އާއި ސައިން ލޭންގުއޭޖް އަށް ޚާއްޞަ ސެޝަން އެއްގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ހެލްޕްލައިން އާ ބެހޭ މަޢުލޫމާތު ދޭ ސެޝަން އެއް ކުރިއަށް ގެންދާނެ އެވެ. ކޮންމެ ޕެނަލް ޑިސްކަޝަން އެއް ވެސް އެއް ގަޑިއިރަށް ކުރިޔަށް ދާ އިރު، ކޮންމެ ފަރާތަކަށް ވެސް ސެޝަން ބަލައި، އަޑު އެހުމަށް ބައިވެރިވެވޭނެ އެވެ. އަދި މި ސެޝަންތައް ބަލާލުމަށް ބޭނުންނަމަ ކޮންމެ ތަނެއްގައި ހުރިގެންވެސް މިކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހަރަކާތުގެ ބައިތައް ލައިވް ކުރެވޭނެއެވެ.
މި ހަރަކާތުގެ އެންމެ ޚާއްޞަ އެއް ބަޔަކީ 'ފައިޓިން ގޭމް ކޮމިއުނިޓީ މޯލްޑިވްސް' (FGC MV) އާ ގުޅިގެން އިންތިޒާމު ކުރާ ގޭމިން ހަރަކާތެވެ. ގޭމިން ހަރަކާތް ކުރިއަށް ގެންދާނީ ޢާންމުކޮށް މި ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބައިވެރިވެ ގޭމް ކުޅުމުގެ ފުރުޞަތު ހުޅުވާލެވިގެންނެވެ. ދެ ވަނަ ދުވަހު ކުރިޔަށް ދާނީ ގޭމިން މުބާރާތެވެ. މި މުބާރާތުގައި 20 ބައިވެރިންނަށް ކޮމްޕީޓް ކުރެވޭ އިރު، މި މަހުގެ 13 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކްލިކް ކޮލެޖުގެ ސޯޝަލް މީޑިއާ ގެ އިތުރުން އެފްޖީސީ އެމްވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ އެވެ. މުބާރާތުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެއް ވަނަ، ދެ ވަނަ، ތިން ވަނަ އަށް ހޮވޭ ފަރާތްތަކަށް 3،000، 2،000 އަދި 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިއަށް ދާ ދެ ދުވަހުގެ ތެރޭގައި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. މީގެ ތެރޭގައި ތިން ފަރާތަކަށް ސްރީ ލަންކާ އަށް ދަތުރު ކުރުމަށް ދެކޮޅު ޓިކެޓާއި، ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކުގެ އިތުރުން ތަފާތު އެކި ހަދިޔާތައް ހިމެނެއެވެ.
ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓްގެ ތެރެއިން ޚާއްޞަ ކުރެވިފައި ވާ ސްޓޯލްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (SHE)، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (BCC)، ނޭޝަނަލް ކެރިއަރ ސާވިސް އަދި ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިމެނެއެވެ. މި ސްޓޯލްތަކުން ޞިއްޙީ ޚިދުމަތްތަކާއި، ވިޔަފާރީގެ އިރުޝާދާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ޒުވާނުންނަށް ހުރި ތަމްރީނު ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ.
މި ހަރަކާތުގެ އެކި ސެޝަންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުން ބައިވެރިވެ ލެއްވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް