އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބަށް ވާދަކުރާ ނަޖުދާ ޑްރަގް މައްސަލައެއްގައި ބަންދު

މަސްތުވާތަކެތީގެ ތުހުމަތުގައި މާލެ އިން ޒުވާން އަންހެނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފައި ވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ. ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި/ޑިސްކު، ޢާއިޝަތު ނަޖުދ...

13 May 2026 | 04:30
ނަޖްދާގެ ކެމްޕޭން ޕޯސްޓަރެއް -

ނަޖްދާގެ ކެމްޕޭން ޕޯސްޓަރެއް -

މަސްތުވާތަކެތީގެ ތުހުމަތުގައި މާލެ އިން ޒުވާން އަންހެނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފައި ވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި/ޑިސްކު، ޢާއިޝަތު ނަޖުދާ ޢަލީ (21އ) އެވެ. އޭނާ ދިރިއުޅެމުން ދިޔައީ މާލޭގައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 7:15 ގައި ފެށޭ ގޮތަށް 17 މެއި އާ ހަމައަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމް ނެރުއްވި ބަންދު އަމުރުގައި ވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ވާ ކަމަށާއި، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބެލެވޭތީ ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ނިންމައިފައެވެ.

ނަޖުދާ އަކީ ކުރިއަށް އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތިލަދުންމަތި ދެކުނުބުރި، ހދ. ކުޅުދުއްފުށި އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކަން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެކްސްގައި އިޢުލާން ކުރި ކެންޑިޑޭޓެކެވެ.

ނަޖުދާގެ މައްޗަށް ކުރިން ޕީޖީ އޮފީހުން ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ވެސް އުފުލައިފައެވެ. ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވާ ގޮތުން، އެ ދަޢުވާ ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ، ޞުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ނަޖުދާ ހިމެނޭ ގޮތަށް އަށް މީހެއްގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހު ޕީޖީން ވަނީ ކޯޓަށް ދަޢުވާ ހުށަހަޅައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް