ބާބު ހަތެއް: ނަފްރަތުގެ ނިމުން
"ކިހިނެއްވީ؟ ހާދަ ފާޑަކަށް ދެމީހުން" ވިޝާމް ބުންޏެވެ.
އަހަރެން ސިއްސައިގެން ގޮސް ޒާރާގެ އަތުން ދޫކޮށްލީމެވެ. ޒާރާ އިސްދަށަށް ޖަހައިގެން ހުރެ އެތަނުން ނިކުމެގެން ދިޔައެވެ.
"ކުލާސް ފެށިއްޖެ.. ލައިސަމް ނެތްކަން އެނގިއްޖާ ރަގަނޅެއް ނުވާނެ... އާދެ ދާން" ވިޝާމް ބުންޏެވެ.
ވިޝާމް އަބަދުވެސް އަހަންނަށް ވަރަށް ބަލާނެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނާއި މެދު ކަންތައް ކުރަމުން އައީ ވިޝާމްގެ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދައިންނެވެ. އަހަންނަށް ދެރަ ގޮތެއް ވުމަކަށް އޭނައެއް ނޭދޭނެއެވެ. އޭގެ ސަބަބުން އެދުވަހު ވިޝާމްއަށް ވެސް ލިބުނީ ލަނޑެވެ. ލަހުން ކުލާހަށް އައުމުން ދެމީހުން އެއްކޮށް ކުލާހުން ބޭރުކޮށްލީއެވެ. ގަޑިއެއްހާ އިރު އަހަރެމެންނަށް ޖެހުނީ ކޮރިޑޯ ތެރޭގައި ހޭކި ހޭކި ތިބޭށެވެ.
ގަޑިއެއްހާއިރު ހުހަށް ލިބުމުން އަހަރެމެން ކަހަލަ ސިޔާސަ ކުދިންނަށް މަޑުން ތިބެވޭނެ ހެއްޔެވެ. އަހަންނާއި ވިޝާމް ބެލީ ކޮންމެވެސް ޖެއްސުމެއް ކޮށްލާނެ ގޮތެއް ފެނޭތޯއެވެ. ކޮރިޑޯގެ ނިމޭ ދިމާލުން އަހަރެންގެ ލޮލުގައި އަޅައިގަތީ ކަރަންޓު ސާކެޓެވެ. އަހަރެންގެ ސިކުނޑިއަށް އިބިލީސް ސަވާރުވި ކަހަލައެވެ. ކޮރިޑޯތެރެ ބަލާލުމަށް ފަހު މަޑު މަޑުން އެދިމާއަށް ދިޔައީމެވެ. ވިޝާމްއަށް އަހަރެންގެ ސިކުނޑީގައިވާ ހިޔާލު އެނގުނެވެ. ވިޝާމް ހުރީ އެކަމަށް ހުޝިޔާރު ވެގެންނެވެ. އަހަރެން ގޮސް ސާކެޓް ވައްޓާލުމާއި އެކު މުޅި ސުކޫލުން ކަރަންޓު ކެނޑުނެވެ. އަހަންނާއި ވިޝާމް އަދިރީގައި ބަޑިބަޑި ޖަހާފައި ދުއްވައިގަތީ ކުލާހާއި ދިމާއަށެވެ. އަހަރެން ގޮސް ބިމަށް ތިރިވީ މީހެއްގެ ގައިގައި ޖެހިފައެވެ. ކިތަންމެ އަނދިރި ނަމަވެސް އެއީ ކާކު ކަން އަހަންނަށް ރަގަނޅަށް އެނގުނެވެ. ވެއްޓުނު ބާރު މިނުގައި ތެދުވެ އަހަރެން އަވަހަށް އެތަނުން ފިލީމެވެ. އޭރު ޓީޗަރުންތައް ޓޯޗު ދިއްލައިގެން ކޮރިޑޯ ތެރޭގައި އުޅުނެވެ.
މާގިނަ އިރުތަކެއް ނުވެއެވެ. ޕްރިންސިޕަލް އައިސް އަހަރެމެން ދެމީހުން އޮފީހަށް ގެންދިޔައެވެ. އަހަރެމެންނަށް ވީ މަޖާ ކަމަކަށެވެ. އަހަރެމެން ތިބީ އެއްވެސް ވަރަކަށް ޖެހިލުން ވެފައެއް ނޫނެވެ. މިއީ އަހަރެމެން އޮފީހަށް ގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ.
ހައިރާން ކަމެއް ލިބުނީ އޭރު ޕްރިންސިޕަލްގެ ކެބިންގައި ޒާރާއާއި ދީނާ ތިބި ތަން ފެނުނީމައެވެ.
އަހަންނާއި ވިޝާމް އެއްފަހަރާއި ދެމީހުން ދެމީހުންނަށް ބަލާލީމެވެ. އަހަރެމެން ކުރި ކަމެއްގައި ޒާރާ އާއި ދީނާ ހާޒިރު އެކުރީ ކީއްކުރަން ކަމެއް އަހަރެމެންނަކަށް ނުވިސްނުނެވެ.
ކަންތައް ވީ އަހަރެމެން ހީވެސް ނުކުރާ ގޮތަށެވެ.
އެވަގުތަކީ ޒާރާއާއި ދީނާ ފާހަނައަށް ދިޔަ ވަގުތު ކަމުން ހުރިހާ އެންމެންވެސް ޝައްކު ކުރީ އެ ދެމީހުންނަށެވެ.
އަހަރެމެން އޮފީހަށް ގެނައީ އަދަބު ދޭކަށް ނޫނެވެ. އެވަގުތު އަހަރެމެން ކޮރިޑޯގައި ތިބިކަމުން އެ މަންޒަރު ފެނުނުތޯ ބަލާށެވެ.
އަހަރެމެންނަށް އެކަމުން ބޯ ދަމައިގަންނަން މިލިބުނު ފުރުސަތުގެ ބޭނުން އަހަރެމެންވެސް ހިފީއެވެ. އެތައް އިރެއް ވަންދެން ނަސޭހަތް ދިނުމަށް ފަހު ދީނާމެންވެސް ކުލާހަށް ފޮނުވިއެވެ.އަހަރެން ހުރީ އެމީހުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
އެމީހުން ނިކުތް މަންޒަރު ފެނުމާއި އެކު އަހަރެން ދުވެފައި އެދިމާއަށް ދިޔައީމެވެ.
"ސަސްޕެންޑު ކޮށްލީތަ؟" އަހަރެން ހެމުން ބުނީމެވެ.
ދީނާ އަހަންނާ ދިމާއަށް ތުން އަނބުރާލާފައި ހިނގައިގަތެވެ.
"ނޫން ތަގުރީރު ލައިދިނީ" ޒާރާ ބުންޏެވެ.
އަހަރެން ޒާރާއާއި އެއްވަރަކަށް ހިނގަމުން ދިޔައީމެވެ.
"ހަމަ އަސްލުވެސް ތިމީހުން ކުރިކަމެއް ދޯ އެއީ.... ގަދަ އިނގޭ" އަހަރެން ޒާރާ ހައްދާލުމަށް ބުނީމެވެ.
ޒާރާ ހުއްޓިލާފައި މަޑު މަޑުން ބުންޏެވެ.
"އަހަރެމެންނެއް ނޫން އަހަރެން... ކުލާސް ގަނޑި ފޫހި ކަމުން އަހަރެން ކުރި ކަމެއް އެއީ... " ޒާރާ ވާހަކަ ދައްކަމުން ދިޔައީ އެއީ ޒާރާ ކުރި ކަމެއްގެ ގޮތުގައެވެ. ދޮގު ހަދަމުން ދިޔަ އިރު އެކަން ކުރި މީހާ މިހުރީ ކުރިމަތީގައި ވިއްޔާއެވެ. އަހަރެންވެސް ޒާރާގެ އެ ދޮގުތައް އަޑު އަހަމުން ދިޔައީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. އެއީ އަހަރެން ކުރި ކަމެއް ކަމަށް ޒާރާ ގާތު އަހަންނެއް ނުބުނަމެވެ.
ޒާރާގެ އެ ސިފަ އަހަންނަށް ވަރަށް ލޯތްބެވެ. އަމިއްލައަށް ވަރަށް ގޯސް މީހަކަށް ވާ ހިތުން އެ ހެދި ދޮގުތަށް އަހަންނަށް ވަރަށް ކަމުދިޔައެވެ. އަހަރެން އެވަރުކޮށްލާ އިރުވެސް ޒާރާ އެކަންކަން ހިތުގައި ނާޅާ ހުންނަ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. މޮޔަ އެއް ހެން އަބަދު އަހަރެންގެ ކައިރީގައި ވަށާ އެނބުރެއެވެ.
ދެތިން ދުވަސް ފަހެވެ.
އަހަންނާއި ވިޝާމް ގޭމު ކުޅެން ޒާރާމެންގެ ގެއަށް ޒިޔަން އާއި އެކު ދިޔައީމެވެ.
އޭރު ޒާރާ އިނީ ބޭރު ޖޯލީގައެވެ. ޖޯލީގައި އިންނަ އިރު އެގޭ ކުޑަ ދޮރުން އަހަރެމެންނަށް ޒާރާ ފެނެއެވެ. އިރު އިރުކޮޅާ އަހަރެން ބަލާލަމެވެ. އަހަރެން ބަލާ ކޮންމެ ވަގުތެއްގައި ވެސް ޒާރާ އިންނަނީ އަހަންނަށް ބަލާށެވެ.ވިޝާމްއާއި ޒިޔަން ގޭމު ކުޅެން ބައިންދާފައި އަހަރެން ނިކުތީމެވެ.
އަހަރެން ގޮސް ޖޯލީގައި އިށީދެލުމަށް ފަހު ދުފާތަބަށް ނެގީމެވެ. ޒާރާ އަތުގައި ކުޑަ ރޭޑިއޯއެއް އޮތެވެ. އޭގެން އަޅުވާފައި ހުރީ ލޯބީގެ ލަވަ ތަކެވެ.
"ހާދަ އިޝްގުގަ ޖެހިފަ" އަހަރެން ބުނީމެވެ.
ޒާރާ ރަކި ވެލާފައި ލަވަ ނިއްވާލިއެވެ.
"ކީއްވެ ނިއްވާލީ... ކިހާ ރީތި ލަވައެއް"
"ލައިސަމް ގަޔާ ނުވާހެން ހީވާތީ" ޒާރާ ބުންޏެވެ.
"އަހަރެން ގަޔާ ނުވާ އެއް ކަމެއްސް ނުކުރާނަންތަ؟"
"ހޫމް...އެހެންނޫނީ އަނެއްކާ އަހަރެން ނަގާ ހޫރާލާފާނެ އަންނަ ރުޅީގަ" ޒާރާ ހެމުން ބުންޏެވެ.
އަހަރެމެން ވާހަކައިގައި ތިއްބާ ޒާރާގެ މަންމަ އައިސް ޖޯލީގައި އިށީނެވެ.
ޒާރާ މަންމަ ވާހަކައިގެ ކުރި މަރާލީ އަހަރެންގެ މަންމަގެ ވާހަކަ ނަގައިގެންނެވެ.
އިރުކޮޅެއްގައި ޖޯލީގައި މަޑުކޮށްލުމަށް ފަހު އަހަރެން ގެއާ ދިމާއަށް ދިޔައީމެވެ.
ޒާރާގެ ޅެން ފޮތް ނަގާ އޭގައި ބޮޑު މެސެޖެއް ލިޔެލީމެވެ.
ޒާރާ ކައިރިއަށް ދާން ބަހަނާއަކަށް އެފޮތް ހަދާ އެ ފޮތް ހިފައިގެން އެގެއަށް އަނެއްކާވެސް ދިޔައީމެވެ.
ޒާރާ އަތަށް ފޮތް ދިއްކޮލުމުން ޒާރާ ރަކިވިއެވެ.
"ތެންކްސް... ނުކިޔަން ދޯ؟" ޒާރާ އަހަންނާ ސުވާލު ކޮށްލިއެވެ.
"ހޫމް ނުކިޔަން...މީދާ ތެމުނީމަ ހުންނާނީ ވަރަށް މަޖާކޮށްދޯ؟" އަހަރެން ހިނިތުން ވެލަމުން ބުނީމެވެ.
"ކޮން ފޮތެއް ތީ... ވާހަކަ ފޮތެއްތަ؟ ދައްކަ މަންމަ ބަލާލަން" ޒާރާ މަންމަ ބުންޏެވެ.
އަހަންނާއި ޒާރާ ދެލޯ ބޮޑުވިއެވެ.
"ނޫން!... ވާހަކަފޮތެއް ނޫން މީ" ޒާރާއާއި އަހަރެން އެކީގައި ބުނެލީމެވެ.
ޒާރާ ފޮތް ހިފައިގެން ގޭތެރެއަށް ވަނެވެ.
ޒާރާގެ އެފޮތުގައި އެންމެ ފަހުން ލިޔެފައިވަނީ އަހަންނާ ބެހޭ ގޮތުންނެވެ.
އެދުވަހު ޖޯލީގައި ތިބެގެން އެމީހުން ކުރި ކަމަކީ އެއީ ތާއެވެ.
އަހަރެންގެ ސިފައަކީ މީދަލެއްގެ ސިފަ ކަމަށް އެ ފޮތުގައި ޒާރާގެ ޅެމުން ބުނެފައި ވެއެވެ.
އަހަރެން ތެންމާލާފައި އައިސް އަހަރެން ހުރީ ނިކަމެތި މީދަލެއްހެން ކަމަށް އެ ފޮތުގައި ޒާރާ ލިޔެފައި ވެއެވެ. އަހަރެން މީ ކާކުކަން ނޭނގި އަހަންނަކީ މާލެ މީހަކަށް ވީތީ ވަރަށް ފޮނި މީހެއް ކަމަށާއި ރޯޔަލް މީހެއް ކަމަށް ވެސް މަލާމާތަކަށް ލިޔެފައިވެއެވެ. އެއީ މާޒީއެވެ.
އެ ފޮތް މީގެ ދެތިން ދުވަސް ކުރިން އަހަރެން ކީ ނަމަ ޒާރާ ދެކެ އިންތިހާއަށް ނަފްރަތު ކުރެވުނީސްއެވެ. މާޒީއާއި މިހާރާ އަޅާ ކިޔަން އަހަންނަށް ނޭގުނީހެވެ. އެހެން ނަމަވެސް އަހަރެން މިހާރު މިހުރީ އާދައިގެ ޖާދުލެއްގައި ޖެހިފައެއް ނޫނެވެ. ޒާރާގެ ކަމުނުދާ ސިފަތައް އަހަންނަށް މިވަނީ ކަމުދާން ފަށާފައެވެ. އެއީ ކޮން އިރަކު ކޮން ދުވަހަކު ވީ ކަމެއް ކަން އަހަންނަކަށް ނޭގެއެވެ.
މީހުން ބުނެއެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. މިވީ ނަފުރަތުގެ ނިމުމަށެވެ. ހަގީގަތުގައި ވެސް އެއީ ވަރަށް ބޮޑު ތެދެކެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 ޖެނުއަރީ، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް