ވަކިވުމުގެ ކުރިން: ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ބާބު ހައެއް: ނަފްރަތު، ލޯބީގެ ފެށުން މެންދުރުގެ ގަދަ ހޫނު ފުރާޅުގައި ހިފާލާފައި ހުރި އިރު ހޫނުކަމުން ގޭތެރެ ހީވަނީ އަވަނެއްހެންނެވެ. އާއްމުކޮށް މެންދުރު ގޭތެރޭގައި އަހަރެމެންނަ...

06 Jan 2025 | 07:19

ކުރީގެ އަދަދާއި ގުޅޭ...

ބާބު ހައެއް: ނަފްރަތު، ލޯބީގެ ފެށުން

މެންދުރުގެ ގަދަ ހޫނު ފުރާޅުގައި ހިފާލާފައި ހުރި އިރު ހޫނުކަމުން ގޭތެރެ ހީވަނީ އަވަނެއްހެންނެވެ. އާއްމުކޮށް މެންދުރު ގޭތެރޭގައި އަހަރެމެންނަށް ނުތިބެވެނީ އެހެންވެއެވެ. އެ ގަދަ ހޫނަށް ކެތް ނުވާތީއެވެ. މިއަދަކީ ވެސް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަހެކެވެ. ގޯތި ތެރޭގައިވާ ގަސްދޮށަށް ވެސް ވައިރޯޅިއެއްގެ ހިލަމެއްވެސް ނުވެއެވެ. އިރުކޮޅެއްގައި ޖޯލީގައި މަޑުކޮށްލުމަށްފަހު މަންމައާއެކު ނިކުމެލީ އަތިރި މައްޗަށް ގޮސްލާނަމޭ ހިތާއެވެ. އަހަރެމެން ގޭގެ ދޮރުމަތީގައި ހުއްޓުނު އިރު ހައްޖައްތަމެން ގެއިން ޒުވާބުކުރާ އަޑު އިވެއެވެ.

"ހާދަ އެހެން ކަހަލަ ކަމެކޭ... ކޮން ޒުވާބެއްބާ އެގޭގަ އެކުރަނީ ... ދާން ވެއްޖެ ބަލާލަން" މަންމަ ބުންޏެވެ.

ކަން ބެލުމަކީ މަންމަމެންގެ އުމުރުފުރާ މީހުންގެ އާދަތާއެވެ.

"މަންމާ! ނުދާތި... އާދެ އިހަށް އަތިރިމައްޗަށް ދާން.. އެހާ ރަގަނޅެއް  ނުވާނެ މިގަޑީގަ ވަނުމެއް" އަހަރެން މަންމަ އަތުގައި ހިފާ ދަމަމުން ބުނީމެވެ.

މަންމަ އަހަރެން އަތް ފޮޅާލިއެވެ.

"ހޫން.. މަޑުކޮށްބަލަ... ވެގެން އުޅޭ ގޮތެއް ބަލާލަން ޖެހޭނޭނުން.. އަހަންނެއް ގޭތެރެއަކަށް ނޫޅެމޭ ވަންނާކަށް"

މަންމަ ހައްޖައްތަމެން ގޭގެ ގޭޓާ ހަމައިގައި ހުރެ ބުންޏެވެ.

ކޮންމެއަކަސް ދެތިން މިނެޓެއް ނުވެއެވެ. ގޭތެރެއިން ނިކުތީ ލައިސަމް މަންމަގެ އަތުގައި ހިފައިގެން ހަރު އުމުރު ފުރައިގެ ފިރިހެނެކެވެ. އެ ފިރިހެން މީހާ ލައިސަމް މަންމަ އަތުގައި ހިފައިގެން ދަމަމުން އައި އިރު އެފަކީރު ގިސްލަމުން ރޮމުން ދިޔައެވެ.

އޭރު ހައްޖައްތަ ދެމަފިރިން ވެސް އެމީހުންގެ ފަހަތުން ހަޅޭ ލަވަމުން ނިކުމެއެވެ.

"ލިޔުޝާ... ދަރިފުޅާ ލިއުޝާ.. އަދި ވިސްނާލަބަލަ މިކަމަށް ...ދަރިފުޅާ މަގޭ ދަރިޔާ" ހައްޖައްތަ ރޮއެ ހޭރެއެވެ. ލައިސަމްގެ މަންމަ ވިސްނަންވީ ކޮން ކަމަކަށް ބާއެވެ. ލައިސަމްގެ މަންމަ އަތުގައި ހިފައިގެން އެ ގެންދިޔައީ ކާކު ބާއެވެ. އެއީ ލައިސަމްގެ ބައްޕަ ބާއެވެ. އެއީ ލައިސަމްގެ ބައްޕަ ނަމަ ލައިސަމް ކޮބާ ބާއެވެ. އަހަރެންގެ ހިތު ތެރޭގައި ސުވާލަކަށް ފަހު ސުވާލެއް އުފެދެމުން ދިޔައެވެ.

"ޒާރާ...ޒާރާ ދޭ އަތިރިމައްޗަށް.. މަންމަ ހައްޖައްތަ ކައިރީގައި މަޑުކޮށްލާނަން.. ދަރިފުޅު ދޭ" މަންމަ ބުންޏެވެ.

"އެކަމް މަންމާ އަހަރެން" އަހަންނަށް ބަސް ފުރިހަމަ ކުރާކަށް ނުކެރުނެވެ. މަންމަގެ ދެލޮލުގެ ބިރުވެރިކަމާއި ހުރެއެވެ. މަންމަ ރުޅި އައީކަން އެނގުމުންނެވެ. އަހަރެން ހިނގަމުން ގޮސް ފާލަން މަގަށް ނިކުތީމެވެ. ކާނި ގަސްދޮށުގައި ހުރި ޖޯލީގައި އަހަރެން ގޮސް އިށީނީ ފާލަން މަތިން ދޯންޏެއް ފުރާ މަންޒަރު ފެންނާތީ އެތަން ބަލާށެވެ. ލައިސަމްގެ މަންމަ އަނެއްކާވެސް އެ ފުރީ މާލެ ދާން ބާއެވެ. އެ ދޯންޏަކީ މާލެ ދަތުރުކުރާ ދޯންޏެއްކަން ޔަގީނެވެ.

އަހަންނާ ނުވެސް ބެހޭ ކަމެއްގެ ތެރެއަށް ސިކުނޑި ވަދެ ގެއްލި ހުސްވެއްޖެއެވެ. ލައިސަމްގެ މަންމަ އެދިޔައީ ލައިސަމް ދޫކޮށްލާފަ ބާއެވެ. އަހަންނަށް ލައިސަމްއާއި މެދު ހަމްދަރުދީ ވެވުނެވެ.

"ޒާރާ.. އާދެ ޕަޗަސް ކުޅެން... މޮޅުވާ މީހަކަށް ވިޝާމް ދަޅު ދެނީޔޯ...އާދެބަ" އެކުވެރި ދީނާ އަހަންނަށް ގޮވާލިއެވެ. އަހަރެންގެ ކަންފަތުގައި ދީނާގެ އަޑު ޖެހުނު ނަމަވެސް އެވަގުތު އަހަރެންގެ ސިކުނޑި ހުރީ އެހެން ކަމެއްގެ ތެރޭގައެވެ.

"ޒާރާ! ކިހިނެއް ވެފަ... މަންމައާ ހަނގުރާމަ ހަދާފަ ދޯ.. ޔަގީނޭ" ދީނާ އަހަރެން ކައިރީގައި އިން ޖޯލީގައި އިށީދެލަމުން ބުންޏެވެ.

އެންމެ ގާތް އެކުވެރިޔާ ވިއްޔާއެވެ. އަހަރެން ކަމަކާއި ހާސްވީމަ ދީނާއަށް އެނގޭނެތާއެވެ.

"ބަލާބަ އެދިމާ... އެދަނީ.. އެ ދަނީ ލައިސަމްގެ މަންމަ... އަހަންނަށް ހީވަނީ އެމީހުން މާލެ ދާން ހެން އެފުރީ ...ކިހާ ދެރަދޯ" އަހަރެން ދީނާ ގާތު ބުނެލީމެވެ.

" ލައިސަމްތަ؟ ޗި.. ކޮން ދެރައެއް.. މާ ރަގަނޅެއްނު... އޭނަގެ އުދަގު އެހާ ބޮޑު ވިއްޔަ... ވަރަށް ފޫހިވާ އިންސާނެއް އެއީ... އަނެއްކާ ޒާރާ ލޯބިވީތަ؟ ދީނާ ސަމާސާ ރާގަކަށް ބުންޏެވެ.

"ނޫން! ދެން ދީނާ! އެމީހުން އެދިޔައީ ލައިސަމް ބަހައްޓާފައޭ... ވަރަށް ޒުވާބުވެސް ކުރި އެގޭގައި ދެންމެ.."

އެ ވާހަކަތައް އަޑު  އިވި ދީނާގެ މޫނު މަތިން އެއްވެސް ހައިރާން ކަމެއް ނުފެނެއެވެ.

ލައިސަމް އާއި ބެހޭ ގޮތުން ދީނާ ކިޔައިދިނީ އަހަންނަށް ނުވެސް އިނގޭ ބައިވަރު ވާހަކަތަކެވެ. އަހަންނާ އެހާ ކައިރީގައި ލައިސަމް އުޅޭ އިރުވެސް އެ ވާހަކަތައް އަހަންނަށް ނޭނގުނީ ކީއްވެބާއެވެ. މަންމައަށް ހަމަ ޔަގީނުންވެސް އެވާހަކަތައް ނޭނގިއެއް ނުހުންނާނެއެވެ.

ދީނާ ބުނި ގޮތުގައި ލައިސަމްގެ ބައްޕައަކީ ވަރަށް ބޮޑު މުސަންޖެކެވެ. އަދި އެހާ ނުލަފާ ވެސް މީހެކެވެ. މިވާހަކަ ތަކުން ލައިސަމްގެ އެ ރުޅިއާއި އެ ހުރިހާ ސިފަތަކެއްގެ ޖަވާބު އަހަނަންނަށް ލިބުނެވެ. ހަތަރު ކަށިމަތި މާލެ މީހަކު މިހާ އާދައިގެ ދިރިއުޅުމަކަށް އަންނާނީ ކިހާ ވަރެއްވީމަތާއެވެ.

އެދުވަހަށް ފަހު އަހަންނަށް ލައިސަމްއާމެދު ހަމްދަރުދީ ވެވެން ފެށިއެވެ. ކޮންމެ ތަނަކުން ލައިސަމް ފެނުނަސް އެލޮލުން އެ ފެންނަ ހިތާމަވެރިކަމަކީ ވަރަށް ފުން ޒަހަމަކުން ލިބިފައިވާ ހިތާމައެއްކަން ޔަގީނެވެ. ލައިސަމް މައިންބަފައިން ނެތް ނަމަވެސް ލައިސަމްގެ އުޅުމަކުން ލައިސަމް އެއްވެސް ވަރަކަށް ދެރަވާ ކަމެއް މީހަކަށް ނުދައްކައެވެ. ލައިސަމްގެ އުޅުމަކަށްވެސް މާބޮޑު ބަދަލެއް އައި ހެންނެއް ހިޔެއް ނުވެއެވެ. އެ ހިނިތުން ވުމުގެ ފަހަތުގައިވާ އެފުން ޒަހަމްތައް ހިތަށް އެރިޔަސް އަހަރެންގެ ހިތަށް ވެސް އަސަރުކުރެއެވެ.

ދުވަސްތައް ވޭތު ވަމުން ދިޔައެވެ. ލައިސަމްގެ އުޅުމަށް ބަދަލެއް ނައިކަމުގައިވީ ނަމަވެސް އަހަރެންގެ އުޅުމަށް އައީ ވަރަށް ބޮޑަށް ބަދަލު އަންނަމުންނެވެ.

އެންމެ ދުވަހަކުވެސް ލައިސަމް ނުފެނިއްޖެ ނަމަ އަހަރެންގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އެ އިހުސާސް އަކީ ބުނަން ނޭގޭ ކަހަލަ އިހުސާސްއެކެވެ. އަބަދުވެސް ހުންނަނީ ހިތް ބިރުގަނެފައެވެ.

"މިލޮލަށް ނުފެނިއްޖެ ނަމަ ތިބާ، މިދެލޯ ވަށައިގެން ހޯދައޭ

ތިލޮލަށް އެނގޭނަމަ މި އިހުސާސް، ވާނެޔޭ ތިބާއަށް މި އިހުސާސް

ބިރު ހީވެޔޭ ނުފެނުމުން ތިބާ، ތުރުތުރު ލައޭ މޭ މަގޭ

ބުނެދޭނެ ގޮތެއް ހިލާ، ނޭގުނު މަށަށް މި އިހުސާސް"

އަހަރެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ (ޅެންފޮތް) ވީތަނެއް ނޭނގޭ ހާލު އަހަރެންގެ އިހުސާސްތައް ހުދު ކަރުދާސްގަނޑެއްގައި ހިއްސާކޮށްލީމެވެ.

ދުވަސްތައް ވޭތުވަމުން ދިޔައެވެ. އޭރު އަހަރެމެންގެ ޖީސީ ފެށެން އިނީ ބަރާބަރު ހަތަރު މަހެވެ. އެ ބޮޑު އިމްތިހާނަށް ތައްޔާރު ވުމުގައި އަހަރެމެން އަވަދި ނެތި އުޅެމުން ދިޔައީމެވެ. އެހެން ހުރިހާ ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސުކޫލު ފަރާތުން އަހަރެމެންނަށް ސްޓަޑީ ކޭމްޕެއް ބޭއްވުމަށް ނިންމިއެވެ.

އެއް ހަފްތާގެ މުއްދަތަކަށް ސްކޫލުގައި ބޭއްވި އެ ސްޓަޑީ ކޭމްޕްގައި ހަމައެކަނި ބައިވެރިވީ އަހަރެމެން ދިހައެއްގެ ކުދިންނެވެ. ދިހައެއް އޭ އަދި ބީއެވެ. އެހެން ހުރިހާ ކުދިން ޓާމުގެ މެދު ބަންދަށް ދިޔައިރު އަހަރެމެން ތިބެން ޖެހުނީ ސްކޫލުގައެވެ. 24 ގަޑިއިރު އެތާނގައެވެ. ސްޓަޑީ ކޭމްޕޭ ބުނުމުން އަހަންނަށް ސިފަވީ 24 ގަޑިއިރު ކިޔެވުން ކަމަށެވެ. ހިތާ ދެކޮޅަށް އޭގައި ބައިވެރިވީ އިތުރު އެއްވެސް ގޮތެއް ނެތީމައެވެ.

އެހެން ނަމަވެސް އެ ކޭމްޕު އަހަންނަށް ވެގެން ދިޔައީ ދިރިއުޅުމުގައި ލެއްވި އެންމެ ބޮޑު އެއް ނަސީބަށެވެ. އެ ކޭމްޕުގައި ވަރަށް މަޖަލެވެ. ތެލާ ފެނާ ހެން އެކުނުވެ ތިބި ދެ ކުލާސް އެ ކޭމްޕުގައި އެކުވިއެވެ. ސަކަރާތާ މަޖަލުގެ ތެރެއިން ފިލާވަޅުތައް ދަސްކޮށްދިނުމަށް މުދައްރިސުން ވަރަށް ބާރުއެޅިއެވެ.

ގިނަ ވަގުތު މުދައްރިސުން ބޮޑަށް އިސްކަން ދިނީ އަހަރެމެންގެ ސިކުނޑި އުފާ ކޮށްދިނުމަށެވެ.

އެރެއަކީ ސްޓަޑީ ކޭމްޕްގެ ތިންވަނަ ރެއެވެ. އެރޭގެ ކެއުން ވެސް އޮތީ ސްކޫލު ހޯލުގައެވެ. އަހަރެމެން އެންމެން ކާ ތަށި ހިފައިގެން ނިކުންނަނީ ބޭރު ގޯތި ތެރޭގައި ހުންނަ ގަސްދޮށަށެވެ. އެންމެން ސަކަރާތާއި މަޖަލުގައި ތިއްބާ އަހަރެންގެ ކައިރީގައި ޖެހިގެން ހުސްކޮށް އިން ގޮޑީގައި ލައިސަމް އައިސް އިށީނެވެ. އަހަންނަށް އެވަގުތު ވީގޮތް ބުނަންވެސް ނޭނގުނެވެ. ކާއެތިކޮޅު އަނގައަށް ލީ ނަމަވެސް ދިރުވަން ވެސް އުދަނގޫވިއެވެ.

ލައިސަމް އައިސް އަހަރެމެންގެ ސަކަރާތުގައި ބައިވެރިވިއެވެ. ލަދުން ތުރުތުރު ލާ އިން އަހަރެންގެ އަތުން ކާތަށި ދޫވެ ވެއްޓުނީ ލައިސަމްގެ ބޫޓު މައްޗަށްށެވެ.

"ސޮރީ! ސޮރީ... ގަސްތަކު ނޫން.. ސޮރީ" އަހަރެން ބިރުން ތެޅިގަތީމެވެ. އަނެއްކާ ލައިސަމްގެ އަތުގައި އިން ކާ ތަށި އަހަރެންގެ ގަޔަށް ނުޖަހައިފިއްޔާވެސް ރަގަނޅެވެ. މާޒީގެ ތަޖުރިބާއިން އެ ބިރުވެސް ހިތެތެރޭގައި އަށަގަތެވެ.

"އެ އޯކޭ ވާނެ" ލައިސަމް އަހަންނާ ދިމާއަށް ބަލާލީ ހިނިތުން ވެ ހުރެއެވެ.

ލައިސަމްގެ އަތުގައި ހުރި ތަށި ގޮޑި މަތީގައި ބެހެއްޓުމަށް ފަހު ފާހަނައާއި ދިމާއަށް ދިޔުމަށް ހިނގައިގަތެވެ.

"ޒާރާ ދޭ އެހީވާން.... ލައިސަމްގެ ފަޓުލޫނުގައިވެސް ހުސްކާއެއްޗެހި އެއޮތީ" ޔާނިޔާ ބުންޏެވެ.

އަހަރެން ތެދުވެ އެކި ދިމަދިމާއަށް ބޯ ހޫރަމުން ފާހަނަ ތަކާއި ދިމާއަށް ދިޔައީމެވެ.

ބިރުން ހުރި ނަމަވެސް އެންމެންގެ އެ ނަޒަރުތަކަށް ބިރުން އަހަންނަށް އެވަގުތު ލައިސަމްއަށް އެހީވާން ދާން މަޖުބޫރުވިއެވެ.

އަހަރެން ދިޔައި އިރު ލައިސަމް ހުރީ އަތްދޮންނަ ސަރަހައްދުގައި އަތް ދޮންނާށެވެ.

"ލައިސަމް.. ލައިސަމް ސޮރީ ވަރަށް ބޮޑަށް... އަހަރެން ތި ސާފު ކޮށްދޭނަން" އަހަރެން ލައިސަމްގެ ފަޔަށް ބަލާލަމުން ބުނީމެވެ.

ލައިސަމް ހުރީ އަހަރެން ދައްކާ ވާހަކަތަށް އަޑު ނީވޭ ކަމަށް ހެދިގެންނެވެ. ލައިސަމްއަށް އަހަރެން މީ އެތަނުގައި ހުރި މީހެކޭ ވެސް ހީނުވެއެވެ.

އަހަރެން އަތަށް ފެންފޮދެއް އެޅުމަށް ފަހު ތިރިވެ ލައިސަމްގެ ބޫޓު ފޮހުމަށް މަސައްކަތް ކުރީމެވެ.

އަހަރެން ލައިސަމްއަށް އެހީވަމުން ދަނިކޮށް ލައިސަމް އެ އެހީގެ ބަދަލު އަހަންނަށް ދިނީ ވަރަށް ރަގަނޅަށެވެ. ލައިސަމް އަހަރެންގެ ބުރުގާއަށް ފެން އެޅިއެވެ.

އަހަރެން ތެދުވެ ލައިސަމްއާއި ދިމާއަށް ބުނީމެވެ.

"ލައިސަމް! ހާދަ ގޮތެއް ނެތް މީހެކޭ ތީ...އަހަންނަށް ހީކުރެވެނީ މުޅިން ކުށްހީއެއް ދޯ؟ ތީ ހަމައަސްލަށް ވެސް އަހަރެން ހީކުރާ ކަހަލަ މީހެއް ނޫން"

ލައިސަމް އަހަންނާއި ވަރަށް ކައިރި ވެލިއެވެ. ފޫޓެއްގެ ދުރުމިންވެސް ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ.

"މީ ހަމަ ތި ހީކުރާ ކަހަލަ ނުބައި މީހެއް... އެނގިއްޖެތަ" ލައިސަމް ބުންޏެވެ.

"އާން...ތީ ހަމަ އެކަހަލަ މީހެއް... އެހެން ނޫންނަމަ ލައިސަމް ދެކެ ލޯބި ވާ މީހުންނާއި ނުވާ މީހުން ވަކި ކުރަން އެނގުނީސް.. އެހާ ރަގަނޅު މީހެއް ނަމަ ތިހެން އެކަނި ވެފައެއް ނުހުންނާނެ"

ބުނެފި ބަހެއް އަނބުރާ ނުގެނެވޭނެތާއެވެ. އަހަންނަށް ބުނަން ބޭނުން ނޫން ނަމަވެސް އެބަސް ބުނެވިއްޖެއެވެ. އެއީ އަހަރެންގެ އިހުތިޔާރުގައި ބުނެވުނު އެއްޗެއް ނޫނެވެ. ވީ ދެރައިން އަހަރެންގެ އަނގައިން ނިކުއިން އެއްޗެކެވެ.

ލައިސަމް އަހަރެންގެ އަތުގެ އޮޅަބޮއްޓާ ދިމާލުގައި ވަރަށް ބާރަށް ހިފިއެވެ. އަވަސް އަވަހަށް ނޭވާ ލަމުން ދިޔަ އިރު އަހަރެންގެ އެ ވިހަގަދަ ބަހުގެ އަސަރު ލައިސަމްއަށް ކުރި ވަރު އަހަންނަށް އިހުސާސް ވިއެވެ. ލައިސަމް ހުރީ އަހަރެން ކާލާ ހާ ވެސް ރުޅި އައިސް ކަން އަހަންނަށް ޔަގީނެވެ.

އެވަގުތު އެތަނަށް ވިޝާމް ނައި ނަމަ އެ ދުވަހަކީ އަހަރެންގެ ފަހު ދުވަހަށް ވީސްކަންނޭނގެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އަށެއް ޖެނުއަރީ، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް