2018 ގެ ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސް އެވޯޑްސްގައި، ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަގާމަށް ހޮވިފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.
"ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އަޅުގަނޑުމެންގެ އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިގޮތުން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް، މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު، ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އައިޕީއޯ އަށް ފަހުގައެވެ.
މިގޮތުން، އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ޙިއްޞާ، 8257 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ. އައިޕީއޯގައި ރާއްޖޭގެ ގިނަ ޙިއްޞާދާރުންގެ ބައިވެރިވެފައިވާއިރު،8,257 ޙިއްޞާދާރުންގެ ތެރެއިން 6،000 ޙިއްޞާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތްތައްކަމުގައިވުމީވެސް އުރީދޫ އާއި ރާއްޖޭގެ ޙިއްޞާގެ ބާޒާރަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
މި ކުރިއެރުމާއެކު، އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް