"އާނ.... ޢާއިޝާ ހޮސްޕިޓަލުގައި އޮތްއިރު ދެފަހަރަކު ދިޔައެއްނު......" ތަށިތައް ދޮންނަމުން ހުމޭދާ ބުނެލިއެވެ.
"ނޫނޭ.... ކޮންމެވެސް އެހެންތާކުން ފެނުނުހެން ހަމަހީވަނީ..... ނާޝިދުގެ ނަމަކީވެސް ޢާއިޝާއަށް ހަމަ ވަރަށް ފަރިތަ ނަމެއްހެން ހީވަނީ.... ނޭނގެ ކީއްވެ ކަމެއް....." ޢާއިޝާ ސައިބޯން އިނދެގެން ވާހަކަ ދެއްކިއެވެ.
ބާޒާރު ކުރުމަށް ދިޔުމަށްޓަކައި ހަސީނާއާއި ޚާލިދު މަޑުކޮށްލައިގެން ތިބީ ބޭރު ގޭޓު ކައިރީގައެވެ. ހަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނާޝިދު ކާރުގައި އައިސް ގޭގެ ކައިރިއަށް ހުއްޓާލިއެވެ. ކާރު ހުއްޓާލުމާއެކު ޚާލިދު އެރީ ކުރީ ސީޓަށެވެ. ފަހަތަށްއެރީ ހަސީނާއާއި ޒާހިރާ އެވެ.
"ކޮން ދިމާއަކަށް ދާންވީ...." ކާރު ދުއްވާލަމުން ނާޝިދު ސުވާލު ކުރިއެވެ.
"އާޕިކޯ ބޮޑުފިހާރައަށް ދާނީ..... އޭރުން މިއަދު ގަންނަން ބޭނުންވާ ހުރިހާ އެއްޗެއްވެސް އެ ފިހާރައިން ލިބޭނެ....." ޚާލިދު ނާޝިދަށް ބަލާލުމަށްފަހު ބުނެލިއެވެ.
"ނާޝިދުގެ ބޭގާއި އެއްޗިހި ގެއަށް ގެނެސްފިންތަ.....؟" ހަސީނާ، ނާޝިދާ ސުވާލުކުރިއެވެ.
"ހެނދުނު ގެނެސްފަ ހުންނާނީ..... ހުމޭ ދެއްކި ރޫމަށް ބޭގް ވެއްދީ....." ޚާލިދުއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
"އަހަރުމެންނަށް މާލެ ދެވޭނީ އަދި ޢާއިޝާގެ ޗެކްއަޕް ނިމުނީމަ.... ދުވަސްކޮޅެއް އަދި ނަގާނެ..... ނާޝިދު ދާންވީމަ ހަމަ ދާންވީ....." ނާޝިދު އާއި ދިމާއަށް ބަލާލުމަށްފަހު ޚާލިދު ބުނެލިއެވެ.
"ޗުއްޓީ އިތުރުކުރަން މިއަދު މެއިލްކޮށްފިން..... ޗުއްޓީ ހަމަޖެހިއްޖިއްޔާ ޚާލިދުބޭ މެންނާއެކީ މާލެދާނީ...." ޚާލިދު އާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ވާހަކަ ދެއްކިއެވެ.
"ނާޝިދު ބޭނުން ދުވަހަކު ހަމަ ހުރެވޭނެ....." ނާޝިދުގެ ކޮނޑުގައި ޖަހާލުމަށްފަހު ޚާލިދު ބުނެލިއެވެ.
"މާލެގޮއްސަވެސް ބޭނުންވަނީ ޚާލިދުބޭ މެންނާއެކީ ތިގޭގައި އުޅެން..... އަބަދުވެސް މިހާރު ހިތަށް އަރަނީ އެހެންވާނެ ބާއޭ...." ޚާލިދު އާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"ތިބުނީ ކީކޭ....؟" ހައިރާންވެފައި އިނދެ ޚާލިދު ސުވާލުކުރިއެވެ.
"މިއަދު ބުނީމެއްނު ވާހަކައެއް ބުނަންވެފައި އެބައޮތޭ.... އަސްލު ބުނަން އުޅުނީ އަބަދުގެ އަބަދަށް ޚާލިދުބޭމެންގޭގައި ނާޝިދަށް ހުރެވޭނެގޮތް ވެއްޖިއްޔާ ނާޝިދު ވަރަށް އުފާވާނެއޭ...." ޚާލިދުއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
"ނާޝިދު ބޭނުން ދުވަހަކު ހަމަ ހުންނަންވިއްޔޭ..... ގެއިން ނެރޭނެ މީހަކު ނާންނާނެޔޭ...." ނާޞިރު ސީޓުން ކުޑަކޮށް ކުރިއަށް ޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ.
"އަސްލު ނާޝިދު ބުނަން މިއުޅޭ ވާހަކައަކީ ޚާލިދުބޭ މެންގޭގެ ކުއްޖަކަށް ނާޝިދުވާން ވަރަށް ބޭނުމޭ.... އެހެން ވެދާނެހޭ...." އަނެއްކާވެސް ޚާލިދަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
ނާޝިދު އެދައްކަނީ ކޮންވާހަކައެއްކަން ޚާލިދަށް އިނގުނެވެ. އަދި އެއީ ޚާލިދުވެސް، ހަސީނާވެސް މިހާރު އެންމެ ބޭނުން އެއްކަންތަކެވެ.
"ނާޝިދު ތިބުނާ އެއްޗެއް އަދި ޚާލިދުބޭ އަކަށް ނޭނގުނު....." ޚާލިދު ގަސްދުގައި ނޭނގޭ ކަމަށް ހެދުމަށްފަހު ބުނެލިއެވެ.
"ބުނަން މިއުޅޭ ވާހަކައަކީ ނާޝިދަށް، ހުމޭ... ހުމޭ ވަރަށް ކަމުދާ ވާހަކަ، ހުމޭއާއި ކައިވެނި... ކައިވެނި ކުރަން ބޭނުންވާ ވާހަކަ، މިކަން ވެދާނެބާއޭ...." އަޅައަޅައިގަންނަމުން ނާޝިދު ވާހަކަ ދެއްކިއެވެ.
ޚާލިދުއާއި ދިމާއަށް ބަލާލުމަށްފަހު ކުރިމައްޗަށް ބަލާލި ވަގުތު ކުއްލިއަކަށް ނާޝިދުއަށް ކާރުކުރިމަތިން ފެނުނީ ބޮޑު އަނދިރިގަނޑެއް ކަހަލަ އެއްޗެކެވެ. އެވަގުތު ކާރުގެ ބުރަކި ޖެއްސުނީ ކުއްލިއަކަށެވެ.
"ކިހިނެތްވީ.....؟" ޚާލިދު ސިހިފައި ސުވާލުކޮށްލިއެވެ.
"ބުޅަލެއް ހުރަސްކުރީ..... ކިރިޔާ އޭގެ މައްޗަށް ނޭރުނީ....." ނާޝިދު ގަސްދުގައި ދޮގެއް ހަދާލިއެވެ.
ނާޝިދު، ހުމޭދާއާއި ކައިވެނިކުރަން ބޭނުންވާކަން އެނގުމުން ހަސީނާވެސް ޚާލިދުވެސް އެކަމާ ވަރަށް އުފާވިއެވެ. އެވާހަކަ ނާޝިދު ގާތުގައި ދައްކަން ރަނގަޅު ވަގުތަކަށް ބަލަބަލާ ތިއްބާ ނާޝިދު އިސްވެ އެވާހަކަ ދެއްކުމުން ހަސީނާވެސް އަދި ޚާލިދުވެސް ތިބީ އެކަމާ ވަރަށް ހިތްހަމަ ޖެހިފައެވެ.
"ޚާލިދުބެއަށްވެސް ނާޝިދުގެ މިޒާޖާއި އުޅުމާ އަޚްލާޤް ވަރަށް ކަމުދޭ.... ނާޝިދު ކަހަލަ ކުއްޖަކާ ކައިވެނިކޮށްގެން ހުމޭދާ ދިރިއުޅޭތަން ދެކެން ވަރަށް ބޭނުންވޭ..... އެކަމަކު...." ނާޝިދު އާއި ދިމާއަށް ބަލާލުމަށްފަހު ޚާލިދު ވާހަކަ ދެއްކުން ހުއްޓާލިއެވެ.
"އެކަމަކު..... ކިހިނެތްވީ.....؟" ނާޝިދު ޚާލިދުއާއި ސުވާލުކޮށްލިއެވެ.
"ތިއީ، ހަސީނާއްތަމެން ވަރަށް އެދޭ ކަމެއް..... އެކަމަކު ތިކަމާބެހޭ ގޮތުން ހުމޭދާއާއި ވާހަކަ ދައްކާލާނަން..... ވިލިނގިލީގައި އުޅުނުއިރު ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެން އުޅުނު..... އެކަމަކު އެއީ ދައްތަމެން އެހާ ޤަބޫލު ކަމެއް ނޫންވީމަ އެކަން ހުއްޓާލަން ބުނެފައި އޮންނާނީ..... އޭގެފަހުން އެކުއްޖާއާއި އެއްވެސް ގުޅުމެއް އޮންނަހެނެއް ހީއެއް ނުވޭ....." ނާޝިދުގެ އެސުވާލަށް ހަސީނާ ޖަވާބު ދިނެވެ.
"ނާޝިދަށް ހީވަނީ ހުމޭ މިކަމާ ޤަބޫލުވާނެހެން....." ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
ކާރު ގޮސްވަނީ އާޕިކޯ ބިލްޑިންގ ގެ ތިރީގައި ހަދާފައިވާ ގަރާޖު ބަޔަށެވެ.
އިރުއޮއްސެނީއެވެ. ހުމޭދާއާއި ޢާއިޝާ ތިބީ ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ވަރަށް އޮލަ ވާހަކައެއްގެ ތެރޭގައެވެ.
"އައްދެ.... ދެކުދިން ހާދަބޮޑު ވާހަކައެއްގައި.... މަންމަވެސް ބައިވެރިކޮށްބަލަ....." ހުމޭދާމެންނާ ދިމާއަށް އަންނަމުން ހަސީނާ ބުނެލިއެވެ.
"ޢާއިޝާ މާލެ ދާހިތްވާ ވާހަކަ އެދައްކަނީ..... އެކަމަކު އަދި ޗެކްއަޕްވެސް ނުނިމެއެއްނޫންހޭ މިކިޔަނީ....." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ނާޝިދު، ދަރިފުޅާ ކައިވެނިކުރަން ބޭބެ ކުރެން އަހައިފި..... ދަރިފުޅު ނާޝިދާ ކައިވެނިކޮށްފިއްޔާ ވަރަށް އުފަލުގައި ގެންގުޅޭނަމޭވެސް ބުނި..... މިކަމާ ކީކޭ ދަރިފުޅުބުނަނީ....." ހުމޭދާއާއި ދިމާއަށް ބަލަންހުރެ ހަސީނާ ބުނެލިއެވެ.
ކުއްލިއަކަށް އެވާހަކަ އަޑުއިވުމުން ހުމޭދާއަށް ދޭނެ ޖަވާބެއްވެސް ނޭގުނެވެ.
"ކުރިމަތިން މާމެލާމެލީގެ ބަގީޗާއެއް ފެންނަން އޮއްވާ އެބަގީޗާއަށް ނުވަދެ ދުރަށްދާނީ މޮޔައެއް..... ދަރިފުޅު މިކަމާ ވިސްނާލާފަ މާދަމާ ޖަވާބެއް ދެއްޗޭ....." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ހަސީނާ އެހެން ބުނުމަށްފަހު ހިނގައިގަތެވެ.
"ކިހިނެތްވީ ޖަވާބެއް ނުދިނީ.....؟" ޢާއިޝާ ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ސުވާލުކޮށްލިއެވެ.
"ކުއްލިއަކަށް އެޚަބަރު ލިބުނީމަ ދޭނެ ޖަވާބެއް ނޭނގުނީ.... ނާޝިދު އާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމަކީ އަހަރެންވެސް އެންމެއެދޭގޮތް....." ނާޝިދު ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.... މިކޮޅުގަޔޯ ކައިވެނި ކުރަން ބޭނުންވަނީވެސް....." ޢާއިޝާއާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
ޢާއިޝާ އާއި ހުމޭދާ އާއި ގޮނޑީގައި ވާހަކައި ތިއްބާ އެތަނަށްއައީ ޒާހިރާއެވެ.
"ދަރިފުޅާ ހަވީރުވެސް ބޭސްނުކައި ތިއުޅެނީ..... ތިހެން އުޅެންޏާ ކިހިނެތް އަވަހަށް ރަނގަޅުވާނީ..... އާދޭ ބޭސްކާލައިގެން އަންނަން....." ޒާހިރާ އައިސް ޢާއިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ޢާއިޝާ ދިޔުމުންވެސް ހުމޭދާ މަޑުކޮށްލިއެވެ. އިރުއޮއްސުނު އިރު އުޑުމައްޗަށް އަރާފައިވާ ތަފާތު ކުލަތަކުގެ އަސަރު އަދިވެސް އުޑުމަތިން ފެންނަން ހުއްޓެވެ. ހުމޭދާ އިނީ އުޑުމަތިން ފެންނަމުންދާ ކުލަތަކަށް ބަލަހައްޓައިގެންނެވެ. އެވަގުތު ހުމޭދާއަށް ކުއްލިއަކަށް ހީވީ ގޮނޑީގެ ދަށުން މީހަކު ވަރުގަދައަތުން ހުމޭދާގެ ފައިގައި ހިފިހެންނެވެ. ހުމޭދާއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައި ގެންފައި، ފައި ދަމައިގަނެވުނެ. ހުމޭދާގެ ހިތުގެ ވިންދު އެތައްތަނެއް އަވަސްވެގެން ދިޔައެވެ. އެއީ ހީއެއް ނޫންކަންވެސް ހުމޭދާއަށް ޔަޤީންވިއެވެ. އަދި ހުމޭދާ ހަޅޭއްލަވައިގެންފައި، ފައިދަމާގަންވަގުތު ގޮނޑީގެ ދަށުން ކޮންމެވެސް އަޑެއް އިވި ގަސްތަކުގެ ތެރެއަށް އެއްޗެއް ވިއްސައިގެން ދިޔަހެންވެސް ހީވިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 14 ޑިސެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް