ހަސީނާ ދޮރުހުޅުވާލިއިރު ދޮރުމަތީގައިހުރީ ނާޝިދެވެ.
"ނާޝިދު.... ހާދަ ހެނދުނަކާ.... ވަދޭ އެތެރެއަށް....." ނާޝިދު ފެނުމުން ހަސީނާ ބުނެލިއެވެ.
"ނާޝިދު.... އާދޭ.... އާދޭ... އިށީނދޭ.... ހާދަ ހެނދުނަކާ.... ކިހިނެތްވީ އަނެއްކާ....." ސޯފާގެ އެއްފަރާތަށް ޖެހިލަމުން ޚާލިދު ބުނެލިއެވެ.
"މާދަން މާލެއަށް ފުރަން މިއުޅެނީ.... އެހެންވީމާ ފުރުމުގެ ކުރިން ބައްދަލުކޮށްލަން މިއައީ...." ސޯފާގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.
"އޭނ..... ކީއްވެ، ކުއްލިއަކަށް ފުރަން ތިޔައުޅެނީ.... އަނެއްކާ މާބޮޑު ކަމެއް ދިމާވީތަ....؟ " ނާޝިދުއާއި ދިމާއަށް ބަލަން އިނދެ ޚާލިދު ބުނެލިއެވެ.
ނާޝިދު ފުރާ ވާހަކަ ބުނުމުން ހަސީނާ ވެސް ކާގެއިން ގޮނޑިއެއް ހިފައިގެން އައިސް ސޯފާކައިރީގައި ގޮނޑި ބަހައްޓައިގެން އިށީނެވެ.
"ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓުން ނުކުންނަން ޖެހުނީ..... އެތާނގެ ވެރިމީހާ ކުއްލިއަކަށް ތަން ބޭނުންވެގެން ރޭގަ ބުނެފި.... މިހިސާބު ކައިރިން ހޮޓަލަކުން ކޮޓަރިއެއްވެސް ލިބޭކަށްނެތް.... އެހެންވީމާ ދެން އަނބުރާ ދިޔުން ނޫން ގޮތެއްނެތީމަ ފުރާގޮތަށް ނިންމީ.... އެކަމަކު ޗުއްޓީގަ އަދި ދުވަސްކޮޅެއްވެސް އެބައޮތް....." ޚާލިދުއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"އެހެންވިއްޔާ ޗުއްޓީ ހަމަވަންދެން މިގޭގައި މަޑުކުރަންވީނު..... އަޒާން ނިޔާވުމާގުޅިގެން އަހަރުމެންވެސް ވަރަށް އެކަނި މިއުޅެނީ..... އިތުރު މީހަކު ހުރިއްޔާ ފޫހިވެސް ފިލާނެއެއްނު....." ނާޝިދު އާއި ދިމާއަށް ބަލާލަމުން ނާޞިރު ބުނެލިއެވެ.
"ތިއީވެސް ގޮތެއް..... ބޭބެމެން ތިގޮތަށް އެދެންޏާ ޗުއްޓީ ހަމަވަންދެން މިގޭގައި މަޑުކުރާނީ...... އެކަމަކު ނާޝިދު އެބައޮތް ޚާލިދުބޭމެން ކައިރީ ކަމަކު ކިޔަންވެފައި.... އަބަދުވެސް ބުނަމެއްނު ކޮންމެސް ކަމަކު ކިޔާބަލާށޭ.... އެހެންވީމާ މިފަހަރު ވަރަށްބޮޑު ކަމަކު ކިޔަން މިއުޅެނީ....." ޚާލިދުއާއި ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"ތިއީ އެއްވެސް ކަމެއްނޫން..... އަވަހަށް ކަމަކު ކިޔާބަލަ.....! އަހަރުމެންނަށް ވާވަރުގެ ކަމެއްވިއްޔާ ހިތުން ރުހުމުން ކޮށްދޭނަން....." ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ޚާލިދު ބުނެލިއެވެ.
އެވަގުތު، ސިޑިން ފައިބައިގެން ހުމޭދާ އަންނަތަން ފެނުމާއެކު ނާޝިދު ބުނަން އުޅުނު ޖުމްލަ ހުއްޓާލިއެވެ.
"ދަރިފުޅާ.... މީނީ ނާޝިދު.... ނާޝިދު ފުރަންވަންދެން މިގޭގައި މަޑުކުރާނީ....." ހުމޭދާ ސިޑިން ފައިބައިގެން އަންނަތަން ފެނުމާއެކު ހަސީނާ ބުނެލިއެވެ.
ހުމޭދާއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. މިހާ ހެނދު ނާޝިދު އެގެއަށް އެއައީ ކީއްކުރަން ހެއްޔެވެ. އަދި އެގޭގައި ހުންނަ ގޮތަށް ހަމަޖެހިގެން އެދިޔައީ ކީއްވެހެއްޔެވެ. އެކަހަލަ ވާހަކައެއް ނާޝިދު ކުރިން ބުނެފައެއްވެސް ނުވެއެވެ.
"ދަރިފުޅުދޭ ސައިބޯން.... ނާޝިދުއަށްވެސް ސައިތައްޓެއް ހަދައްޗޭ....." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ހަސީނާ ބުނެލިއެވެ.
"ނާޝިދުދޭ ސައިބޯން.... ސައިބޮއިގެން ގޮސް އެއްޗެހި ހިފައިގެން މިގެއަށް އާދޭ..... މިއަދު ހަވީރު އެބަޖެހޭ ބައެއް އެއްޗެހި ގަނެލަން ދާންވެސް....." ނާޝިދުގެ ބުރަކަށީގައި އަތް ޖައްސާލަމުން ޚާލިދު ބުނެލިއެވެ.
ހުމޭދާ ދިޔައީ ބަދިގެއަށް ސައި ހަދާށެވެ. ހަސީނާއާއި ޚާލިދާ ނާޞިރު އާއި ޒާހިރާ މައްޗަށް ދިޔުމުން ނާޝިދު ސޯފާއިން ތެދުވެގެން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ނާޝިދުގޮސް ހުމޭދާގެ ފަހަތުން ހުމޭދާ ގައިގައި ބައްދާލިއެވެ.
"ނާޝިދު..... މީހަކަށް ފެނިދާނެ..... އެހެން ނޫނަސް ކިހިނެތް ތިހެދީ..... ކުއްލިއަކަށް މިގެއަށް ތި ބަދަލުވަނީ....." ހުމޭދާ ފަހަތަށް އެނބުރެމުން ވާހަކަ ދެއްކިއެވެ.
"ހެނދުނު ހޭލިތަނާ އެޕާޓްމަންޓް ބޮޑުމީހާ ބުނެފި އެޕާޓްމަންޓް ހުސްކޮށްދޭން ޖެހިއްޖެއޭ..... ދެން ޗޭންޖުވާން ވެގެން މިހިސާބުން ހޮޓަލެއް ލިބޭތޯ އުޅެއުޅެ ނުލިބުނު..... ހުރިހާ ހޮޓާތަކެއް ފުލްވެފައި.... ދެން މާލެ ދިޔުން ނޫން އިތުރު ގޮތެއް ނެތިގެން ހުމޭ ކައިރީގައި އެވާހަކަ ބުނަންވެގެން މިގެއަށްއައީ.... އައިތަނާ ދިމާވީ ބޭބެމެންނާ..... ދެން ބޭބެމެން ކައިރީގައި އެވާހަކަ ބުނީމާ ބުނެފި މިގޭގައި މަޑުކުރާށޯ..... އެވީގޮތް މާސަޅިއެއްނު ދޯ....." ހުމޭދާގެ ކޮލުގައި ޖަހާލަމުން ނާޝިދު ބުނެލިއެވެ.
"އާނ.... އަޒާން ވަކިވެގެން ދިޔުމުން އަދިވެސް މިގޭތެރެއިން ފަޅުކަން ފެންނަނީ..... ޒާހިރާއްތަމެން އަދިވެސް އެތިބެނީ ވަރަށް ދެރަވެފައި..... ނާޝިދު ހުރިއްޔާ އެންމެންވެސް ތަންކޮޅެއް ފޫހިފިލާނެ....." ސައިތަށި މޭޒުމަތީގައި ބަހައްޓަމުން ހުމޭދާ ބުނެލިއެވެ.
"ތިޔެއްނޫނޭ..... އަޒާންއާ ބެހޭގޮތުން ކުރީ ދުވަހު ނޫހުގައި ލިޔެފައޮތް ޚަބަރައް ދުށިންތަ....؟ މޭޒު ކައިރީގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.
"ކޮން ޚަބަރެއް އަނެއްކާ.... ނުދެކެން...." ހުމޭދާވެސް ސައިތަށި ހިފައިގެން މޭޒު ކައިރީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ވަރަށް ފޭކް ވާހަކައެއް ލިޔެފައި އޮތީ..... ނާޝިދު ވަޅުލަންވެގެން ގެންދިޔަ ސައްދޯކުގެ މަތިގަނޑު ވިއްސައިގެންދިޔައީއޯ..... އޭރު އޭގެއެތެރެއަކު ނެތޯ ގަބުރެއް ވެސް..... އެކަމަކު ސަންދޯން އާދަޔާ ޚިލާފަށް ބަރޯ....."
ހުމޭދާގެ މޫނަށް ބަލަހައްޓައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"މަތިގަނޑު ވިއްސައިގެން ދިޔައްޔޭ......؟ ނޫސް ވިއްކަންވެގެން ޖަހާފާނެ ކޮންމެފަދަ އެއްޗެއްވެސް.... މާލޭގައި މިނުކުންނަ ނޫސްތަކަކޭ މިކޮޅުގައި މި ނުކުންނަ ނޫސްތަކެކޭ އެއްވެސް ތަފާތެއް ނެތެއްނު..... މީހަކަށް ޤަބޫލު ކުރެވޭ ކަހަލަ ވާހަކައެއް ލިޔާނަމަވެސް ރަނގަޅު..... ނާޝިދު ތިއީ ސަންދޯއް ގެންދިޔައިރު ދިޔަ މީހެއް..... އެކަހަލަ ކަމެއް ވެއްޖިއްޔާ ނާޝިދަށްވެސް އެނގޭނެއެއްނު....." ސައިތަށި ތުނބުގައި ޖަހަމުން ހުމޭދާ ބުނެލިއެވެ.
"އެދުވަހު މަންމަ ގުޅާފަ އެއްޗިހިތަކެއްގަނެ މާލެ ފޮނުވަން މީހަކާ ހަވާލުކުރާށޭ ބުނީމަ ނާޝިދު ދިޔައީ..... ސަންދޯއް ގެންދިޔައިރު ނާޝިދު ނުދަމޭ....." ނާޝިދު ވާހަކަ ދެއްކީ ހުމޭދާގެ މޫނަށް ބަލަން އިނދެއެވެ.
"ހުސް ފޭކް ޚަބަރުތައް..... މާލޭގައިވެސް ތަންކޮޅެއް ކުރިން ކޮންމެވެސް ރަށެއްގަ މާ މޮޅަށް ބޭސްހަދާ ކުޑަކުއްޖެއް އުޅޭ ވާހަކައެއް ނޫސްތަކުގައި ޖެހިއެއްނު..... އޭނަ ދޭ ބޭހެއް ކާއިރަށް ކޮންމެ ބައްޔެއް ވިޔަސް ރަނގަޅުވެޔޯ..... އެކަމަކު މިހާރު ކޮބާ އެ ކަންތައް.....؟ އަދި މާލޭގައި އެއްދުވަސްކޮޅެއްގައި ތާޖުއްދީން ސްކޫލާއި ދިމާއަށް އެރި ވައިރޯޅިއަކުން އެހިސާބު މަގުމަތީގައި ހުރި ފަތްތަކުން ކަލިމައެއް އެޅުނު ވާހަކަވެސް ނޫހުގައި އޮތް..... ކަމެއް ވާއިރަށް މީހުން އެ ކަން މާބޮޑުކޮށްލައިގެން ހަދަހަދައިގެން ވާހަކަ ދައްކަނީ..... " ހުމޭދާ ރޮށިކޮޅެއް ކަމުން ވަރަށް ސީރިއަސް ވެފައި އިނދެ ވާހަކަ ދެއްކިއެވެ.
ހުމޭދާގެ މޫނަށް އައި ބަދަލު ފެނިފައި، ނާޝިދަށް ދެއްކުނީ ރަނގަޅު ވާހަކައެއް ނޫންކަން ވިސްނުނެވެ. ނާޝިދު އެވާހަކަ އެގޮތަށް ދެއްކީ ސަމާސާކޮށްލުމުގެ ނިޔަތުގައެވެ.
"އެއީ ނާޝިދު މަޖަލަކަށް ބުނި ވާހަކައެއް އިނގޭ....." ހުމޭދާގެ އަތުގައި ހިފަހައްޓާލަމުން ނާޝިދު ބުނެލިއެވެ.
"މަޖަލަށްވެސް މީހުން ދައްކާކަހަލަ ވާހަކައެއް ނޫނޭތިއީ...." ހުމޭދާ ޖޯޑު ހިފައިގެން ތެދުވަމުން ބުނެލިއެވެ.
"އޯކޭ... އޯކޭ.... ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން..... މިދަނީ ބޭގް ބަލާއިނގޭ..... ނާޝިދު ތެދުވަމުން ބުނެލިއެވެ.
ނާޝިދު ތެދުވެގެން ހިނގައިގަތްވަގުތު ޢާއިޝާ ބަދިގެއަށް އައިސްވަންނަނީއެވެ.
"ޢާއިޝާ ކޮބާ މިހާރު ކިހިނެތް.....؟" ޢާއިޝާ ފެނުމުން އާއިޝާއަށް ބަލާލުމަށްފަހު ނާޝިދު ސުވާލުކޮށްލިއެވެ.
ނާޝިދުގެ ސުވާލަށް ޢާއިޝާ ޖަވާބު ދިނުމުގެ ބަދަލުގައި ކުޑަކޮށް ހިނިތުންވެލުމަށްފަހު ވަނީބަދިގެއަށެވެ.
"ކޮންމެސް ތާކުން އާއިޝާއަށް ކުރިން ނާޝިދު ފެނުނު ހަނދާންވޭ..... އެކަމަކު އެއީ ކޮންތާކުން ކިހިނެތް ކަމެއް ހަމަ ހަނދާންނެތިގެން މިއުޅެނީ...." ހުމޭދާ ގާތަށްގޮސް ހުއްޓިލަމުން ޢާއިޝާ ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 ޑިސެމްބަރު އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް