ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީގެ މައްޗަށް ހޯދި ހަނިމޮޅާއެކު ލިވަޕޫލް ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭ ގްރޫޕް ސީ ގައި ކުޅުނު ފަހު މެޗުތަކުގެ ކުރިން އެ ގްރޫޕުން އެއްވެސް ޓީމަކަށް ދެ ވަނަ ބުރު ކަށަވަރު ކުރެވިފައި ނެތެވެ. އަނެއްކޮޅުން މެޗަށް ނުކުތްއިރު ތިން ވަނައިގައި އޮތް ލިވަޕޫލްއަށް މޮޅެއް އޮތީ މަޖުބޫރުވެފައެވެ.
ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު މޮޅު ކޮށްދިން ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު ސަލާހްއެވެ. މިލްނާ ދިން ބޯޅަ ހިފައިގެން އަރާ ސަލާހް ގޯލު ޖެހީ ނަޕޯލީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައިރު އެކަން ކާމިޔާބެއް ނުވިއެވެ. އަނެއްކޮޅުން ނަޕޯލީން ވަނީ މެޗުގެ ފަހު ވަގުތު ވަރަށް ބޮޑަށް ކުރިއަށް ޖެހި ލިވަޕޫލް ޑިފެންސަށް ބާރުބޮޑު ކޮށްލާފައެވެ. އެހެނަސް އެންމެ ފަހު ވަގުތު ނަޕޯލީން އުފެއްދި ނުރައްކާތެރި ހަމަލާ ވެސް ލިވަޕޫލްގެ ގޯލްކީޕަރ އެލިސަން ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
މި ގްރޫޕްގައި ރޭ ޕީއެސްޖީ ވަނީ 4-1 ން ރެޑްސްޓަރ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ކަށަވަރު ކޮށްފައެވެ. ރޭގެ މެޗުގައި ޕީއެސްޖީން މޮޅަށް ކުޅުނުއިރު އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ކަވާނީ، ނޭމާ، މާކުއެނޯސް އަދި އެމްބާޕޭއެވެ. ރެޑްސްޓަރ ގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ގޮބެލްޖިކް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް