ޑެންގޫ ހުމާއި ބޭރަށް ހިންގުން ފެތުރޭ މިންވަރު މި ދުވަސްވަރު މާ ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާގޮތުގައި ފާއިތުވި ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމުގެ 1666 އެ އެޖެންސީ އަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސެންޓު އިތުރު އަދަދެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެނީ ކާބޯތަކެތީގެ ޒަރިއްޔާއިންނާއި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށާއި ބަލިން ރައްކާތެރިވުމަށް ރައްކާތެރި ބޯފެން ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ޑެންގޫ ހުމުގެ 186 ކޭސް މިދިޔަ ދެ ހަފްތާ ތެރޭ އެޗްޕީއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހަ ގުނަ އިތުރު އަދަދެއް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ. އެ އެޖެންސީ އިން ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި އާލާވާތަންތަން ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:-
- ގޭތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ކުނީގެ ސާމާނުތައް ނައްތާލުން
- މަގުމައްޗާއި ވައިގޮޅިއާއި ގޯތިތެރެއަށް ކުނި ނޭޅުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ޓުކުރި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން
- މަދިރިން ނިވާވާ ގޮތަށް ހަށިގަނޑު ނިވާކޮށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން
- އިރުއަރާ ވަގުތާއި އަދި އިރުއޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް