ބޮލީވުޑްގެ ކިންގް ޝާރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ކިޔެވުމަށް ފަހު ކުރިޔަށް ދާން ބޭނުންވާ ދާއިރާ އާއި ގުޅޭގޮތުން މީގެ ކުރިން މާބޮޑު އެއްޗެއް ހާމަވެފައެއް ނުވެ އެވެ.
ޝާރުކް ހާން ބުނެފައިވަނީ އޭނާ ކުރިޔަަށްދާން ބޭނުން ކޮންމެ ދާއިރާ އަކުން ދިއުމުގެ ފުރުސަު އެބައޮތް ކަމަށެވެ. އެކަމަކު މިދިޔަ އޯގަސްޓްމަހު ސުހަނާ ފެޝަން މެގަޒިން އަކަށް ވަނީ އޭނާ ކުރިޔަށްދާން ބޭނުންވާ ދާއިރާ އައި ބެހޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައި އެވެ.
އެ އިންޓަވިއުގައި ސުހާނާ ބުނެފައިވަނީ އެންމެ ކުޑައިރުން ފެށިގެން ވާން ބޭނުންވަނީ އެކްޓްރެސްއަކަށް ކަމަށާއި އެކަމަކު އެއީ ސީރިއަސްކޮށް ދައްކަމުން ދިޔަ ވާހަކަތަކެއް ކަމަށް ބައްޕަ އާއި މަންމައަށް ގަބޫލު ކުރެވުނީ ސްކޫލްގެ ޑްރާމާއެއްގައި ބައިވެރިވެ ދެއްކި އެކްޓިން އިން ކަމަށެވެ.
ސުހާނާ ކިޔަވަމުންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. އޭގެ ފަހުން އެންމެންވެސް ހީކޮށްގެންތިބީ އޭނާ ފިލްމީ ދުނިޔެއަށް ނުކުންނާނީ ތައުލީމީ ހަޔާތް ފުރިހަމަކޮށްފައި ކަމަށެވެ. އެކަމަކު ކުއްލިއަކަށް އިންޓަނެޓްގައި ދަނީ ފޮޓޯތަކެއް ދައުރުވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުހާނާ މިހާރު ދަނީ ކުރު ފިލްމެއް ކުޅެމުންނެވެ.
އެކަމަކު ބެލެވޭ ގޮތުގައި އެ ފިލްމަކީ ހިންދީ ފިލްމެއް ނޫނެވެ. މި ފިލްމަކީ އޭނާ ކޮލެޖު ޕްރޮޖެކްޓެއްކަމަށް ވެ އެވެ. މި މަސައްކަތް ބަލާލުމަށް ޝާރުކް ވަނީ ލަންޑަނަށް ގޮސްފައި އެވެ. އަދި އޭނާ ވަނީ ސުހާނާ އާއި ޓީމްގެ މަސައްކަތަށް ތައުރީފު ކޮށްފައި އެވެ.
އެ ކުރު ފިލްމަކީ ކޮލެޖުގެ ޕްރޮޖެކްޓެއް ކަމަށް ވިޔަސް ޓިކެޓު ވިއްކައިގެން ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މިއީ ޝާރުކް ގެ ދަރިފުޅުގެ ފުރަތަމަ ފިލްމު ކަމުން އިނގިރޭސިވިލާތުގައިވެސް މި ފިލްމު ބަލަންދާނެ ވަރަށް ގިނަ މީހުން ވާނެ ކަމަށް ބެލެވެ އެވެ.
އެހެންކަމުން މިއީ ސުހާނާގެ ފުރަތަމަ ފިލްމަށް ވެގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް