ބަލިވެ އިނުމަށް ފަހު ބައި ގެންދިއުމަކީ އަންހެނުންނަށް ބޮޑު ވޭނަކާއި ކުރިމަތިވެ، ސިއްހީ ގޮތުން ބައެއް މައްސަލަތައް ދިމާވާ ދުވަސްކޮޅެކެވެ. އެކަމުން އަރައިގެންނަންވެސް ބައެއް އަންހެނުންނަށް އެތައް ދުވަހެއް ނަގައެވެ.
އަދި ދަރިފުޅު ގެއްލިގެން ދިއުމަކީ ސިކުނޑިއާއި ހަށިގަނޑަށް އެކަމަކު އަސަރު އިންތިހާއަށް ކުރާ ކަމެކެވެ. އެކަންކަމުން އަރައިގަތުމަށް ތިރީގައި އެވާ ކަންކަމަކީ ބައިގެންދާ ދުވަސްކޮޅު ސަމާލުކަން ދޭންވީ ކަންކަމެވެ.
ބައިގެންދިއުމުން ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވާއިރު ސާފުތާހިރު ކަމަކީ ވަރަށް މުހިންމު ކަމެކެވެ. އަބަދުވެސް ކުރިމަތި ފަރާތް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެހެން ނޫންނަމަ ޖަރާސީމުގެ އަސަރު ކޮށްފި ނަމަ ރަހިމަށް ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެހެންވެ ޑޮކްޓަރުން ލަފާދެނީ ސާފުތާހިރުކޮށް ހުރުމުގެ އިތުރުން ދުވާލަކު މަދުވެގެން ދެ ފަހަރު ފެންވެރުމަށެވެ.
ބައިގެންދާތާ ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް މަޑު ނުކޮށް އަނބިފިރި ކަމުގެ ގުޅުން ހިންގުން މާ ރަނގަޅެއް ނޫނެވެ. އެއީ ހަށިގަނޑުގައި އުފެދޭ ފާރުތައް ފަސޭހަވުމަށް ވަގުތުކޮޅެއް ބޭނުންވާނެތީ އެވެ. އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާގެ މަތިން ކުރިޔަށް ދިއުމެވެ.
ގިނައިން ދިޔާ އެއްޗެހި ބޯން އާދަ ކުރާށެވެ. އޭރުން ހަށިގަނޑު ތާޒާ ކަންމަތީ ދެމި ހުރުމަށް އެހީވެދޭނެ އެވެ. ފެނުގެ އިތުރުން ތަފާތު ވައްތަރުގެ ޖޫހާއި ކުރުނބާ އަދި ސައި ބުއިން ރަނގަޅެވެ.
ބައި ގެންދިއުމަކީ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވާ ކަމެކެވެ. އެހެންވެ ކެއުމުގައި ދަގަނޑުގެ ބައިތައް އެކުލެވޭ ކާއެއްޗިއްސާއި ތަރުކާރީ އާއި ފަތުގެ ބާވަތްތަކުގެ އިތުރުން ބަރަބޯ އޮށް ފަދަ އެއްޗެހި ކެއުން އިތުރު ކުރާށެވެ. ކެލްސިއަމް ގިނައިން ހުންނަ ކާއެއްޗެހި ކެއުމަށް އާދަ ކުރާށެވެ. އޭގެ ތެރޭގައި މަސް ހިމެނޭނެ އެވެ.
ކޮންމެ ދެމަފިރިއަކުވެސް ބައި ގެންދިއުމުން އެކަމަކުން އަރައި ގަތުމަށް ފަހު އަނެއްކާވެސް ދަރިއަކު ބޭނުންވާނެ އެވެ. ފޯލިކް އެސިޑަކީ އެކަމަށް އެންމެ ބޮޑަށް އެހީވެދޭނެ އެއް ބޭހެވެ. އޭގެ އިތުރުން ލޭޑީ ފިންގާ، ލެޓިއުސް، ކޮޕީ ފަތް ކަހަލަ އެއްޗެހި ކާން އާދަ ކުރާށެވެ. ވިޓަމިން ސީ ގިނައިން އެކުލެވޭ މޭވާވެސް ކެއުން އިތުރު ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ފޭރު، ލުނބޯ، އަދި ހުތް ގަދަ މޭވާ ކެއުން ރަނގަޅެވެ.
ބައި ގެންދާ ދުވަސްވަރު ކެއުން ރަނގަޅު ނޫން ކާއެއްޗެހީގެ ތެރޭގައި ފައިބަރު އެކުލެވޭ ކާނާ އާއި ހަކުރު އަދި ތަފާތު ވައްތަރުގެ ތައްޔާރީ ކާނާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް