ލ ކުނަހަންދޫ ދެ ކައުންސިލަރަކު އިއްޔެ ބަނދަރުގައިތިބެ، ތިޔައީ މަނާ ކަމެކޭ ގޮވަ ގޮވާ ތިއްބައި އެރަށު މަސްދޯންޏެއްގެ ފަޅުވެރިން ބަނދަރުން އެން ދަމައިގެން މަހަށް ގޮސްފި އެވެ.
ދުވަހަށް މި މައުލޫމާތު ލިބުނީ ކިޔުންތެރިޔަކު ހިއްސާކުރި ވީޑިއޯއަކުންނެވެ.
އެ ވީޑިއޯއިން ފެންނަނީ ދޯންޏެއްގެ ފަޅުވެރިން ފޯރިއާއެކު ބަނދަރުން އެންދަމާ މަންޒަރެވެ. ކައުންސިލަރަކު އޮފިޝަލް ހެދުމުގައި ހުރި މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ. ދުވަހަށް އެނގިފައިވާގޮތުގައި އެއީ ކައުންސިލް މެމްބަރު ސޮބްރީ އަބްދުﷲ އެވެ.
އެ ވީޑިއޯގެ ކޮމެންޓްތަކަށް ބަލައިލާއިރު އެއް ބަޔަކު ބުނެފައިވަނީ އެއީ މަނާ ކަމެއް ކަމަށެވެ. އަނެއް ބަޔަކު އެއީ މަނާކަމެއް ނޫން ކަމަށް ބުނެފައިވާއިރު ރަސްމީ ބަހެއް ހޯދާލެވޭތޯ މަސައްކަތް ކޮށްލީމެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ގާނޫނުން މަނާކުރަނީ ފަޅުތެރެއިން މުށި މަސް ހިފުން ކަމަށެވެ. އެހެންނަމަވެސް ފަޅުތެރެއިންނާއި ބަނދަރުތެރެއިން މަސް ހިފުމާއި އެންދެމުން، ކައުންސިލަށް މަނާ ކުރެވިދާނެ ކަމަށެވެ.
ގެޒެޓަށް ބަލާލާއިރު ބައެއް ރަށްރަށު ކައުންސިލުން އެކަން މަނާކޮށް އިއުލާނު ގެޒެޓް ކޮށްފައި ހުއްޓާވެސް ފެނުނެވެ.
މިކަމުގައި ރަށު ކައުންސިލްގެ ބަހެއް ހޯދާލުމަށް އެރަށު ކައުންސިލް މެމްބަރު ސޮބްރީ އަބްދުﷲ އަށް ގުޅާލުމުން، އޭނާ ވިދާޅުވީ އެކަމަކީ ކައުންސިލުން މަނާކޮށްފައިވާކަމެއް ކަމަށާއި އެކަން މަނާކޮށް ގެޒެޓުވެސް ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ތިއީ މަނާ ކަމެކޭ، އެންކޮޅު ދަމާލައިގެން ދަމުން ފަޅުވެރިން ބުނި، ރަށަށް އައިމަ އޮފީހަށް ގެންދިޔަސް OK އޭ" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު އިތުރަށް ވިދާޅުވީ އެކަން ޕޮލިހަށް ރިޕޯޓް ކުރުމުންވެސް ލިބުނީ ވަރަށް ފިނި ޖަވާބެއް ކަމަށެވެ. އަދި އެ މައްސަލަ ބަލާކަން ނުވަތަ ނޫންކަންވެސް ފުލުހުން ބުނެފައި ނުވާކަމަށެވެ.
"އެބޭފުޅުން ވިދާޅުވީ، މަނާކަމެއްކަން ދޯނީގެ މީހުންނަށްވެސް އެނގޭނެ ނޫންހޭ، އެ ނިމުނީ ފުލުހުންގެ ބަސް" ކައުންސިލަރު ވިދާޅުވި އެވެ. މި މައްސަލަމިއަދު ރަސްމީކޮށް ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާނޭ ކަމުގައިވެސް ކައުންސިލް މެމްބަރު ވިދާޅުވި އެެވެ.
ކައުންސިލަރު އެހެން ވިދާޅުވި ނަމަވެސް މިކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް