ރާއްޖެއިން ފެނުނު ލަންކާގެ މަސްބޯޓު އުލިގަމަށް ގެންގޮސްފި

ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެއިން ފެނުނު ސްރީލަންކާގެ މަސް ބޯޓު ހއ އުލިގަމު ބަނދަރަށް ގެންގޮސްފި އެވެ. އިއްޔެގެ ވަގުތެއްގައި މި ބޯޓު ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑަށެވެ. މިކަމުގެ އަޕްޑޭޓް މިއަދު މ...

12 Dec 2017 | 04:40

ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެއިން ފެނުނު ސްރީލަންކާގެ މަސް ބޯޓު ހއ އުލިގަމު ބަނދަރަށް ގެންގޮސްފި އެވެ.

އިއްޔެގެ ވަގުތެއްގައި މި ބޯޓު ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑަށެވެ.

މިކަމުގެ އަޕްޑޭޓް މިއަދު މީޑިއާތަކަށް ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަމް އާޒިމް އިބްރާހިމް ވިދާޅުވީ އެ ބޯޓު އުލިގަމު ބަނދަރަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:15ގައި ކަމަށެވެ.

"އެ ބޯޓުގެ އިންޖީނު ވަނީ ފެއިލްވެފައި، އެހެންކަމުން ލަންކާއިން އިތުރު ބޯޓެއް އެބަ ފޮނުވާ އެ ބޯޓު ބަލާ، އުލިގަމަށް ބޯޓު ގެންދިޔައީ ކޯސްޓްގާޑުން" އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން އިއްޔެ ހާމަކޮށްފައިވާގޮތުގައި ސްރީލަންކާގެ މި މަސް ބޯޓު ފެނިފައިވަނީ ހއ.ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުން، ތޫފާން "އޯރޗީ" ގައި ހާލުގައި ޖެހުނު މަސްބޯޓުތައް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށެވެ.

އިއްޔެ ހަވީރު 15:30 ހާއިރު ފެނުނު "ރަޝަނީ ޑުވާއު" ނަމަކަށްކިޔާ ސްރީލަންކާގެ މި މަސް ބޯޓުގައި ހަތް މީހުން ތިއްބެވެ. މި ހަތް މީހުންގެ ހާލު ރަނގަޅު އިރު އެ ބޯޓުގައި ބޯފެނެއް ނެތުމުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއިން ވަނީ އެ ބޯޓަށް ފެން ލިބޭނެގޮތް ހަމަޖައްސައިދީ އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގައި އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފައި އެވެ.

މި ބޯޓަކީ ތޫފާން "އޯރޗީ" ގައި ސްރީލަންކާއި ގެއްލިގެން ހޯދަމުންދާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެއް ކަމުގައިވެސް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް