މަތީގައި އެވާ ޗާޓަށް ބައްލަވާލައްވާށެވެ. އެއީ ހަނދާން ނެތޭ ބަލި ނުވަތަ އިނގިރޭސި ބަހުން ނަމަ އަލްޒައިމާ (Alzheimer) ބަލި ކުރިއަށް އޮތް އަހަރުތަކަށް ބަލާއިރު އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރާ ޗާޓެކެވެ. ޗާޓުގެ މަސްދަރަކީ 2015 ވަނަ އަހަރު އާންމުކޮށްފައިވާ ދުނިޔޭގެ އަލްޒައިމާ ރިޕޯޓް އެވެ.
ހަނދާން ނެތޭ ބައްޔަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި އިތުރު ވަމުން އަންނަ ބައްޔެއް ކަމުގައިވާއިރު މި ލިޔުމުގައި ބަލައިލާނީ ހަނދާން ނެތޭ ބަލިން ރައްކާތެރި ވުމަށް ނުވަތަ ހަނދާން ވަރުގަދަ ކުރުމަށް ކުރެވިދާނެ 10 ކަމަކަށެވެ.
1 - ގިނައިން މަސް ކެއުން
ދިރާސާތަކުން ދައްކާގޮތުގައި ގިނައިން މަސް ކާނަމަ، އަދި އެ މަހަކީ ގިނަ އަދަދަކަށް އޭގައި ފެޓްސް އެކުލެވޭ މަސް ނަމަ ހަނދާން ވަރުގަދަ ކޮށްދެ އެވެ.
ދިވެހިން އާންމުކޮށް ކައި އުޅޭ ކަނޑުމަހަކީ އޭގެ 100 ގްރާމްގައި 1.3 ގްރާމް ފެޓްސް އެކުލެވޭ މަހެކެވެ. އަދި ހިބަރު މަހުގެ 100 ގްރާމްގައި 8 ގްރާމް ފެޓްސް އެކުލެވިގެންވާއިރު މުށި މަހުގެ 100 ގްރާމްގައި 25 ގްރާމް ފެޓްސް އެކުލެވޭ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރގެ މިންގަނޑުތަކުން ދައްކަ އެވެ.
2 - ސިކުނޑީގެ ކަސްރަތުތައް
އަހަރެމެންގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތު ބޭނުންވާ އުސޫލުން ސިކުނޑިއަށްވެސް ކަސްރަތު ބޭނުންވެ އެވެ. އެގޮތުން ސިކުނޑިއަށް ކަސްރަތު ދެވިދާނެ ބައެއް ކަންކަމަށް ބަލައިލަމާތޯ އެވެ. އެގޮތުން:-
- އައު ބަހެއް ދަސްކުރުން
- މިއުޒިކަލް އިންސްޓްރުމެންޓެއް ދަސްކުރުން
- ގިނައިން ފޮތް ކިޔުން ނުވަތަ މައުލޫމާތު މުއްސަނދި ކުރުން
- އާއިލާގެ މެމްބަރުން ނުވަތަ ދަރިންނާއެކު ތަފާތު އެކި ކުޅިވަރު ކުޅުން
- ކްރޮސް ވޯޑްސް ނުވަތަ ޕަޒްލް ގޭމްސް ފަދަ ގޭމްތައް ކުޅުން
- އޮންލައިން ކޮށް ކުޅެވޭ މެމޮރީ ގޭމްސް ކުޅުން
3- މެޑިޓޭޓް ކުރުން
ހާވާޑް މެޑިކަލް ސްކޫލުގެ ނިއުރޯ ސައިންޓިސްޓުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މެޑިޑޭޓް ކުރުމަކީ ހަނދާން ވަރުގަދަ ކޮށްދިނުމާއި ގުޅިފައިވާ ކަމެކެވެ. އެގޮތުން ދުވާލަކު އެންމެ 30 މިނެޓް މެޑިޓޭޓް ކޮށްލާނަމަ، ހަމަ ޖެހިލައިގެން ތަނެއްގައި އިށީނދެލާ ފުންކޮށް ނޭވާލާ ހަދާލާނަމަ ސިކުނޑީގެ ހަނދާނުގެ ބައި ރަނގަޅު ކޮށްދޭ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
4- ނޯޓް ފޮތެއް ގެންގުޅުން
މިކަމަކީ "އޮޑް" ކަމެއްގެ ގޮތުގައި ހީވެދާނެ އެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ނޯޓް ފޮތެއް ގެންގުޅުމަކީ އަދި އެ ނޯޓް ފޮތުގައި ކަންކަން ނޯޓްކޮށް ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ނަމަވެސް އެ ނޯޓް ފޮތް މުރާޖާ ކޮށްލާނަމަ ހަނދާން ގަދަކޮށްދިނުމުގައި އެހީއަކަށް ވެ އެވެ.
5- ބްލޫބެރީސް
ބްލޫބެރީއަކީ އޭގައި ގުދުރަތީ އެންޓި އޮކްސައިޑްސް ގިނަ އަދަދަކަށް އެކުލެވޭ މޭވާ އެކެވެ. ބްލޫބެރީ ނުވަތަ ބްލޫބެރީ ޖޫހަކީ ސިކުނޑީގެ ހަނދާން ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ މޭވާ އެކެވެ. ނުވަތަ ބުއިމެކެވެ.
6- ރަނގަޅަށް ނިދުން
ނިންޖަކީ އިންސާނާގެ ސިއްހަތާއި އިންސާނާގެ ސިކުނޑިއާއި އަދި ސިކުނޑީގެ މެމޮރީ ޕަވަރ އާއި ގުޅިފައިވާކަމެކެވެ. އެގޮތުން ބަރާބަރަށް ނިދި ނުލިބޭނަމަ މެމޮރީ ޕަވަރ ދަށްވެ ހަނދާން ނެތުމުގެ ބައި ބޮޑުވާ ގޮތްވެ އެވެ.
7- ރޭގަނޑު ލަހުން ނުކެއުން
ރަހުމަތްތެރިންނާއެކު މެޗެއް ބަލައިލަން، ނުވަތަ ފޯނާކުޅެން ނުނިދާ ގިނަ ވަގުތު އޮތުމަށްފަހު އެއްޗެއް ކާލުމަކީ ގިނަ ފަހަރަށް ކޮށްލެވޭ ކަމެކެވެ. ނަމަވެސް މި އާދައިގެ ސަބަބުން ތިބާގެ ހަނދާން ބަލިވާގޮތް ވާކަމަށް ވެ އެވެ.
8- ކަސްރަތާ ދުރުނުވުން
ކަސްރަތުން ނަފާ ލިބެނީ ހަމަ އެކަނި ހަށިގަނޑަކަށް ނޫނެވެ. އެކަމުން އެހީވެދެނީ ހަމައެކަނި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަންޏެއް ނޫނެވެ. ގަވާއިދުން ކަސްރަތު ކުރާނަމަ ސިކުނޑީގެ ފަންކްޝަންތަކަށް އެކަމުން ފައިދާ ކުރެ އެވެ. އަދި ހަނދާނާއި ގުޅޭ ކަންކަމަކީ ސިކުނޑިގެ އެންމެ މުހިންމު އެއް ފަންކްޝަން ކަމުގައިވާއިރު ގަވާއިދުން ކަސްރަތު ކުރުމަކީ ހަނދާން ވަރުގަދަކޮށްދޭ ކަމެކެވެ.
9- ސްޓްރެސް އާ ދުރުވުން
ކަންކަމާ ކަންބޮޑުވެ "ބޯގޮވާ" ގޮތް ވާނަމަ އެކަމުން އަހަރެމެންގެ ސިކުނޑީގެ މެމޮރީ ޕަވަރ ދަށްވާ ގޮތް ވެ އެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުވުމަކީ މުހިންމު ކަމެކެވެ.
10- މާ ބޮޑަށް ފަލަނުވުން
ބޮޑީ މާސް އިންޑެކްސް އެނގިލައްވާތޯ އެވެ. ތިބާގެ ބޮޑީ މާސް އިންޑެކްސް 25 އަށްވުރެ މަތި ނަމަ ހަނދާންނެތޭ ބަލީގެ ސިކާރައަކަށް ވުމުގެ ފުރުސަތު 15 އިންސައްތަ ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. ބޮޑީ މާސް އިންޑެކްސް ބަލައިލުމަށް މި ޓޫލް ހިޔާރު ކޮށްލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް