އެމްއެންޑީއެފުން ހިންގި 16 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސްއިން ހިންގި 16 ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި އެވެ. މި ކޭމްޕް ނިންމުމުގެ ގޮތުން ކ.ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނ...

12 Dec 2014 | 06:40

މޯލްޑިވްސް ނޭޝަނަލް ޑިފެންސްއިން ހިންގި 16 ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި އެވެ.

މި ކޭމްޕް ނިންމުމުގެ ގޮތުން ކ.ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ޑރ. އައިޝަތު ޝިހާމް ވަނީ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޑރ. އައިޝަތު ޝިހާމެވެ. މިކޭމްޕްގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރައިވެޓް ރަނީން އައިޝް އެވެ. ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ދެ ދަރިވަރަކު ހޮވިފައިވެއެވެ. އެއީ ޣާޒީ ސްކޫލްގެ ޕްރައިވެޓް ޝެލީން ޝާކިރާއި ދަރުމަވަންތަ ސްކޫލްގެ ސާޖަންޓް މުޙައްމަދު މުބާހެވެ. ސާޖަންޓް މުޙައްމަދު މުބާޙް ވަނީ ކިޔާވަދެވުނު މާޢްދާތަކުގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން އެންމެ މޮޅު ފިރިހެން ދަރިވަރުގެ މަޤާމްވެސް ހޯދާފައެވެ. މި ކޭމްޕްގެ އެންމެ މޮޅު ޕްލަޓޫނަކަށް ހޮވިފައި ވަނީ ކޯބްރާ ޕްލަޓޫނެވެ. މީގެ އިތުރުން މިކޭމްޕްގެ ބައިވެރިންނަށް ފްލޭޝް ހަވާލުކޮށްދެއްވީ ސިފައިންގެ ކެޕްޓަން ރޭންކުގެ އޮފިސަރުން ކަމުގައިވާ ކެޕްޓަން އިސްމާޢީލް އާތިފާއި ކެޕްޓަން މުޙައްމަދު ފަހުމީ އާއި ކެޕްޓަން މުޒައްފަރު ޖަލާލާއި ކެޕްޓަން ޑރ. ޝަޒްމާ ޢަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އެޖުޓަންޓް ލެފްޓިނަންޓް ކާނަލް އަޙްމަދު ޣިޔާސެވެ.

ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށްދިނުން ހިމެނޭ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ޤައުމީ ރޫހު އުފައްދާ ދިރުވުން ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުންވެސް މިކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ކިޔަވައިދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަރޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެވެ. މީގެ އިތުރުން ކެޑޭޓް ކޭމްޕްގެ ދަރިވަރުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމަށްޓަކާ ދީނީ ދަރުސްތައް ދީފައިވެއެވެ. އަދި ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މިކޭމްޕްގެ ބައެއްގެ ގޮތުގައި ފަސްވަގުތު ނަމާދުކުރުމުގެ އާދަ އުނގަންނައި ދެވިފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިކެޑޭޓް ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 27 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މާލޭގެ 11 ސްކޫލްއާއި އަތޮޅުތަކުގެ 16 ސްކޫލަކުން 29 އަންހެން ކެޑޭޓުންނާއި 114 ފިރިހެން ކެޑޭޓުންނާއެކު ޖުމްލަ 143 ކެޑޭޓުން މިކޭމްޕްގައި ބައިވެރިވެފައިވެއެވެ.

ސޯޅަ ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައިވާ 143 ކެޑޭޓުންގެ ތެރެއިން ސިއްޙީ އެކިއެކި ސަބަބުތަކާއިހުރެ 9 ކެޑޭޓަކު މިކޭމްޕުން ވަކިވެފައިވީ ނަމަވެސް 134 ކެޑޭޓަކު މިއަދު މިކޭމެޕް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިންގ އޮފިސރަ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އެޖުޑަންޓް ލެފްޓިނެންޓް ކާނަލް އަޙްމަދު ޣިޔާޒް އާއި އެމްއެންޑީއެފް ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާ މޭޖަރ އިބްރާހިމް އަޝްރަފް އާއި ޤައުމީ ކެޑޭޓް ކޯގެ އޮފިސަރުންގެ އިތުރުން ކެޑޭޓް ކުދިންގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

2014 ޑިސެމްބަރު 1 – 11 އަށް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ހިންގި 16 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމުމަށްފަހު ކޭމްޕްގެ ބައިވެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް