ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނީގެ ގޮތުގައި ހިމެނޭ އެންވީޑިއާގެ ބާނީ އަދި ސީއީއޯ ޖެންސެން ހުއާން މަގާމާއި ކުންފުނީގެ ބޯޑުންވެސް ވަކިވެފައިވާކަން އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ވަގުތީ ގޮތުން ސީއީއޯގެ މަސްއޫލިއްޔަތު ނަންގަވާނީ ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސް ކަމަށް ކުންފުނިން ބުނެފައިވެއެވެ. ދާއިމީ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޯޑުގެ ފުރަތަމަ ޗެއާމަނަކަށް ސިނޮޕްސިސްގެ ކުރީގެ ސީއީއޯ އަދި ބޯޑް މެންބަރު ހާވީ ޖޯންސް ހަމަޖައްސާފައިވެއެވެ. ހުއާންއަކީ ކުންފުނީގެ ހިއްސާގެ ގާތްގަނޑަކަށް 3.61 އިންސައްތަ ހިއްސާ އޮންނަ، ހަތަރުވަނައަށް އެންމެ ބޮޑު އިންވެސްޓަރެވެ.
މި ހަބަރާއެކު އެންވީޑިއާގެ ހިއްސާގެ އަގު ބާޒާރު ހުޅުވުމުގެ ކުރިން 10 އިންސައްތައަށްވުރެ ދަށަށް ވެއްޓި، މުޅި ބާޒާރަށް ވެސް ނޭދެވޭ އަސަރު ކޮށްފައިވެއެވެ.
ހުއާން ވަކިވުމާ ގުޅިފައިވާ ސަބަބަކީ ފާއިތުވި ދުވަސްތަކުގައި ފެންމަތިވި ރިޕޯޓުތަކެކެވެ. އެ ރިޕޯޓުތަކުން ހާމަވީ، ކައިވެނީގެ ބޭރުން ގުޅުމެއް ބޭއްވި ޗައިނާގެ ވިޔަފާރިވެރި އެލިސް ހުއާންއަކީ ބެއިޖިންގަށް ޖާސޫސުކޮށްދޭ ފަރާތެއް ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވާ ކަމެވެ. މީގެ އިތުރުން، ނިއުޔޯކް ޓައިމްސްއިން ބުދަ ދުވަހު ރިޕޯޓުކުރި ގޮތުގައި ހުއާންގެ ދަށުން މަސައްކަތްކުރައްވާ ހެލްތު ކެއާ ޑިވިޝަނުގެ ވައިސް ޕްރެޒިޑެންޓް ކިމްބާލީ ޕަވެލްއާ ވެސް ކައިވެނީގެ ބޭރުން ގުޅުމެއް ބާއްވާފައިވެއެވެ. ބުދަ ދުވަހު ބޯޑުން ބައްދަލުކުރީ ހުއާން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ކަމަށް މި މައްސަލައާ ގާތުން ދިރާސާކުރާ ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް