ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް
ޤައުމެއް ކުރިއަރައިދާނީ އެ ތަނެއްގެ ރައްޔިތުންގެ ސިކުނޑިތައް ހެޔޮ މަގުން ތަރުބިއްޔަތުކޮށްގެން ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކ. ހުރާގައި މިއަދު ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ހީނާ ވިދާޅުވީ ހުރަވީ ދުވަސް ނިސްބަތްވާ ދޮންބަންޑާރައިން — އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން — އަކީ މުޅި ދިވެހި އުންމަތަށް ފުން ޢިބްރަތްތަކެއް ދޫކުރެއްވި ޝަޚްޞިއްޔަތެއް ކަމަށެވެ. ދޮންބަންޑާރައިން ޤައުމު ދިފާޢުކުރެއްވީ ވެރިކަމުގެ ދަހިވެތިކަމެއްގައި ނޫން ކަމަށާއި، ރަސްކަމުގެ ތަޚްތު ހުށަހެޅުމުން ވެސް އެ ފުރުޞަތު ދޫކޮށްލެއްވި ކަމަށް ހީނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދޮންބަންޑާރައިން އިޚްތިޔާރުކުރެއްވީ އަމާނާތްތެރިކަމާ އެކު ރަދުންގެ ބޭފުޅެއް ލައްވައި ވެރިކަން ހިންގެވުމެވެ.
"އެއީ އަޚްލާގުގެ ހަރުދަނާކަމާއި މިސާލީ ދިރިއުޅުމެއް ދެއްކެވި ނަމޫނާ ބޭފުޅެއް،" ހީނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައި އޮތީ ޢުމްރާނީ ތަރައްޤީއާ އެކު އިންސާނީ ވަސީލަތް ބިނާކުރުމުގެ މައްޗަށް ކަމަށް ހީނާ ވިދާޅުވިއެވެ. އެ ގޮތުން ޤައުމީ ލޯތްބާ ގުޅިފައިވާ ޖީލެއް އުފެއްދުމަށް ޤައުމިއްޔަތުގެ ބޮޑު މަޝްރޫޢެއް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
"ގައުމެއްގައި ތަރައްގީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ހަގީގީ ފޮނި މީރުކަން ލިބެނީ އެ ގައުމެއްގެ އިންސާނީ ސިކުނޑިތައް ވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން،" ހީނާ ވިދާޅުވިއެވެ.
ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ދޮންބަންޑާރައިންގެ ޒިކުރާ އާކުރާ ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް