ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭންގައި އިއްޔެ ހިނގި ހާދިސާގެ އިތުރު މައުލޫމާތު ކަށަވަރުވަމުންދާ ވަރަކުން ހާމަކުރާނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ން ބުނެފިއެވެ.
އިއްޔެ މެންދުރު ހިނގި ހާދިސާއެއްގައި ޓީއެމްއޭގެ ސީޕްލޭނެއް އަރިއަރާޅައި އެތެރެއަށް ފެން ވަދެ ދިޔަ ވެފައިވާ ކަމަށްވެ އެވެ. މި ހާދިސާގައި އެ ސީޕްލޭންގައި ހުރި ކްރޫ މެމްބަރަކަށް އަނިޔާވެގެން ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި އެވެ.
އެ މުއްވަޒަފަށް ލިބުނު އަނިޔާގެ ތަފްސީލާއި މިހާރުގެ ހާލަތު އިތުރަށް ބަޔާން ނުކޮށް މިއަދު ޓީއެމްއޭގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސީޕްލޭންގެ އެޓެންޑަންޓަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކްރޫއަށް އެންމެ ފުރަތަމަވެސް ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެން ކަމަށްވެ އެވެ.
މީޑީއާއާ މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ، ސީޕްލޭން ނައްޓާލަން އުޅެނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެ، ކުއްލިއަކަށް ސްޕީޑު ބާރުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް