ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ކިލޯއަކުން ނަގާ 302 ރުޕީސްގެ ޓެކްސް 10 ރުޕީސްއަށް ދަށްކުރަން ލަންކާގެ ރައީސް ހުށަހަޅައިފި

12 Nov 2026 | 21:57
ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ކިލޯއަކުން ނަގާ 302 ރުޕީސްގެ ޓެކްސް 10 ރުޕީސްއަށް ދަށްކުރަން ލަންކާގެ ރައީސް ހުށަހަޅައިފި

ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ނަގާ ސްޕެޝަލް ކޮމޮޑިޓީ ލެވީ (އެސްސީއެލް)، ކިލޯއަކަށް 302 ރުޕީސްއިން 10 ރުޕީސްއަށް ދަށްކުރަން، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ، ބުރާސްފަތި ދުވަހު ޕާލަމެންޓަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައި ހުށަހަޅައިފިއެވެ.

Advertisement

މި ބަދަލު ތަންފީޒުކުރާނީ ނޮވެމްބަރު 13، ހުކުރު ދުވަހުން ފެށިގެންނެވެ. އެއީ ކިލޯއަކުން 292 ރުޕީސްގެ ލުޔެކެވެ.

ހަމަ އެ ބަޖެޓުގައި، ލަންކާއަށް އެތެރެކުރާ ހާމަހުގެ އެސްސީއެލް 100 ރުޕީސްއިން 10 ރުޕީސްއަށް ދަށްކުރަން ވެސް ހުށަހަޅާފައިވެއެވެ. އަދި މުގުރާފައި ހުންނަ އަދި ނުމުގުރާ ހިކި މިރުހުގެ ލެވީ ކިލޯއަކުން 50 ރުޕީސް ދަށްކުރާނެއެވެ. ނަމަވެސް އެތެރެކުރާ ހަކުރުގެ ލެވީ ކިލޯއަކުން 10 ރުޕީސް ބޮޑުކޮށްފައިވެއެވެ. އެއީ އެ ޤައުމުގައި ހަކުރު އުފައްދާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތެއް ދިނުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

އަސާސީ ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން ލުއިކޮށްދިނުމަށް އެސްސީއެލް ދަށްކުރަން ހުށަހަޅާ ކަމަށް ދިސަނަޔަކަ ޕާލަމެންޓުގައި ބުނެފައިވެއެވެ. ތިން ބާވަތުގެ ލެވީ ދަށްކުރިޔަސް، ހަކުރުގެ ޓެކްސް ބޮޑުކުރުމާއެކު، އެސްސީއެލްގެ ބަދަލުތަކުން އަހަރަކު 950 މިލިއަން ރުޕީސްގެ ސާފު އާމްދަނީއެއް އިތުރުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

ދިވެހި ހިކިމަހުން 302 ރުޕީސްގެ ލެވީއެއް ނަގަން ފެށީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އޭގެ ކުރިން އެ ރޭޓް އޮތީ 102 ރުޕީސްގައެވެ. އެ ލެވީ ތިން ގުނައާއި ގާތްކުރާ އަދަދަކަށް ބޮޑުކުރީ، ލަންކާގެ އަމިއްލަ މަސްވެރިކަމުގެ ޞިނާޢަތް ރައްކާތެރިކުރުމަށް ކަމަށް އެ ޤައުމުގެ ފިޝަރީޒް ވުޒާރާއިން އޭރު ބުނެފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާ އެސްސީއެލް ގެޒެޓްކުރިއިރު ވެސް، އެ ރޭޓް ހަމަ އެގޮތުގައި ދަމަހައްޓާފައިވެއެވެ.

ދިވެހި ހިކިމަހަކީ ލަންކާގެ ކެއުންތަކުގައި "އުމްބަލަކަޑަ"ގެ ނަމުން މަޝްހޫރު، އެ ޤައުމުގެ ސަމްބޯލް އާއި ރިހަ ފަދަ ތަކެތީގެ އަސާސީ ބާވަތެކެވެ. ލަންކާގައި މި ބާވަތް އުފައްދާ މިންވަރު ޑިމާންޑާއި ގާތަށްވެސް ނު އުފެއްދޭތީ އެ ޤައުމުން އަހަރަކު ދެހާހެއްހާ މެޓްރިކް ޓަނުގެ ދިވެހި ހިކިމަސް އެތެރެކުރެއެވެ. ރާއްޖެއިން ބޭރުކުރާ ހިކި އަދި ލޮނުލީ މަހުގެ ބޮޑު ބައެއް ދަނީ ލަންކާ އާއި އިންޑިއާގެ ބާޒާރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް