އެމެރިކާގެ ސައުތު ކެރޮލައިނާގެ ލެކްސިންޓަން ކައުންޓީގައި 25 އަހަރުގެ ބައްޕައަކު ބިމު އަޑީގައި ފޮއްޓެއްގެ ތެރޭގައި ދިރިހުއްޓައި ވަޅުލި 11 މަހުގެ ފިރިހެން ކުއްޖަކު ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.
ކޯ ޝާޕް ނަމަކަށް ކިޔާ އެ ކުއްޖާ ގެއްލުނީ ހޯމަ ދުވަހު، ބައްޕަ މައިކަލް ކޯމާ، މަންމަގެ ގެއިން ކުއްޖާ ގޮވައިގެން ނިކުތް ހިސާބުންނެވެ. ކުއްޖާގެ މަންމައަކީ ކާކުކޮށް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ނުވާއިރު ބުނެފައިވަނީ ތުއްތު ކުއްޖާގެ ބެލެނިވެރިކަން ހަވާލުކޮށްފައި ވަނީ ބައްޕަގެ މަންމަ ޕެޓްރީޝިއާ ކޯމާ އާއި ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ކައުންޓީ ޝެރިފް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ކޯމާގެ މަންމައަށް ކުއްޖާ ބެލެހެއްޓުން ހަވާލުކޮށްފައި ވީނަމަވެސް ބައެއް ފަހަރު ދަރިފުޅު ގެންގުޅުމުގެ ހުއްދަ މައިކަލްއަށް ދިނުމަށް ކޯޓުން އަންގާފައިވެ އެވެ. ކުއްޖާ ގެއްލުނުކަން ފާހަގަވެގެން މާމަ ފުލުހުންނަށް ރިޕޯޓު ކުރީ ކުއްޖާއާއި ހަވާލުވެ ގެންގުޅެލަން ދިނުމަށް އެދުމުން ދަރިފުޅު ހަވާލު ކުރުމަށް ފަހު ބޭރަށް ގޮސް އައި ފަހުން ކުއްޖާ ނުފެންނާތީ އެވެ.
ކުއްޖާ ހޯދުމަށް ފުލުހުންނާއި އަލިފާން ނިއްވާ ޚިދުމަތުގެ 100 މީހުން ނެރުނު ކަމަށް ޝެރިފް ޑިޕާޓްމެންޓުން ބުނެފައިވެ އެވެ. ފުލުހުން ކުއްޖާ ކޮބައިތޯ މައިކަލްއާ ސުވާލު ކުރުމުން އެކަމާ ބެހޭ ގޮތުން މާބޮޑު އެއްޗެސް ނުބުނާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކުއްޖާ ވަޅުލާފައި އޮތްކަން އެނގުނީ ކުއްޖާ އޮތްތަން ހޯދުމަށް ފުލުހުންގެ ޓީމުތަކުން އެ ސަރަހައްދުގެ ޖަންގަލި ހޯދަމުން ދަނިކޮށް އަލަށް ނެގިފައިހުރި ފަސްތަކެއް ފެނުމުން ކައިރިއަށް ދިޔަތަނާ އެ ވަގުތު އަޑިން ކުއްޖެއްގެ ރޯއަޑު އިވެންފެށުމުން ކަމަށް ބުނެފައިވެ އެވެ.
ކުއްޖާ ވަޅުލާފައި އޮތީ ގާތްގަނޑަކަށް ދެ ފޫޓު ބައި ދެ ފޫޓު ހުރި ކުއްތާ ފޮއްޓެއްގެ ތެރޭގައި ކަމަށާއި، ފޮށީގައި ތުވާއްޔެއް އޮޅާފައި އޮތުމުން ނޭވާ ލެވޭ ވަރަށް ވައި ލިބުމުގެ ފުރުސަތު އޮތް ކަމަށް ފުުލުހުން ބުނެފައިވެ އެވެ. އަދި ފިނި މޫސުމުގެ ސަބަބުން ކުއްޖާ މާ ބޮޑަށް ހޫނު ނުވެ އިތުރުން އެހާގިނަ އިރު ދިރިއޮތީކަމަށް ފުލުހުން ގަބޫލު ކުރެ އެވެ. ކުއްޖާ މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، އެއްކޮށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެ އެވެ.
މީގެ ކުރިން މައިކަލްގެ މައްޗަށް ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގައި ދައުވާ އުފުލާފައި އެވެ. އެ މައްސަލަ އޮތީ ހުކުމް ކުރުމުގެ މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް