އެލެގްޒެންޑާ ޑާޗީއެވް --
އެމެރިކާގައި ހުންނަ ރަޝިއާގެ ސަފީރު އެލެގްޒެންޑާ ޑާޗީއެވް ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އޭނާ މަރުވި ސަބަބު ދެނެގަންނަމުން ދާ ކަމަށާއި މަރުވި ސަބަބު އަދި ޝައްކު ކުރެވޭ ގޮތަކަށް ނުފެންނަ ކަމަށް ރަޝިއާއިން ބުނެފައިވެ އެވެ. އެލެގްޒެންޑާ އެމެރިކާއަށް ކަނޑައެޅި ސަފީރު ކަމާއި ހަވާލުވެ މަސައްކަތް ފެށީ މިއަހަރުގެ މާޗު މަހު އެވެ.
ރަޝިއާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑާޗީއެވް އަކީ "ހުނަރުވެރި ޑިޕްލޮމެޓެއް އަދި ތަޖުރިބާކާރު ލީޑަރެއް ކަމަށެވެ. އަދި އޭނާ މަސައްކަތްކުރީ "ރަޝިއާގެ ހާރިޖީ ސިޔާސަތުގެ އެންމެ ނާޒުކު އެއް ދާއިރާގައި" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑާޗީއެވް 1992 ގައި ޑިޕްލޮމެޓިކް ޚިދުމަތާ ގުޅި، ފޮރިން މިނިސްޓްރީގެ އުތުރު އެމެރިކާ ޑިޕާޓްމެންޓުގެ ވެރިޔަކަށް ވެސް ހުއްޓެވެ. 1997 ގައި އެމެރިކާގައި ހުންނަ ރަޝިއާ އެމްބަސީގެ އެޑްވައިޒަރަކަށް ބަދަލުވެ، 2005 އިން 2010 އާ ހަމައަށް އެ އެމްބަސީގެ މިނިސްޓާ ކައުންސެލާ ކަން އަދާކުރިއެވެ. 2014 އިން 2021 އާ ދެމެދު ކެނެޑާގައި ހުންނަ ރަޝިއާ ސަފީރުކަން ވެސް ކޮށްފައިވެއެވެ.
ދައުލަތުގެ ޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑާޗީއެވް އުފަންވީ ޑިޕްލޮމެޓެއްގެ ޢާއިލާއަކަށެވެ. އޭނާގެ ބައްޕަ ނިކީތާ އިވާނޮވިޗް ޑާޗީއެވް އަކީ ހަންގޭރީގައި ހުންނަ ރަޝިއާ އެމްބަސީގެ މިނިސްޓާ ކައުންސެލާއެކެވެ.
ޑާޗީއެވް އެމެރިކާގެ ސަފީރު ކަމަށް ޢައްޔަންކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމަށް އައުމާ ގާތްގަނޑަކަށް އެކު ދުވަސްވަރެއްގައެވެ. ރަޝިއާއިން 2022 ގައި ޔޫކްރެއިނަށް އެރި އެރުން ޑާޗީއެވް އޭރު ސިފަކުރީ "ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް"ގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް