ކެފޭއެއްގައި ބަޔަކު ގަދަކަމުން ތިން ގަޑިއިރު ހިފަހައްޓައި އަނިޔާ ކުރި މީހާކު ބަންދު ކުރަން އަމުރު ކޮށްފި

12 Nov 2026 | 13:18
ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ގަދަކަމުން ހިފަހައްޓައި، އެ މީހުންނަށް އަނިޔާކޮށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދު ކުރަން އަމުރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، އިފްހާމް އަހުމަދު، 19، އެވެ. ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވަނީ 20 ދުވަހަށެވެ.

Advertisement

އޭނާގެ މައްޗަށް ކުރެވެނީ މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ. އޭނާގެ ދިފާއީ ވަކީލް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ކަނޑައެޅައި ކޯޓުން ނިންމީ ބަންދުގައި ބެހެއްޓުމަށެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފި ނަމަ ބިއްލޫރިފުޅިއަކުން ޖަހާނެ ކަމުގެ ބިރު އިފްހާމް ދައްކާފައިވެއެވެ. އޭގެ އިތުރުން، ތިން ގަޑިއެއްހާ އިރު ވަންދެން އެ މީހުން ހިފަހައްޓައިގެން ހުރެ، އެ ފަރާތްތަކުގެ ގަދަރާއި އަބުރަށް އުނިކަން ލިބޭ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅީ އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ލިބުނު އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓުގެ އިތުރުން ސީސީޓީވީ ފޫޓޭޖުގެ ސްނެޕް ޝޮޓްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް