ދާޚިލީ ކަންކަމާ ނުބެހެން ޗައިނާއަށް އަންގާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވި --
ކެނެޑާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަންނަން ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އަށް ދަންނަވާނެކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ.
ޝީ އާއި ކާނީ ވަރަށް އަވަހަށް އޭޕެކް ސަމިޓްގެ ހަވާސާގައި، ޗައިނާގެ ޝެންޒެންގައި ބައްދަލުކުރައްވާނެއެވެ. އޭޕެކް ސަމިޓް އޮންނާނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު، ޗައިނާއަކީ ބޭރުގެ ނުފޫޒުތަކުގެ ތެރެއިން ކެނެޑާއަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ކާނީ ވަނީ ވިދާޅުވެފައެވެ. އަދި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރު ކެނެޑާގައި ބޭއްވި އިންތިޚާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވާފައިވާކަމަށް ކެނެޑާގެ ޖާސޫސީ އިދާރާތަކުން 2024 ވަނަ އަހަރު ވަނީ ބުނެފައެވެ.
ޗައިނާއިން ތަކުރާރުކޮށް ބުނަމުން ދަނީ ކެނެޑާވެސް އަދި އެހެން ގައުމެއްގެވެސް ދާޚިލީ ކަންކަމުގެ ތެރެއަށް އެގައުމުން ނުވަންނަކަމަށެވެ.
ކާނީ ވިދާޅުވީ ޝީ އާއި ބައްދަލުވުމުން، ސީދާސާދާކޮށް ކެނެޑާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާއާއި އެހެން ގައުމުތަކުން ވަދެގެން ނުވާނެކަމަށް ދަންނަވާނެކަމަށެވެ.
މިދަނޑިވަޅަކީ އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް، ކެނެޑާއިން ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްވެސްމެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ކާނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޗައިނާއިން ވަނީ ކެނެޑާއިން އެތެރެކުރާ ދަނޑުވެރިކަމާ ގުޅުންހުރި ބައެއް ސާމާނުން ނަގާ ޓެރިފް އުވާލާނެކަން އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް