މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ އެދުން ފުއްދި މައްސަލައެއްގައި ހައްޔަރު

12 Nov 2026 | 11:47
ނައުޝާދު މޫސާ -- ފޮޓޯ: ޕޮލިސް

ނައުޝާދު މޫސާ -- ފޮޓޯ: ޕޮލިސް

މިސްކިތު ތެރެއަށް ބޮޑު ކަމުދިޔަ މައްސަލައިގައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރި ނައުޝާދު މޫސާ އަނެއްކާވެސް އެ ފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މިފަހަރު އޭނާ ހައްޔަރު ކުރީ ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ އަމިއްލައަށް އެދުން ފުއްދި މައްސަލައެއްގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ ނައުދާއު އެ އަމަލު ހިންގާފައިވަނީ އިއްޔެ އެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރުގާން މިސްކިތުގައި އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންގެ އިދާރާއަށް މީހަކު ހާޒިރުވެ ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލާގައި އެފަރާތުން ދިން މަޢުލޫމާތާއި ގުޅިގެން ނައުޝާދު ހައްޔަރުކޮށްފައިވާ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އަދި ފުލުހުން ދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ނައުޝާދު އެފަދަ ކަމެއް ތަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ފަތިހު މިސްކިތަށް ވަދެ މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައެވެ. އޭގެ ކުރިން ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފުތައް އުކާލައި ތަނަށް ގެއްލުންވެސް ދީފައިވެ އެވެ.

ބޮޑުކަމުދިޔަ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، މި މަހުގެ އެއް ވަނަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ. އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން ކޯޓުން އިއްވީ 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި 1 މަހާއި 21 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަން ޖެހޭ އިތުރު އަދަބެއް ނެތުމުން ކޯޓުން ވަނީ އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފައެވެ.

ބަންދުން ދޫކޮށްލި ފަހުން ވެސް ނައުޝާދު ތަކުރާރުކޮށް އެ މިސްކިތަށް ގޮސް ނިދައި، މިސްކިތްތަކުގެ މަސްލަހަތު ގެއްލޭ ގޮތަށް އުޅެމުންދާ ކަމުގެ ޝަކުވާ އާންމުންދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް