ޗައިނާއިން އުފައްދާފައިވާ ޑްރޯނެއް ބޭނުން ކުރަނީ --
ޖަރުމަންވިލާތުގެ އަސްކަރިއްޔާއިން ޗައިނާގެ ޑްރޯންތައް ބޭނުންކުރުން ހުއްޓާލަން ނިންމައިފިއެވެ.
ޖަރުމަންވިލާތުގެ ދިފާޢީ ވުޒާރާއިން އިއްޔެ މިކަން ހާމަކުރީ، ޗައިނާގެ ޑްރޯންތައް ބޭނުންކުރުމަކީ ސަލާމަތީ ނުރައްކަލެއްކަމަށް ހުޅަނގުގެ ޤައުމުތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެގައުމުތަކުން ޤަބޫލުކުރާ ގޮތުގައި އެޑްރޯންތަކުގެ ޑޭޓާ ޗައިނާ ސަރުކާރާ ހިއްސާކުރުމުގެ ޤާބިލްކަން ޗައިނާގެ ކުންފުނިތަކުގައި އެބަހުއްޓެވެ. އަދި އެކަންކުރުމުގެ ފުރުސަތު ބޮޑުކަމަށް ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރެއެވެ.
ޖަރުމަންވިލާތުގެ އަސްކަރިއްޔާއިން ޗައިނާގެ ޑްރޯންތައް ބޭނުންކުރަމުން އައީ ތަމްރީންތަކުޔާއި، ޓާގެޓް ޕްރެކްޓިސްފަދަ ކަންކަމުގައެވެ. ސަބަބަކީ ޗައިނާއިން އަގު ހެޔޮ ޑްރޯން ލިބެން ހުރުމެވެ. މީގެ ތެރޭގައި ޑްރޯން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ޗައިނާގެ ޑީ.ޖޭ.އައި ގެ ޑްރޯންތައް ހިމެނެއެވެ. އެހެންނަމަވެސް މީގެ ފަހުން މިފަދަ ބޭނުންތަކަށްވެސް ބޭނުންކުރާނީ ޔޫރަޕްގެ ޑްރޯންތައްކަމުގައި މިހާރު ވަނީ ނިންމާފައެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ވަނީ ޖަރުމަންވިލާތުގެ މި ނިންމުމަށް ފާޑުކިޔާފައެވެ.
ދާދިފަހުން އެމެރިކާއިން ވަނީ ޖަޕާނުގެ އޮކިނާވާގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށް، ޗައިނާގެ ބީ.ވައި.ޑީ ކުންފުނިން އުފައްދާ ވެހިކަލްތައް ވެއްދުން މަނާކޮށްފައެވެ. އަދި ޕޮލެންޑުންވެސް އެގައުމުގެ އަސްކަރީ މަރުކަޒުތަކަށް ޗައިނާގައި އުފައްދާ އެއްވެސް ބާވަތެއްގެ ވެހިކަލް ވެއްދުން މަނާކުރިއެވެ. ހުޅަނގުގެ ޤައުމުތަކުން މިފިޔަވަޅުތައް އަޅަނީ، އެވެހިކަލްތަކުން އަސްކަރީ ބޭސްއާއި ގުޅޭ މުހިއްމު މައުލޫމާތުތައް ޗައިނާއަށް ޓްރާންސްމިޓް ކޮށްފާނެކަމުގެ ބިރު އޮތުމުންކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް