އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

11 Nov 2026 | 20:55
އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އަންތާލިޔާ ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ތުރުކީވިލާތުގައި ކުރިއަށްދާ އަންތާލިޔާ ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ތުރުކީވިލާތުގެ އަންތާލިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި މަހުގެ 10 އިން 14 އަށް އެޤައުމުގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވާހަކަފުޅު ދެއްކެވިއެވެ. "ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ ސަމިޓެކެވެ.

މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާ ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަމާއި، އަރބަން އެޑެޕްޓޭޝަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް